މާންދޫ ރަން ގެ މެޑަލްތައް ދައްކާލައިފި - ރަން އޮންނާނީ މި ޑިސެމްބަރ މަހުގެ 31 ގަ

މި ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "މާންދޫ ރަން" ގެ ދުވުންތެރިނަށް ދޭ މެޑަލް ދައްކާލައިފި އެވެ. މި ދުވުން އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވާ އަބުދުލް މާޖިދު ދުވަސްއެމްވީ...

27 Dec 2021 | 06:52

މި ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ "މާންދޫ ރަން" ގެ ދުވުންތެރިނަށް ދޭ މެޑަލް ދައްކާލައިފި އެވެ.

މި ދުވުން އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވާ އަބުދުލް މާޖިދު ދުވަސްއެމްވީ އަށް ވިދާޅުވީ މާންދޫ ރަން 2021″ ބޭއްވުމަށް މިހާރުނިންމާފައިވާ ތާރީޚުކަމަށްވާ މި ޑިސެމްބަރ މަހުގެ 31 ވާ ހުކުރު ދުވަހު އޮންނާނެ ކަމަށެވެ.

އެ އަތޮޅުގައި ކޮވިޑުގެ ހާލަތު ހުރިގޮތުން އެފަދަ ދުވުމެއް ބޭއްވުމަކީ އެންމެއެދެވޭގޮތް ކަމުގައި ނުވާތީ، މި ރަން ބާއްވާ ތާރީޚް މީގެކުރިން ދެފަހަރެއްގެމަތީން ވަނީ ފަސްކުރެވިފަ އެވެ.

ހޮރައިޒަން ފިޝަރީޒްގެ 18 ވަނަ އަހަރީ ދުވަހާއިގުުވައިގެން ބާއްވަން ނިންމާފައިވާ މި ދުވުމުގައި 5 ކިލޯ މީޓަރާއި 10 ކިލޯ މީޓަރު އަދި ހާފް މެރަތަން (21 ކިލޯ މީޓަރު) ވަނީ ހިމަނާފަ އެވެ. އަދި ކުޑަކުދިންނަށް ޚާއްސަކޮށްގެން “ފަން ރަން” ގެ ނަމުގައި ޚާއްސަ ދުވުމެއް ވެސް ބާއްވަން ވަނީ ނިންމާފަ އެވެ.

މާންދޫ ގޭޓުން ފަށާ އަދި އެ ގޭޓު ކައިރިޔަށް ނިންމާގޮތަށް ހަމަޖެހިފައިވާ މި ދުވުމުގައި މިހައިތަނަށް ތިން ސަތޭކަ އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފަ އެވެ.

މި ދުވުމުގައި ބައިވެރިވާ ފަރާތްތަކަށް ހިތްވަރު ދިނުމަށް ޑރ. ހުސައިން ހަލީމް (ކުޑަ ހުސައިން) ބައިވެރިވާނެ އެވެ. އޭނާއަކީ ދުވުމުގައި ޚާއްސަކޮށް ދިގު ދުވުމުގައި ރާއްޖޭގެ އެތައް ރެކޯޑެއް ހަދާ، އޮލިމްޕިކްސް ގައި ރާއްޖެ ދެފަހަރު ތަމްސީލު ކުރައްވާފައިވާ ފަރާތެކެވެ. އަދި އޮލިމްޕިކްސްގައި 3 ފަހަރު ރާއްޖެ ތަމްސީލުކޮށްފައިވާ ކުރީގެ ބާރު ދުވުންތެރިޔާ އަދި ފިޒިކަލް ޓްރެއިނަރ އަހްމަދު ޝަފީގު (ރިވަރިން) ވެސް ބައިވެރިވާނެ އެވެ.

މި ދުވުން ނިންމާ ކޮންމެ ބައިވެރިއަކަށް މެޑެލް ދިނުމަށް ވަނީ ނިންމާފަ އެވެ. މި ދުވުން ކުރިއަށް ދާނީ އެޗްޕީއޭގެ ގައިޑް ލައިނާ އެއްގޮތަށް ކަމަށް އެ ފަރާތުން ބުނެ އެވެ.

“މާންދޫ ރަން” ގެ މީޑިއާ ޕާޓްނަރއަކަށް ހަމަޖައްސާފައިވަނީ ދުވަސްއެމްވީ އެވެ.

ދުވަސްއެމްވީ އިން މީގެ ކުރިން ވެސް ވަނީ މިފަދަ ހަރަކާތްތަކުގައި އެކި ހަރަކާތްތަކުގައި މީޑިއާ ޕާޓްނަރގެ ގޮތުގައި ހަރަކާތްތެރިވެފަ އެވެ.

އެގޮތުން ހދ. ހަނިމާދޫގައި 12 ފެބްރުއަރީ 2016 ގައި ބޭއްވި މޫދު ކުޅިވަރު ހަރަކާތްތަކެއްގެ މީޑިއާ ކަވަރޭޖު ހަދާފައިވާ އިރު، މިއަހަރުގެ އޯގަސްޓު މަހު ބ. ދަރަވަންދޫގައި ބޭއްވި “ދަރަވަންދޫ ފުޓްސަލް ފިއެެސްޓާ 2021ގެ” އޮންލައިން މީޑިއާ ޕާޓްނަރގެ ގޮތުގައި ވެސް ދުވަސްއެމްވީ ވަނީ ހަރަކާތްތެރިވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް