މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށް އޮފީސްތަކުގެ ޙާލަތު ދެނެގަތުމަށް: ރައީސް

މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އޮފީސްތަކުގެ ޙާލަތު ދެނެގަތުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. އެމަނިކުފާނ...

27 Dec 2021 | 07:22

މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ، ސަރުކާރުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އޮފީސްތަކުގެ ޙާލަތު ދެނެގަތުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީހިންގުމުގެ ދާއިރާގެ އިސްމުވައްޒިފުންގެ ހުނަރާއި ޤާބިލްކަން އިތުރުކުރުމުގެ ޕްރޮގުރާމު އިފްތިތާހު ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ސޯލިހު ވިދާޅުވީ ވަކި އޮފީހަކުން ތަންފީޒުކުރުމަށް ސަރުކާރުން ކަނޑައަޅާ ސިޔާސަތެއް ނުވަތަ ކުރަން ނިންމާ ކަމެއް އެގޮތަކަށް ތަންފީޒުނުވީމާ، އެފެއިލްވަނީ އެ އޮފީހުގެ ސިވިލް ސަރވިސް މުވައްޒަފުންނެއް ނޫން ކަމަށެވެ. އެ ފެއިލްވަނީ މުޅި އޮފީސް ކަމަށާއި ސަބަބަކީ، އޮފީސް ހިންގަނީ، ސިޔާސީ މަގާމުތަކުގައި ތިބޭ މީހުންނާއި ސިވިލް ސަރވަންޓުން ގުޅިގެން ކަމަށްވާތީ ކަމަށް ރައީސް ވިދާޅުވި އެވެ.

"ސަރުކާރަށް ތިން އަހަރު ފުރި، ހަތަރު ވަނަ އަހަރަކަށް އަޅާފައިވާއިރު، ކުރެވުނު ކަންކަމާއި ކުރަންވީ ކަންކަމާމެދު ވިސްނައިލުމަކީ ވަރަށް މުހިންމު ކަމެއް. ވެރިކަން ކުރަނީ ކޮންޕާޓީއަކުންތޯ، ކޮންބައެއްތޯ ބެލުމަކީ ސިވިލްސާވިސް މުވައްޒިފުންގެ ދައުރެއް ނޫންކަމަށާއި، ސިވިލްސާވަންޓުންގެ އަމާޒަކަށްވާން ވާނީ ކޮންމެ ސަރުކާރެއް އޮތަސް އެސަރުކާރެއްގެ ސިޔާސަތު ތަންފީޒު ކުރުން." ރައީސް ސޯލިހު ވިދާޅުވިއެވެ.

ރައީސް ސޯލިހު އިތުރަށް ވިދާޅުވީ ސަރުކާރުން ޙާޞިލްކުރަން ބޭނުންވާ ނަތީޖާއާ ހަމައަށް ވާޞިލްވެވޭނެ އެންމެ ފަސޭހަ އަދި އެންމެ ކުރު މަގަކީ ކޮބައިކަން ދެނެގަނެ، ސަރުކާރުގެ ސިޔާސަތުތައް ވީހާ އަވަހަކަށް އަދި ފަސޭހައިން ތަންފީޒު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިކަން އެންމެ ފުރިހަމައަށް ކުރެވޭނީ، ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ސިވިލް ސަރވިސް މުވައްޒަފުން މިހާރަށް ވުރެ ބޮޑަށް ގުޅިގެން މަސައްކަތްކުރައްވައިގެންކަމަށް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް