ކޮވިޑާއި ގުޅިގެން ހުއްޓާލި "އީ-ގޭޓް" ގެ ޚިދުމަތް އަލުން ފަށައިފި

ދިވެހިންނަށް ފަސޭހަކަމާއެކު "ސީމްލެސް ޓްރެވެލް" ގެ ޚިދުމަތްދިނުމުގެ ގޮތުން "އީ-ގޭޓް"ގެ ޚިދުމަތް އަލުން ފަށައިފިއެވެ. މިކަން ހާމަކޮށް މިއަދު އިމިގްރޭޝަނުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމ...

27 Nov 2023 | 13:06

ދިވެހިންނަށް ފަސޭހަކަމާއެކު "ސީމްލެސް ޓްރެވެލް" ގެ ޚިދުމަތްދިނުމުގެ ގޮތުން "އީ-ގޭޓް"ގެ ޚިދުމަތް އަލުން ފަށައިފިއެވެ.

މިކަން ހާމަކޮށް މިއަދު އިމިގްރޭޝަނުން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާއި އެއްގޮތަށް އިމިގްރޭޝަންގެ ޚިދުމަތްތައް ވީހާވެސް ލުފަސޭހަކޮށްދީ، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރެވެމުން ކަމަށާއި އެގޮތުން "ސީމްލެސް ޓްރެވެލް" ގެ ޚިދުމަތް ފުޅާކުރުމަށް ބައިނަލްއަޤްވާމީ ދަތުރުފަތުރު ކުރާ ދިވެހިންނަށް "އިމުގާ ޓްރެވެލަރ ޑެކްލެރޭޝަން" ފޯމު އުވާލައި، މިއަދު (27 ނޮވެމްބަރު 2023) އިން ފެށިގެން "އީ-ގޭޓް"ގެ ޚިދުމަތް އަލުން ފެށުމަށް ކޮންޓްރޯލަރ ޖެނެނަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ނިންމަވާފައިވާކަމަށެވެ.

"އީ-ގޭޓް" ގެ ޚިދުމަތް މީގެކުރިން މެދުކެނޑިފައި އޮތީ ކޮވިޑް-19 ގެ ހާލަތާއެކުގައެވެ. ނަމަވެސް، އަނެއްކާވެސް ދިވެހިންނަށް މި އޮޓޯ ގޭޓް ބޭނުންކޮށް އަމިއްލައަށް އިމިގްރޭޝަން ކްލިއަރެންސް ފަސޭހަކަމާއެކު ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. "އީ-ގޭޓް" އަކީ ވަރަށް ފަސޭހަ އިރުޝާދުތަކާއެކު އިމިގްރޭޝަން ކްލިއަރެންސް އެމީހަކު އަމިއްލައަށް ހޯދުމަށް ބަހައްޓާފައިވާ ގޭޓުތަކެކެވެ. އެގޮތުން ފުރަތަމަ ބޯޑިން ފާހުގައިވާ ބާކޯޑު ސްކޭނަރގައި ޖައްސާލާ ރީޑުކުރުމުން، ދެން ޕާސްޕޯޓުގެ ބަޔޯޑާޓާ ޕޭޖް ސްކޭނަރގައި ޖައްސާލުމަށްފަހު ރީޑްކޮށްލާނީއެވެ. އަދި ޕާސްޕޯޓާއި ހަވާލުވި ވަގުތު ވެރިފިކޭޝަނަށް ނަގާފައިވާ އިނގިލި ފިންގަރޕްރިންޓް ރީޑަރުގައި ޖައްސާލުމުން ގޭޓު ހުޅުވޭނެއެވެ. "އީ-ގޭޓް" ގެ ޚިދުމަތް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް އަދި ޑިޕާޗަރ ހޯލުގައިވެސް ބޭނުންކުރެވޭނެއެވެ.

އިމިގްރޭޝަނުން ބުނެފައިވާގޮތގުގައި މޯލްޑިވްސް އިމިގްރޭޝަންގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ބައިނަލްއަޤްވާމީ ދަތުރުފަތުރު ކުރާ އެންމެހާ ފަރާތްތަކަށް "ސީމްލެސް ޓްރެވެލް" ގެ ޚިދުމަތް ފުޅާކޮށް، ވީހާވެސް ލުއިފަސޭހަ ގޮތްތަކެއް ފޯރުކޮށްދިނުމެވެ.

އީ-ގޭޓް ބޭނުންކުރުމުގައި އަމަލުކުރާނެގޮތް

  • އެންމެ ފުރަތަމަ ބޯޑިން ޕާހުގެ ބާކޯޑު އިންނަފަރާތް ސްކޭނަރުގައި ޖައްސާލައްވާ، ބޯޑިން ޕާސް ރީޑުކުރިކަމުގެ ހެޔޮފާހަގަ ސްކްރީނަށް އެރުމުން ބޯޑިން ޕާސް ނަންގަވާ.
  • ޕާސްޕޯޓުގެ ބަޔޯޑާޓާ ޕޭޖް ސްކޭނަރުގައި ޖައްސަވާލައްވާ، ޕާސްޕޯޓު ރީޑުކުރިކަމުގެ ހެޔޮފާހަގަ ސްކްރީނަށް އެރުމުން ޕާސްޕޯޓު ނަންގަވާ.
  • ޝަހާދަތް އިނގިލި ނުވަތަ ޕާސްޕޯޓާއި ހަވާލުވި ވަގުތު ވެރިފިކޭޝަނަށް ނަގާފައިވާ އިނގިލި ފިންގަރ ޕްރިންޓް ރީޑަރުގައި ޖައްސާލައްވާ އަދި ގޭޓު ހުޅުވުމުން ގޭޓު ހުރަސްކޮށް ވަޑައިގަންނަވާ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް