ތިލަފުށީގައި 2027 ގައި ކުނިން ހަކަތަ އުފައްދަން ފަށަނީ

ތިލަފުށީގައި ކުނިން ހަކަތަ އުފައްދަން ގާއިމުކުރާ ޕްލާންޓުގެ މަސައްކަތް ނިންމައި، 2027 ވަނަ އަހަރުގެ ތެރޭގައި އޭގެ މަސައްކަތް ފެށޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ. އެ މަޝްރޫއާ ގުޅުވައ...

27 Nov 2024 | 02:40

ތިލަފުށީގައި ކުނިން ހަކަތަ އުފައްދަން ގާއިމުކުރާ ޕްލާންޓުގެ މަސައްކަތް ނިންމައި، 2027 ވަނަ އަހަރުގެ ތެރޭގައި އޭގެ މަސައްކަތް ފެށޭނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެފިއެވެ.

އެ މަޝްރޫއާ ގުޅުވައި އެންވަޔަރަމެންޓް މިނިސްޓަރުގެ ނައިބު އަހުމަދު ނިޒާމް ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވިދާޅުވީ، ރާއްޖޭގައި އެންމެ ގިނައިން ކުނި އުފެދޭ ސަރަހައްދަކަށް ވާނީ މާލެ ސަރަހައްދު ކަމަށާއި ވަރަށް އިސްކަންދީގެން ޒަމާނީ ފެންވަރުގައި ކުނި މެނޭޖުކުރުމުގެ ސިސްޓަމެއް ގާއިމުކުރުމަށް މަސައްކަތް ކުރާ ކަމަށެވެ.

މިގޮތުން، 2027 ފެށެން ވާއިރަށް ތިލަފުށީގައި ކުރިއަށްދާ މަޝްރޫއު ނިންމާލެވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ނާޒިމް ވަނީ ވިދާޅުވެފައެވެ.

ނާޒިމް ވިދާޅުވި ގޮތުގައި ތިލަފުށީގައި ގާއިމުކުރަނީ ދުވާލަކަށް 250 ޓަނު އަންދައި، އިންސެނެރޭޓުކޮށްގެން ހަކަތަ އުފައްދާނެ ދެ ޕްލާންޓެކެވެ. އެ ޕްލާންޓުތަކުން 13 ނުވަތަ 14 ވަރަކަށް މެގަވޯޓުގެ ކަރަންޓު އުފެއްދޭނެ ކަމަށް އޭނާ ވަނީ ލަފާކުރައްވާފައެވެ.

ކުރިން ކުނި މެނޭޖުކުރުމުގެ މަސައްކަތް ކުރަމުން އައި ގޮތާ އަޅައިބަލާއިރު، މިހާރު ބޮޑެތި ކުރިއެރުންތަކެއް ހޯދިފައި ހުރިކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ތިލަފުށިން މިހާރު ކުނި ނާންދާ ކަމަށާއި ވެމްކޯއިން ކުނި މެނޭޖުކުރަމުން ދަނީ ވަކި ތަރުތީބަކުން އެކަމުގެ ތަޖުރިބާ ހުރި ބޭފުޅުން ކަމަށް ވަނީ ވިދާޅުވެފައެވެ.

މިދިޔަ ސަރުކާރުގައި ވަނީ ތިލަފުށީގައި ކުނިން ހަކަތަ އުފައްދާ ޕްލާންޓެއް ގާއިމުކުރުމުގެ އަމަލީ މަސައްކަތް ފަށައިފައެވެ. މި މަޝްރޫއަކީ 2.3 ބިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ރާއްޖޭގައި އިއާދަކުރަނިވި ހަކަތައިން 33 ޕަސެންޓު ކަރަންޓު އެފެއްދުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް