ވޯލްޑް ކަޕް 2022: ކޮސްޓަރިކާއިން ޖަޕާން ބަލިކޮށްފި

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އީ ގައި މިއަދު ޖަޕާން އާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއިން ކޮސްޓަރިކާ ކާމިޔާބު ކޮށްފިއެވެ. މި ނަތީޖާއާއެކު ގްރޫޕް އީގެ 3 ވަނައިގައި އޮތް ކޮސްޓަރިކާ، 2 ވަނައިގައި އ...

27 Nov 2022 | 12:43

ފީފާ ވޯލްޑް ކަޕް 2022 ގެ ގްރޫޕް އީ ގައި މިއަދު ޖަޕާން އާ ދެކޮޅަށް ކުޅުނު މެޗު 1-0 ގެ ނަތީޖާއިން ކޮސްޓަރިކާ ކާމިޔާބު ކޮށްފިއެވެ.

މި ނަތީޖާއާއެކު ގްރޫޕް އީގެ 3 ވަނައިގައި އޮތް ކޮސްޓަރިކާ، 2 ވަނައިގައި އޮތް ޖަޕާން އަދި 1 ވަނައިގައި އޮތް ސްޕެއިން އަށް ވެސް ލިބިފައިވަނީ 3 ޕޮއިންޓެވެ. މި ގްރޫޕްގައި މިރޭ ޖަރުމަނާއި ސްޕެއިން ބައްދަލުކުރާނެއެވެ. އެ މެޗުން ޖަރުމަނު މޮޅުވެއްޖެނަމަ ގްރޫޕްގެ ފަހު މެޗުތަކަށް ދާއިރު ކޮންމެ ޓީމެއް އޮންނާނީ 3 ޕޮއިންޓާއެކުގައެވެ. ސްޕެއިން މޮޅުވެއްޖެނަމަ ސްޕެއިން 2 ވަނަ ބުރަށް ދާނެއެވެ.

މިއަދުގެ މެޗުގައި ޖަޕާނުން ކޮސްޓަރިކާއަށްވުރެ ރަނގަޅަށް ކުޅެ އެޓޭކް އުފައްދަން މަސައްކަތް ކުރި ނަމަވެސް، ކޮސްޓަރިކާގެ ޑިފެންސް ފެނުނީ ވަރަށް ރަނގަޅުކޮށެވެ. އަދި ކޮސްޓަރިކާއިން ދިޔައީ ކައުންޓަރ އެޓޭކްގައި ޖަޕާން ގޯލަށް ނުރައްކާ ކުރަމުންނެވެ.

މިއަދުގެ މެޗުގައި ފެނުނު ހަމައެކަނި ލަނޑު މެޗުގެ 81 ވަނަ މިނިޓުގައި ކޮސްޓަރިކާއަށް ކާމިޔާބު ކޮށްދިނީ ފުލާއެވެ. ޖަޕާނުން ގެއްލުވާލި ބޯޅައެއްގެ ފައިދާ ނަގައި، ކޮސްޓަރިކާގެ ޓެޖެޑާ ދިން ބޯޅަ ފުލާ ފޮނުވާލުމުން ގޯލަށް ވަނީ ޖަޕާން ކީޕަރުގެ އިނގިލިތަކުގައި ކޭތިލާފައެވެ.

މެޗުގެ ތަފާސް ހިސާބުތައް:

ޖަޕާން ކޮސްޓަރިކާ
0 ލަނޑު 1
47% ބޯލް ޕޮޒިޝަން 38%
3 ޝޮޓް އޮން ޓާގެޓް 4
5 ޝޮޓް އޮފް ޓާގެޓް 1
591 (88%) ޕާސްތައް (ކާމިޔާބު މިންވަރު) 454 (82%)
3 ރީނދޫ ކާޑު 3
0 ރަތް ކާޑު 0

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް