ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމްގައި ރާއްޖެއިން ބައިވެރިއެއް ނުވަން!

ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމްގައި ރާއްޖެއިން ބައިވެރިވެފައި ނުވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ. އެ ފޯރަމަކީ ޝެއާޑް ޑިވެލޮޕްމަންޓް: ތިއަރީ އެންޑް ޕްރެކްޓިސް ފްރޮމް ދަ ޕާސްޕެކްޓިވް އ...

27 Nov 2022 | 13:13

ޗައިނާ-އިންޑިއަން އޯޝަން ރީޖަން ފޯރަމްގައި ރާއްޖެއިން ބައިވެރިވެފައި ނުވާނެ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

އެ ފޯރަމަކީ ޝެއާޑް ޑިވެލޮޕްމަންޓް: ތިއަރީ އެންޑް ޕްރެކްޓިސް ފްރޮމް ދަ ޕާސްޕެކްޓިވް އޮފް ދަ ބްލޫ އިކޮނޮމީގެ ނަމުގައި ޗައިނާގެ ކުންމިންގައި މި މަހުގެ 21 ވަނަ ދުވަހު ބޭއްވި ބައްދަލުވުމެކެވެ. ޗައިނާއިން ވަނީ ރާއްޖެއިން މި ބައްދަލުވުމުގައި ބައިވެރިވިކަމަށް ބުނެފައި އެވެ.

އެކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިނުވާ ކަމަށާއި އެ ފަދަ ބައްދަލުވުމެއްގައި ބައިވެރިވާނެ ބޭފުޅުން ކަނޑައަޅާނީ ޑިޕްލޮމެޓިކް ޗެނަލްތަކުން ކަމަށެވެ. ރާއްޖެއިން ބައްދަލުވުމުގައި ބައިވެރިނުވާނެ ކަން މިމަހުގެ15 ވަނަ ދުވަހު އަންގާފައިވާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ބައިވެރިވެވަޑައިގެންނެވި އެވެ. ފޮރިން މިނިސްޓްރީން ބުނީ ބައްދަލުވުމުގައި ބައިވެރިވި ބޭފުޅުންނަކީ ދިވެހި ސަރުކާރު ތަމްސީލްކުރި ބައެއް ނޫން ކަމަށެވެ.

އެ ބައްދަލުވުމަށް ކުރީގެ ރައީސް މުހައްމަދު ވަހީދުގެ މެސެޖެއް ފޮނުއްވި ނަމަވެސް އެ މަނިކުފާނު ތަމްސީލު ކުރެއްވީ އަމިއްލަފުޅު ހައިސިއްޔަތެވެ. އާލާސްކަންފުޅުގައި އުޅުއްވާތީ ވަހީދު ފޮނުއްވީ ކުރިން ރެކޯޑް ކޮށްފައި އޮތް މެސެޖެކެވެ.

ޗައިނާއާ ގާތް ގުޅުމެއް ބާއްވަވާ ވަހީދަށް އެ ގައުމުން ދައުވަތު ފޮނުވީ ދާއިރާގެ ތަޖުރިބާކާރަކަށް ވާތީ ކަމަށް ވެ އެވެ.

ޗައިނާއިން ބުނެފައިވަނީ ބައްދަލުވުމުގެ ބައިވެރިން ކަނޑުގެ ދިރުންތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދިރުންތައް އާލާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކުރި ކަމަށެވެ. އަދި ތަރައްގީގައި ބައިނަލްއަގުވާމީ ގޮތުން ގުޅިގެން މަސައްކަތްކުރުމުގައި މި ފަހުން ލިބިފައިވާ ކުރިއެރުންތަކާ ބެހޭ ގޮތުން ވެސް ވާހަކަ ދެއްކެވުނު ކަމަށް ބުނެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް