ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އެފް ގައި މިރޭ ކުޅުނު މެޗުން، ގްރޫޕްގެ އެންމެ ވަރުގަދަ ޓީމުކަމަށް ބެލެވުނު ބެލްޖިއަމް 2-0 ގެ ނަތީޖާއިން ބަލިކޮށް، މޮރޮކޯ އިން ގްރޫޕްގެ އެއް ވަނައަށް ޖެހިލައިފިއެވެ.
މޮރޮކޯއަށް ވަގުތީ ގޮތުން ގްރޫޕްގެ 1 ވަނަ މަގާމް ލިބުނުއިރު، އެ ޓީމަށް ކުޅުނު 2 މެޗުން ލިބިފައިވަނީ 4 ޕޮއިންޓެވެ. 2 ވަނައިގައި އޮތް ބެލްޖިއަމްއަށް 2 މެޗުން 3 ޕޮއިންޓް ލިބިފައިވާއިރު، 1 މެޗު ކުޅެފައިވާ ކްރޮއޭޝިއާއަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. 1 މެޗުން ޕޮއިންޓެއް ލިބިފައިނުވާ ކެނެޑާ އާއި ކްރޮއޭޝިއާ ކުޅޭ މެޗު މިރޭގެ 21:00 ގައި ފެށޭނެއެވެ.
މިރޭގެ މެޗު ފެށިގެން ބެލްޖިއަމްއިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް، ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނު މޮރޮކޯގެ ގޯލަށް މާކަބޮޑު ނުރައްކަލެއް ކުރެވޭގޮތެއް ނުވިއެވެ. މޮރޮކޯގެ ޑިފެންސް ފޫއަޅުވާ ނުލެވުނުއިރު، ދުރުން ނެގި ޝޮޓްތައް ވީ ބޭކާރެވެ. ފުރަތަމަ ހާފުގެ ފަހުކޮޅު މޮރޮކޯގެ ހަކީމް ޒިޔެކް ލަނޑެއް ޖެހި ނަމަވެސް، އެ ލަނޑު ވީ އޮފްސައިޑެވެ.
ދެ ވަނަ ހާފުގައި ވެސް ފުރަތަމަ ހާފެކޭ އެއްކަހަލަ ކުޅުމެއް ފެނިގެން ދިޔައިރު، ފުރަތަމަ ލަނޑު މޮރޮކޯއިން ޖެހީ މެޗުގެ 73 ވަނަ މިނިޓުގައެވެ. މިއީ ބެލްޖިއަމްގެ ގޯލްކީޕަރ ކޯޓުއާ އާއި ޑިފެންސަށް ހެދުނު ގޯހަކުން ވަން ލަނޑެކެވެ. ބެލްޖިއަމްގެ އޭރިޔާގެ އަރިމަތިން ލިބުނު ހިލޭ ޖެހުން ސަބީރީ ނިއާ ޕޯސްޓަށް ފޮނުވާލިއިރު، އެތަނަށް އެރި މޮރޮކޯ ކުޅުންތެރިޔާ ބޯޅަ ދޫކޮށްލުމުން ގޯލަށް ވަންއިރު، ކޯޓުއާ ހުރީ ވާނުވާގައެވެ. އަދި އެ ބޯޅަ ސަލާމަތްކުރުމަށް ނިއާ ޕޯސްޓަށް ބެލްޖިއަމްގެ އެންމެ ޑިފެންޑަރެއް ވެސް ދުވެފައެއް ނުވާކަން ފާހަގަކުރެވުނެވެ.
ނަތީޖާ ހަމަހަމަކުރުމަށް ބެލްޖިއަމްއިން ވަރަށް ބޮޑަށް ކުރިޔަށް ޖެހުނުއިރު، އޭގެ ފައިދާ ނަގައި މޮރޮކޯއިން އުފެއްދި ކައުންޓަރ އެޓޭކެއްގައި ހަކީމް ޒިޔެކް ދިން ބޯޅައަކުން މޮރޮކޯގެ ދެ ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ އަބޫކްލާލްއެވެ.
މެޗުގެ ތަފާސް ހިސާބުތައް:
| ބެލްޖިއަމް | މޮރޮކޯ | |
| 0 | ލަނޑު | 2 |
| 55% | ބޯލް ޕޮޒިޝަން | 32% |
| 4 | ޝޮޓް އޮން ޓާގެޓް | 4 |
| 4 | ޝޮޓް އޮފް ޓާގެޓް | 7 |
| 685 (90%) | ޕާސްތައް (ކާމިޔާބު މިންވަރު) | 336 (86%) |
| 1 | ރީނދޫ ކާޑު | 1 |
| 0 | ރަތް ކާޑު | 0 |
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް