ގޯލްޑް ކަޕް 2024: މާލެ ސިޓީ ދެވަނަ ބުރަށް ދިއައިރު، ކުޑަހުވަދުއަށް ފުރަތަަމަ މޮޅު

މުޅި ރާއްޖެއަށް ހުޅުވާލައިގެން މިހާރު ބާއްވަމުން އަންނަ ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގެ ދެވަނަ ބުރުން މާލެ ސިޓީ ޖާގައެއް ހޯދިއިރު، ގދ. ފަރެސްމާތޮޑާ ބަލިކޮށް ދ. ކުޑަހުވަދޫން ފުރަތަމަ މޮޅު ހޯދައިފިއ...

27 Nov 2024 | 02:10

މުޅި ރާއްޖެއަށް ހުޅުވާލައިގެން މިހާރު ބާއްވަމުން އަންނަ ނައިންޓީ ޕްލަސް ގޯލްޑް ކަޕް 2024 ގެ ދެވަނަ ބުރުން މާލެ ސިޓީ ޖާގައެއް ހޯދިއިރު، ގދ. ފަރެސްމާތޮޑާ ބަލިކޮށް ދ. ކުޑަހުވަދޫން ފުރަތަމަ މޮޅު ހޯދައިފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ރޭ ކުޅުނު ގްރޫޕް ބީގެ މެޗުން މާލެ މޮޅުވީ ބ. ތުޅާދޫ އަތުން ފަސޭހަކަމާއެކު 5-0 ގެ ނަތީޖާއަކުންނެވެ. މިއީ މި މުބާރާތުގައި މާލެއިން ހޯދި ދެވަނަ މޮޅެވެ. އެގޮތުން ފުރަތަމަ މެޗުގައި އެ ޓީމުން ވަނީ ތ. ތިމަރަފުށި އަތުން 4-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. ގޯލްޑް ކަޕުގެ ފޯމެޓްގައިވާ ގޮތުން ހަތަރު ގްރޫޕަކުން 12 ޓީމެއް މުބާރާތުގެ ދެވަނަ ބުރަށް ދަތުރުކުރާނެއެވެ.

ރޭ ކުޅުނު މެޗުގައި މާލޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 28 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މިއީ ތުޅާދޫގެ ޝަމްވީލް މުޙައްމަދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި އޭގެ ތިން މިނެޓު ފަހުން މާލެއިން ލީޑު ފުޅާކުރިއިރު، މި ލަނޑު ޖަހައިދިނީ މުޙައްމަދު ޔަޒްދާން ހުސެއިނެވެ. އަދި ފުރަތަމަ ހާފުގައި މާލެއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ފޮނުވާލި ޕެނަންކާ ޕެނަަލްޓީ، ތުޅާދޫގެ ގޯލްކީޕަރު އަލީ ރަމީޒް ވަނީ މަތަކޮށްފައެވެ.

މި މެޗުގެ ދެވަނަ ހާފުގައި މާލެ ސިޓީން ތިންވަނަ ލަނޑެއް ޖެހިއިރު، މެޗުގެ 74 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ އަހުނަފް މުޙައްމަދު ތަސްނީމެވެ. އަދި އޭގެ ފަހުން ބަދަލަކަށް ކުޅެން އެރި މާލޭގެ މުޙައްމަދު ނާއިލް ވަނީ ދެ ލަނޑު ޖަހާފައެވެ.

މީގެ އިތުރުން މި މުބާރާތުގައި މިއަދު ހަވީރު ކުޅުނު ގްރޫޕް އޭގެ މެޗުން ކުޑަހުވަދޫ މޮޅުވީ ފަރެސްމާތޮޑާ އަތުން 3-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވާއިރުމ ކުޑަހުވަދޫން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައެވެ. މި ލަނޑަކީ ފަރެސްމާތޮޑާގެ ޒައިޝާން ޝަރީފް އަތުން ބައިކޮލަށް ވަން ލަނޑެކެވެ. އޭގެ ފަހުން މި މެޗުގައި ކުޑަހުވަދޫން ކާމިޔާބުކުރި އަނެއް ދެ ލަނޑު ޖަހައިދިނީ މުޙައްމަދު ޒިހާން ހުސެއިނެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ޖުމްލަ 17 ޓީމެއް ވާދަކުރާއިރެއެވެ. މުބާރާތުގައި ބައިވެރިވާ ޓީމުތައް ވަނީ ހަތަރު ގުރޫޕަކަށް ބަހާލާފައެވެ.

މުބާރާތުގެ ގުރޫޕް އޭގައި ހިމެނެނީ ފުވައްމުލައް ސިޓީ އާއި، ދ. ކުޑަހުވަދޫ އާއި، ގދ. ފަރެސްމާތޮޑާ އަދި ހއ. ދިއްދޫ އެވެ. ގުރޫޕް ބީގައި ހިމެނެނީ މާލެ ސިޓީ އާއި، ތ. ތިމަރަފުއްޓާއި، ބ. އޭދަފުށި އަދި ބ. ތުޅާދޫއެވެ. ގުރޫޕް ސީގައި އައްޑޫ ސިޓީ އާއި، ޅ. ކުރެންދޫ އާއި، ކ. ހުރާ އަދި ކ. ގުރައިދޫ ހިމެނޭއިރު، ގުރޫޕް ޑީގައި ހިމެނެނީ ޅ. ނައިފަރާއި، ކ. މާފުއްޓާއި، ރ. އަލިފުށި ބ. ކެންދޫއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް