ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ބިލުގައި ހިމެނުމުން ބޭންކިންގ ނިޒާމުގައި ދައުރުވާ ޑޮލަރު އިތުރުވާނެ: ރައީސް

ފަތުރުވެރިކަން ނޫން ދާއިރާތަކުންވެސް ވަކި ވަރަކަށްވުރެ ގިނައިން ޑޮލަރުން އާމްދަނީ ލިބޭނަމަ، ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާއިބެހޭ ބިލުގައި ހިމަނާފައިވުމުން ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަ...

27 Nov 2024 | 13:29

ފަތުރުވެރިކަން ނޫން ދާއިރާތަކުންވެސް ވަކި ވަރަކަށްވުރެ ގިނައިން ޑޮލަރުން އާމްދަނީ ލިބޭނަމަ، ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާއިބެހޭ ބިލުގައި ހިމަނާފައިވުމުން ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރު، ކުރިން އަންދާޒާކުރި ވަރަށްވުރެ އިތުރުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މީސްމީޑިއާގައި އެމަނިކުފާނުގެ ރަސްމީ އެކްސް އެކައުންޓުން ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ.) އިން ބޭރު ފައިސާގެ ގަވާއިދު އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން، އެ ގަވާއިދު ގާނޫނަކަށް ބަދަލުކުރުމަށްޓަކައި އާންމުންގެ ޚިޔާލަށް ހުޅުވައިލެއްވުމާއި ގުޅިގެން ޙިއްޞާކުރެއްވި ޕޯސްޓެއްގައި، 500 ޑޮލަރު މާރު ކުރަންޖެހޭ ގޮތަށް ބޭރު ފައިސާއާއިބެހޭ ބިލުގައި އޮތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން 17 ނޮވެމްބަރ 2024 ގައި އެ މަނިކުފާނު ދެންނެވި ފަދައިން ގަވާއިދު ތަންފީޒުކުރުން ވަރުގަދަ ކުރުމަށްޓަކައި އެމް.އެމް.އޭ.އިން އިސްނަގައިގެން ބޭރު ފައިސާ އާއިބެހޭ ޤާނޫނެއް ހެދުމަކީ މުހިއްމުކަމެއްގެ ގޮތުގައި، އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ޕޯސްޓްގައި އެ މަނިކުފާނު ވަނީ، މި ޤާނޫނުގެ ސަބަބުން ރިސޯޓުތަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް، ދިވެހި ރާއްޖޭގެ ބޭންކަކުން 500 ޑޮލަރު މާރު ކުރެވޭނެ ކަމަށާއި، ފަތުރުވެރިކަން ނޫން ދާއިރާ ތަކުންވެސް ވަކި ވަރަކަށްވުރެ ގިނައިން ޑޮލަރުން އާމްދަނީ ލިބޭނަމަ، ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ބިލުގައި ހިމަނާފައިވުމުން، ބޭންކިން ނިޒާމުގައި ދައުރުވާ ޑޮލަރު ކުރިން އަންދާޒާކުރި ވަރަށްވުރެ އިތުރުވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި މި ފަހި ބަދަލުތަކުގެ ނަތީޖާއަކަށް ވާނީ، އާންމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބުން ކަމުގައި، އެ މަނިކުފާނު ހާމަކުރެއްވިއެވެ.

އެގޮތުން، 2025 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓްގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ގާއިމުކުރުމާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026 ގެ ފުރަތަމަ ކުއާޓަރގައި ދެގުނަކޮށް، އެއަދަދު 1000 ޑޮލަރަށް ހެދުން ފާހަގަކުރެރއްވިއެވެ. އަދި 2026 ގެ ފުރަތަމަ ކުއާޓަރގައި ކްރެޑިޓް ކާޑު ލިމިޓްތައް ބޮޑުކޮށްދިނުމާއި، 2025 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން ދިވެހި ވިޔަފާރިވެރިން މުދާ އިމްޕޯޓްކުރުމުގެ ގޮތުން، ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓްގައި ހިއްސާކުރައްވާފައިވެއެވެ.

އެކްސްގައި ކުރެއްވި މި ޕޯސްޓް ރައީސުލްޖުމްހޫރިއްޔާ ނިންމަވާލައްވާފައިވަނީ، އާންމު ރައްޔިތުންނަށް ފައިދާ ހުރި މިފަދަ ކޮންމެ ކަމެއް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ދެއްވާ ފުރިހަމަ އެއްބާރުލެއްވުމަށް، ދިވެހި އެންމެހާ ރައްޔިތުންނަށް ޝުކުރު އަދާކުރައްވަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް