އަންނަ އަހަރުގެ މާރިޗު މަހުގެތެރޭގައި ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ފަށާނެ: އަމީން

އަންނަ އަހަރުގެ މާރިޗު މަހުގެތެރޭގައި ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ފަށާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު އަމީން މިފަދައިން...

27 Nov 2024 | 02:02

އަންނަ އަހަރުގެ މާރިޗު މަހުގެތެރޭގައި ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ފަށާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ވަޒީރު އަމީން މިފަދައިން ވިދާޅުވީ ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ހަފްތާ 52" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ. އެކަމަށް ހުޅުވާލުމުން ބައިނަލްއަޤްވާމީ 36 ކުންފުންޏަކުން ވަނީ ރާއްޖޭގައި ހެލިކޮޓަރުގެ ޚިދުމަތް ދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމަށްޓަކައި ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން  ވަޒީރު އަމީން ވިދާޅުވީ ކުރިއަތް އޮތް 10 ނޫނީ 15 ދުވަސް ތެރޭގައި ހެލިކޮޕްޓަރު އޮޕަރޭޓުކުރާ ފަރާތަކާއެކު ސޮއިކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. އަދި ރާއްޖޭގައި އެ ޚިދުމަތް ފެށިގެންދާނީ ސިވިލް އޭވިއޭޝަންގެ ހުރިހާ މިންގަނޑަކަށް ފެތޭގޮތަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ނިންމާފައިވަނީ އިމަރޖެންސީގެ ކުއްލި ހާލަތްތަކުގެ ޚިދުމަތް ދިނުމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކަމަށެވެ.

އަދި އެ ޚިދުމަތް ދިނުމަށް އެއްބަސްވުން އެކުލަވާލާ ފަރާތަކަށް 10 އަހަރުގެ މުއްދަތަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތުރުވެރިން އުފުލައި ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ހުއްދަދޭނެކަމަށްވެސް ދަތުރުފަތުރާބެހޭ ވުޒާރާއިން މީގެކުރިން ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް