ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފް ގައި މިރޭ ކުޅުނު މެޗުން ކްރޮއޭޝިއާ އަތުން 4-1 ގެ ނަތީޖާއިން ބަލިވެ، ކެނެޑާއަށް ރައުންޑް އޮފް 16 ގެ ފުރުސަތު ގެއްލިއްޖެއެވެ.
މިރޭގެ މެޗުން މޮޅުވި ކްރޮއޭޝިއާ 4 ޕޮއިންޓާއެކު ގްރޫޕްގެ 2 ވަނައަށް އަރާފައި ވިޔަސް، 1 ވަނައިގައި އޮތް މޮރޮކޯއަށް 4 ޕޮއިންޓް އަދި ބެލްޖިއަމްއަށް 3 ޕޮއިންޓް ލިބިފައިވާތީ، މި ގްރޫޕުން ރައުންޑް އޮފް 16 އަށް ދާނެ 2 ޓީމެއް އަދި ވެސް ކަށަވަރެއް ނުވެއެވެ.
މިރޭގެ މެޗު ފަށައިގެން އެންމެ 2 މިނިޓުގެ ތެރޭގައި އަލްފަންސޯ ޑެވީސް ޖެހި ލަނޑާއެކު ކެނެޑާއިން ލީޑު ނެގިއެވެ. މިއީ ބުޗާނަން ނަގައިދިން ހުރަހަކުން ޑެވީސް ޖެހި ލަނޑެކެވެ.
ޑެންމާކްގެ ލަނޑަށްފަހު ކްރޮއޭޝިއާއިން މެޗުގެ ތެރެއަށް ވަދެ، މޮޅަށް ކުޅެމުންދިޔައިރު، ޑެންމާކްގެ ޑިފެންސަށް ދިޔައީ ބާރު ބޮޑުކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 36 ވަނަ މިނިޓުގައި ކްރޮއޭޝިއާއަށް ނަތީޖާ ހަމަހަމަކޮށްލެވުނެވެ. ކެނެޑާ އޭރިޔާގެ ވާއަތް ފަރާތުން ޕެރިސިޗަށް ލިބުނު ބޯޅަ އޭނާ އޭރިޔާ ތެރެއަށް ހުރަސްކޮށްލުމުން އެ ބޯޅަ ގޯލަށް ވައްދާލީ ކްރަމަރިޗެވެ.
ފުރަތަމަ ހާފު ނިމެން ދަނިކޮށް ކްރޮއޭޝިއާއަށް ލީޑު ނަގައިދިނީ ލިވާޖާއެވެ. ކްރޮއޭޝިއާއިން އުފެއްދި ހަމަލާއެއްގައި ޖުރަނޮވިޗް ބޯޅަ ހިފައިގެން އޭރިޔާ ތެރެއަށް ވަނުމުން، ކެނެޑާގެ މުލާ ސްލައިޑިންގ ޓެކުލްއަކުން ބޯޅަ ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވެ އަނެއްކާ ވެސް ބޯޅަ ލިބުނީ ޖުރަނޮވިޗަށެވެ. އޭނާ ލިވާޖާއަށް ބޯޅަ ޖައްސާލުމުން އެއްބުރުން ވަނީ ބޯޅަ ގޯލަށް ފޮނުވާލާފައެވެ.
ދެ ވަނަ ހާފު ފެށިގެން ވެސް މޮޅަށް ކުޅުނު ކްރޮއޭޝިއާއިން ފަރަގު ބޮޑުކޮށްލީ މެޗުގެ 70 ވަނަ މިނިޓުގައެވެ. ޕެރިސިޗް ދިން ބޯޅައަކުން މި ލަނޑު ޖެހީ ކްރަމަރިޗެވެ. އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގައި ކެނެޑާގެ ޑިފެންޑަރަކަށް ހެދުނު ގޯހަކުން އޯސިޗް ބޯޅަ ހޯދާ ކުރިޔަށް ގޮސް، މުޅިން ހުސްކޮށް ހުރި މާޔާއަށް ޖައްސާލުމުން ހުސް ގޯލަށް އޭނާ ބޯޅަ ވައްދާލާ 4-1 އަށް ނަތީޖާ ބަދަލުކޮށްލިއެވެ.
މެޗުގެ ތަފާސް ހިސާބުތައް:
| ކްރޮއޭޝިއާ | ކެނެޑާ | |
| 4 | ލަނޑު | 1 |
| 39% | ބޯލް ޕޮޒިޝަން | 45% |
| 10 | ޝޮޓް އޮން ޓާގެޓް | 2 |
| 3 | ޝޮޓް އޮފް ޓާގެޓް | 3 |
| 461 (85%) | ޕާސްތައް (ކާމިޔާބު މިންވަރު) | 514 (86%) |
| 2 | ރީނދޫ ކާޑު | 2 |
| 0 | ރަތް ކާޑު | 0 |
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް