ޑޮލަރު މާރުކުރުން ލާޒިމުކުރާ ގަވާއިދަށް ބަދަލުތަކެއް ގެނެސް ބިލެއް އެކުލަވާލަން ކޮމެންޓަށް ހުޅުވާލައިފި

ފަތުރުވެރިކަމުން ލިބޭ ޑޮލަރު ބޭންކުތަކުގައި މާރުކުރުން ލާޒިމުކުރާގޮތަށް ހެދި ގަވާއިދުގައިހުރި ބައެއް ކަންކަމަށް ބަދަލުގެނެސް އެކަމާއި ގުޅޭ ބިލެއް ހެދުމުގެ މަސައްކަތް ފަށައި އެ ބިލަށް މަރުކަޒީ ބޭންކުން...

27 Nov 2024 | 05:03

ފަތުރުވެރިކަމުން ލިބޭ ޑޮލަރު ބޭންކުތަކުގައި މާރުކުރުން ލާޒިމުކުރާގޮތަށް ހެދި ގަވާއިދުގައިހުރި ބައެއް ކަންކަމަށް ބަދަލުގެނެސް އެކަމާއި ގުޅޭ ބިލެއް ހެދުމުގެ މަސައްކަތް ފަށައި އެ ބިލަށް މަރުކަޒީ ބޭންކުން ކޮމެންޓަށް ހުޅުވާލައިފިއެވެ.

މޯލްޑިވްސް މަނީޓަރީ އޮތޯރިޓީން ބުނެފައިވަނީ ފޮރިން އެކްސްޗޭންޖްގެ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ބޭރު ފައިސާއާބެހޭ ބިލެއް އެކުލަވައިލުމުގެ މަސައްކަތް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން އެ އޮތޯރިޓީން ކުރަމުން އަންނަކަމަށެވެ.

"މި ބިލުގެ މައިގަނޑު މަގުސަދަކީ، 1 އޮކްޓޫބަރު 2024ގައި އަމަލުކުރަން ފަށާފައިވާ ބޭރު ފައިސާއާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން އިތުރަށް ހަރުދަނާކުރުމެވެ." އެމްއެމްއޭއިން ބުނެފައިވެއެވެ.

އެ ބިލު ސްޓޭކްހޯލްޑަރުންގެ ހިޔާލު ހޯދުމަށް ފޮނުވާފައިވާނެކަމަށާއި އެ ބިލަކީ ވިޔަފާރިތަކާއި ރައްޔިތުންގެ ލާބައާއި މަންފާއާ ގުޅިފައިވާ ބިލަކަށް ވާތީ ވިޔަފާރިތަކުންނާއި އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭނުންވާކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.

މި ބިލާއެކު ގަވާއިދަށް ގެނެސްފައިވާ ބަދަލުތައް

  1. ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ބޭރުފައިސާ އިން މުއާމަލާތްކުރުމަށް ކަނޑައަޅާފައިވާ ކަންކަމަށް ފިޔަވައި، ދިވެހިރާއްޖެއިން ދިވެއްސަކު ހޯދާ މުދަލާއި ޚިދުމަތްތަކަށް ބޭރު ފައިސާއިން އަގު އަދާކުރަން ލާޒިމެއް ނުކުރެވޭނެ.

8 ހ (2) އަހަރެއްގެ ތެރޭގައި ވިހި މިލިއަން އެމެރިކާ ޑޮލަރަށް ވާ އަދަދަށް ބޭރު ފައިސާ ލިބޭ ވިޔަފާރިތައް އެ ފަރާތްތަކަށް ލިބޭ ބޭރުފައިސާގެ އާމްދަނީ ރާއްޖޭގެ ބޭންކު އެކައުންޓަކަށް ޖަމާކުރުން.

12. ޓޫރިސްޓު ހޮޓާތައް (50 އަށް ވުރެ ގިނަ ވިޔަސް މަދުވިޔަސް މީހުން ދިރިއުޅޭ ރަށެއްގައި ހުންނަ)އާއި ޓޫރިސްޓު އުޅަނދުތައް ކެޓަގަރީ ބީ އަށް ބަދަލުވި.

13. 8(ހ)ގައި ބަޔާންކުރާ ފަރާތްތައް. ބޭރުފައިސާގެ އާމްދަނީން %25 އަށް ވުރެ ބޮޑުނުވާ ގޮތަށް އޮތޯރިޓީން ހަދާ ގަވާއިދެއްގެ ތެރެއިން މާރުކުރަންވާނެ.

14. މާރުކުރަން ނުޖެހޭ؛

ސައުވީސް ގަޑިއިރު ހޭދަނުކުރާ ޓޫރިސްޓުންނަށް

2 އަހަރުން ދަށުގެ ކުދިން

ހިލޭ ނުވަތަ ކޮމްޕްލިމެންޓަރީކޮށް ތިބޭ ފަރާތްތައް

14(ށ)  ދިވެހިރާއްޖެއިން ބޭރުގައި ރަޖިސްޓަރީ ކޮށްފައިވާ ޓޫރިސްޓު އުޅަނދުތައް މި ގާނޫނުން އިސްތިސްނާ ވޭ.

އެމްއެމްއޭއިން ބުނެފައިވަނީ ބޭރުފައިސާއާބެހޭ މި ބިލަށް ކޮމެންޓް ހުށަހެޅުމުގެ ފުރުސަތު 1 ޑިސެމްބަރު 2024 ގެ މެންދުރު 02:00 އާ ހަމައަށް ހުޅުވާލެވިފައިވާކަމަށާއި ކޮމެންޓްތައް ފޮނުވާނީ [email protected] އަށް އީމެއިލް މެދުވެރިކޮށް ކަމަށެވެ.

އެ ބިލު އެ އޮތޯރިޓީގެ ވެބްސައިޓް https://mma.gov.mv ގައި އަޕްލޯޑްކުރެވިފައިވާނެކަމަށްވެސް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް