އަގާނިސްތާނުގައި ކާރުގައި ލަވަ ޖެހުމާއި ބުރުގާ ނާޅާ އަންހެނުން އެރުވުން މަނާކޮށްފި

އަފްގާނިސްތާނުގައި ކާރުގައި ލަވަޖެހުމާއި ބުރުގާ ނާޅާ އަންހެނުން ފަސިންޖަރުންގެ ގޮތުގައި ކާރަށް އެރުވުން މަނާކޮށްފި އެވެ. މި އެންގުން ތޯލިބާނުން އަންގާފައިވަނީ ލިޔުމުން ކަމަށް އަފްގާނިސްތާނުގެ ނޫސްތަކު...

27 Dec 2021 | 10:59

އަފްގާނިސްތާނުގައި ކާރުގައި ލަވަޖެހުމާއި ބުރުގާ ނާޅާ އަންހެނުން ފަސިންޖަރުންގެ ގޮތުގައި ކާރަށް އެރުވުން މަނާކޮށްފި އެވެ.

މި އެންގުން ތޯލިބާނުން އަންގާފައިވަނީ ލިޔުމުން ކަމަށް އަފްގާނިސްތާނުގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވެ އެވެ. އެއްގަމު އުޅަނދު ފަހަރުގެ އިތުރުން މިފަދަ އެންގުމެއް އަފްގާނުގައި ގެސްޓް ހައުސް ފަދަ ތަންތަނަށްވެސް އަންގާފައިވެ އެވެ.

އެ ތަންތަނަށް އަންގާފައިވަނީ ކައިވެނި ހަފްލާތަކުގައި ލަވަ ޖެހުން މަނާ ކަމަށާއި ކައިވެނި ޕާޓީ ބާއްވަން ހުއްދަ ދޭން ޖެހޭނީ އަންހެނުންނަށް ވަކި ހޯލެއް އަދި ފިރިހެނުންނަށް ވަކި ހޯލެއް ކަމަށެވެ.

ތޯލިބާން ސަރުކާރުން މިހާރު ވަނީ ދީނީ ގައިޑް ލައިނެއް ނެރެ ޓީވީ ސްޓޭޝަންތަނަށްވެސް ލިޔުމެއް ފޮނުވާފައި އެވެ. އެ ލިޔުމުގައި ބުނެފައިވަނީ އަންހެނުން ބައިވެރިކޮށްގެން ކުޅޭ ޑްރާމާތަކާއި ޝޯތައް ދެއްކުން ހުއްޓާލަން އަންގާ ކަމަށެވެ.

މީގެ އިތުރުން އަންހެނުން ތަންތަނަށް ދަތުރު ކުރާއިރު ތިމާގެ ފިރިހެނަކު އެކުގައި ހުރުމަކީ މިހާރު އަފްގާންގައި މަޖުބޫރު ކޮށްފައިވާ ކަމެވެ. އަންހެނުންގެ އިތުރުން ތޯލިބާނުން ދަނީ ފިރިހެނުންނަށްވެސް ގަވައިދުތައް ހަދަމުންނެވެ.

އެގޮތުން ތުނބުޅި ދިގު ކުރަން މިހާރު މަޖުބޫރު ކުރަމުންދާއިރު މީގެ ކުރިން ވަނީ ހުޅަނގުގެ ސްޓައިލަށް ފިރިހެނުންގެ ބޯ ކޮށައި ދިނުން ސެލޫންތަކަށް މަނާކޮށްފަ އެވެ.

މި ގަވައިދު ތަކާއި އެކު ތޯލިބާނުން 1996 ން 2001 އަށް އަފްގާނިސްތާނުގައި ކުރި ހަރުކަށި ވެރިކަން ރުޖޫއަ ވަމުންދާކަން ދަނީ ހާމަވަމުންނެވެ. އަދި މިފަހަރު އަފްގާން ވެރިކަމަށް އަރަމުން ދެއްކި ވާހަކަތަކަކީ އަސްލެއް ނެތް ވާހަކަތަކެއް ކަން ދަނީ ހާމަވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް