ރައީސް ޔާމީން އިސްވެހުންނަވައި އުފެއްދުމަށް މަސައްކަތްކުރަމުން އަންނަ ޕްރޮގްރެސިވް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދައަށް މިއަދު އެދޭނެކަމުގައި މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
އެ ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުން އަންނަ، ކުރީގެ ޓެކްނޯލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި މަލީހް ވިދާޅުވެފައިވަނީ ކުޑަ އިރު ކޮޅެއްގެ ތެރޭގައި ކުށުގެ ރިކޯޑް ސާފުވެ ނިމޭނެ ކަމަށާއި އީސީއާކު އިއްޔެ ބޭއްވުނު ބައްދަލުވުމާއި އެއްގޮތަށް އިލެކްޝަން ކޮމިޝަނަށް ރަސްމީކޮށް މިއަދު ޕާޓީ އުފެއްދުމަށް ހުށަހެޅޭނެ ކަމަށެވެ.
އެ ޕާޓީ އުފެއްދުމަށް އީސީއަށް ހުށަހަޅަން އިއްޔެ މަސައްކަތްކުރި ނަމަވެސް އެކަން އެ ފަރާތްތަކަށް ކާމިޔާބުވާގޮތްނުވީ ޕާޓީގެ މުއައްސިސުގެ ގޮތުގައި ރަޖިސްޓްރީކުރާ ފަރާތްކަމުގައިވާ، ރައީސް ޔާމީންގެ ދަރިކަލުން ޒެއިންގެ ކުށުގެ ރެކޯޑު ސާފުކޮށް ނިންމައިނުލެވުމެވެ.
އިއްޔެ އިލެކްޝަންސް ކޮމިޝަނުގެ މެންބަރުންނާ ބައްދަލުކުރުމަށްފަހު މަލީހް ވިދާޅުވީ ރައީސް ޔާމީން ފުރަތަމަ ބޭނުންފުޅުވީ އެމަނިކުފާނުގެ ނަންފުޅުވެސް ހިމެނޭހެން އަށް ބޭފުޅަކު މުއައްސިސުންގެ ގޮތުގައި ހިމަނަން ކަމަށާއި އެހެން ނަމަވެސް ގަވާއިދު އެގޮތަށް ތަންނުދޭތީ މުއައްސިސުގެ ގޮތުގައި ރައީސް ޔާމީންގެ ދަރިކަލުންގެ ނަން ހިމަނަން ރައީސް ޔާމީން ނިންމެވީ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް