އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެރޭ ލެސްޓާ ސިޓީ އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު މެންޗެސްޓާ ސިޓީން ކާމިޔާބު ކޮށްފިއެވެ.
ސިޓީން އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލެސްޓާގެ މައްޗަށް ކުރި ހޯދީ 6-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ސިޓީން ރަނގަޅު ކުޅުމެއް ދެއްކިއިރު، އެޓީމުން ވަނީ ވަރަށް ގާތްގާތުގައި ހަތަރު ލަނޑު ޖަހާފައެވެ. ސިޓީގެ ފުރަތަމަ ލަނޑު މެޗުގެ ފަސްވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ތަޖުރިބާކާރު މިޑްފިލްޑަރ ކެވިން ޑިބްރެއިނާ އެވެ. އަދި މެޗުގެ 14 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ސިޓީއަށް ލީޑު ފުޅާކޮށްދިނީ ރިޔާދް މާރޭޒްއެވެ. މިއީ ލެސްޓާގެ މިޑްފިލްޑަރ ޔޫރީ ޓީލަމަންސް ކުރި ފައުލަކާ ގުޅިގެން ރެފްރީދިން ޕެނަލްޓީއެކެވެ. އަދި މެޗުގެ 21 ވަނަ މިނެޓުގައި ސިޓީގެ ތިންވަނަ ލަނޑު ޖެހިއިރު، މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އިލްކާއި ގުންޑޮގާންއެވެ. އޭގެ ހަތަރު މިނެޓު ފަހުން އިތުރު ޕެނަލްޓީއެއް ސިޓީއަށް ލިބުނުއިރު، މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން ސިޓީގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ރަހީމް ސްޓާލިންގއެވެ.
މެޗުގެ ފުރަތަމަ ހާފު ސިޓީން ނިންމާލީ ހަތަރު ލަނޑުގެ ލީޑަކާއި އެކުގައެވެ. ނަމަވެސް ފަހު ހާފަށް ނިކުމެ ލެސްޓާގެ ކުޅުން އެޓީމުން ވަނީ ރަނގަޅު ކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ ފުލުފުލު ތިން ލަނޑު ޖަހާ ނަތީޖާގެ ފަރަޤު އެއްމެ ލަނޑަކަށް ކުޑަކޮށްފައެވެ. ލެސްޓާގެ ފުރަތަމަ ލަނޑު މެޗުގެ 55 ވަނަ މިނެޓުގައި ކެލެޗީ އެހެނާޗޯގެ އެހީތެރިކަމާއެކު ޖޭމްސް މެޑިސަން ކާމިޔާބު ކުރިއިރު، އޭގެ ހަތަރު މިނެޓު ފަހުން ލެސްޓާގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީީ އަޑެމޯލާ ލުކްމަން އެވެ. އަދި މެޗުގެ 65 ވަނަ މިނެޓުގައި ލެސްޓާގެ އިހެނާޗޯ ވަނީ އެޓީމުގެ ތިންވަނަ ލަނޑު ޖަހާފައެވެ.
ނަމަވެސް ލެސްޓާއިން ސިޓީއާއި އަރާ ހަމަކުރަން އެންމެ ލަނޑަކަށް ގާތްކޮށްފައިވަނިކޮށް ސިޓީން ވަނީ މެޗުގެ އެންމެ ފަހު ވަގުތު ގާތް ގާތުގައި ދެ ލަނޑު ޖަހާ ނަތީޖާގެ ފަރަޤު ބޮޑުކޮށްފައެވެ.
މި ނަތީޖާއާއި އެކު ތާވަލުގެ އެއްވަނައިގައި ސިޓީން އޮތީ ކުޅުނު 19 މެޗުން 47 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ލިވަޕޫލުން އޮތީ އެއް މެޗު މަދުން ކުޅެ 41 ޕޮއިންޓާއެކުގައެވެ. ތިންވަނައިގައި އޮތް ޗެލްސީއަށް 19 މެޗުން 41 ޕޮއިންޓް ވަނީ ލިބިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް