ވޯލްޑް ކަޕް 2022: ޖަޕާން - ކޮސްޓަރިކާ މެޗު ޕްރިވިއު

ގުރޫޕު އީގައި ހިމެނޭ އޭސިއާ ބައްރަށް ނިސްބަތްވާ ގަދަ ބާރު ޖަޕާން އަދި އުތުރު އެމެރިކާ ބައްރަށް ނިސްބަތްވާ ކޮސްޓަރިކާ މިއަދު ބައްދަލުކުރާއިރު، މިއީ މި ދެޓީމުން ވެސް މިފަހަރު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާ...

27 Nov 2022 | 05:45

ގުރޫޕު އީގައި ހިމެނޭ އޭސިއާ ބައްރަށް ނިސްބަތްވާ ގަދަ ބާރު ޖަޕާން އަދި އުތުރު އެމެރިކާ ބައްރަށް ނިސްބަތްވާ ކޮސްޓަރިކާ މިއަދު ބައްދަލުކުރާއިރު، މިއީ މި ދެޓީމުން ވެސް މިފަހަރު ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅޭ ދެވަނަ މެޗެވެ. މި މެޗަށް މި ދެޓީމުން ކުރިމަތިލާއިރު، ޖަޕާނަކީ މިފަހަރު ވޯލްޑް ކަޕުގައި އެންމެ ހައިރާން ކުރުވަނިވި ނަތީޖާއެއް ނެރެފައިވާ އެއް ޓީމެވެ. އެގޮތުން ޖަޕާން ގުރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ނުކުތީ ދުނިޔޭދެ ޗެމްޕިއަންކަން މީގެ ކުރިން ހަތަރު ފަހަރު ހޯދާފައިވާ ވަރުގަދަ ޖަރުމަނާއި ދެކޮޅަށެވެ. ޖަރުމަނުން ލަނޑު ޖަހާ ލީޑު ނަގާފައި ވަނިކޮށް ފަހަތުން އަރާ ދެ ލަނޑު ޖަހައިގެން 1-2 ގެ ނަތިޖާއިން ޖަޕާނުން ޖަރުމަނު ބަލިކުރިއެވެ. މިއަދުގެ މެޗަށް ޖަޕާނުން ނުކުންނާނީ މި ރޫހުގައި ދެވަނަ މޮޅުވެސް ހޯދާ ދެވަނަ ބުރުގެ ޖާގައެއް ކަށަވަރު ކުރުމުގެ ވަރުގަދަ އަޒުމުގައިކަން ކަށަވަރެވެ. މިއަދު ކޮސްޓަރިކާ އާއި ދެކޮޅަށް ކުޅޭ މެޗު ކާމިޔާބު ކޮށްގެން ޖަޕާނަށް މުބާރާތުގެ ދެވަނަ ބުރު ޔަގީން ކުރެވޭނެއެވެ. މި މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް ޖަޕާނަށް ދެވަނަ ބުރުގެ ފުރުސަތު އަދި ނުގެއްލޭނެއެވެ.

ކޮސްޓަރިކާއަށް ބަލާއިރު، އެޓީމުން ގުރޫޕް ސްޓެޖުގެ ފުރަތަމަ މެޗު ކުޅުނީ މީގެ ކުރިން ދުނިޔޭގެ ޗެމްޕިއަންކަން އެއް ފަހަރު ހޯދާފައިވާ ޔޫރަޕުގެ ގަދަ ބާރު އަދި މިފަހަރުގެ މުބާރާތުގައި ރަނގަޅު ފޯމެއްގައި އޮތް ސްޕެއިންނާއި ދެކޮޅަށެވެ. މި މެޗުން ލަދުވެތި ނަތީޖާއަކުން ކޮސްޓަރިކާ ވަނީ ސްޕެއިން އަތުން ބަލިވެފައެވެ. އެއީ 0-7 އިންނެވެ. ނަމަވެސް މި މެޗުން ބަލިވި ނަމަވެސް ގުރޫޕް ސްޓޭޖުގައި އަދި ބާކީ ދެމެޗު އޮތުމުން ކޮސްޓަރިކާއަށް ދެވަނަ ބުރުގެ ފުރުސަތު ނުގެއްލެއެވެ. އަމިއްލަ ބާރުގައި ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު އެޓީމަށް އަދި އެބައޮތެވެ. ނަމަވެސް އެއީ މިއަދު ޖާނާއި ދެކޮޅަށް ކުޅޭ މެޗާއި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޖަރުމަނާއި ދެކޮޅަށް ކުޅޭ މެޗުން ވެސް މޮޅުވެގެންނެވެ. އެހެންކަމުން ފަސްބެލުމެއް ނެތި ކޮސްޓަރިކާއިން މިއަދުގެ މެޗަށް ނުކުންނާނީ ސްޕެއިން އަތުން ވި ލަދުވެތި ބަލި ހަނދާން ނައްތާލާ މެޗުން މޮޅުހޯދާ ދެވަނަ ބުރުގެ ފުރުސަތު ބޮޑުކުރުމުގެ ވަރުގަދަ އަޒުމުގައެވެ.

ގުރޫޕް އީގެ މިވަގުތު ހާލަތައް ބަލާއިރު، ކޮންމެ ތީމެއް ވެސް ވަނީ މިހާތަނަށް އެއް މެޗު ކުޅެފައެވެ. ޖަޕާން އަދި ސްޕެއިނުން ވަނީ އެޓީމުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބު ކޮށްފައެވެ. އެހެން ކަމުން ދެ ޓީމަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، ގުރޫޕުގެ އެއްވަނަ ލިބެނީ ފައިދާ ގޯލުން ސްޕެއިންނަށެވެ. މި ދެ ޓީމު އަތުން ބަލިވި ކޮސްޓަރިކާ އަދި ޖަރުމަން އޮތީ ޕޮއިންޓެއް ނުލިބި ގުރުޕުގެ ފުލުގައެވެ.

ކޮސްޓަރިކާ އަދި ޖަޕާން މިއަގުގެ މެޗުގައި ބައްދަލުކުރާއިރު، މިއި މި ދެޓީމުން ވޯލްޑް ކަޕް މެޗެއްގައި ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. ނަމަވެސް މީގެ ކުރިން މި ދެޓީމުން ވަނީ އެކުވެރިކަމުގެ ފަސް މެޗެއް ކުޅެފައެވެ. އޭގެތެރެއިން ތިން މެޗުން ޖަޕާން މޮޅުވެފައިވާއިރު، ކޮސްޓަރިކާ މޮލުވީ ދެ މެޗުންނެވެ. މި ދެޓީމު އެންމެ ފަހުން ބައްދަލުކުރީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އެކުވެރިކަމުގެ މެޗެއްގައެވެ. މި މެޗު 0-3 އިން ކޮސްޓަރިކާގެ މައްޗަށް ކުރި ހޯދާފައިވަނި ޖަޕާނުންނެވެ.

ޖަޕާން އަދި ކޮސްޓަރިކާ ބައްދަލުކުރާ މެޗު ކުޅޭނީ މިއަދު މެންދުރު ފަހު ރާއްޖޭ ގަޑިން 15:00 ގައެވެ. އަދި މި މެޗު ކުޅެން ހަމަޖެހިފައިވަނީ ގަތަރުގެ އައްރައްޔާން ސިޓީގެ އަޙުމަދު ބިން އަލީ ސްޓޭޑިއަމުގައެވެ

 ޖަޕާން އަދި ކޮސްޓަރިކާ ލަފާ ކުރެވެ ފުރަތަމަ 11 

ކޮސްޓަރިކާ މިއަުގެ މެޗަށް ނިކުންނައިރު، ފުރަތަމަ 11 އަށް ބަދަލެއް ގެންނާނެ ކަމަށް ނުބެލެވެއެވެ. ފުރަތަމަ މެޗުގައި ސްޕެއިން އަތުން ކޮސްޓަރިކާ ބަލިވި މެޗަށް ފަހު ކޯޗު ފެނާންޑޯ ސުރޭޒް އަށް ބޮޑެތި ފަޑުކިޔުންތަކެއް އަމާޒުވެފައި ވީ ނަމަވެސް މިއަދުގެ މެޗަށް ނެރެ ފުރަތަމަ 11 އަށް ބަދަލު ނުގެންނާނެ ކަމަށް ކޯޗު ވަނީ ބުނެފައެވެ.

ކޮސްޓަރިކާ : ކޭލަރ ނަވާސް، ޖުވިސަން ބެނެޓް، ސެލްސޯ ބޯޖެސް، ފްރާންސިސްކޯ ކަލްވޯ، ޖޯއެލް ކެމްޕެލް، އެންތޮނީ ކޮންޓްރެރާސް، އޮސްކާ ޑޫއާޓޭ، ކީޝަރ ފުލަރ، ބްރައިއަން އޮވިއެޑޯ، ޔެލްސިން ޓެޖެޑާ، ކެންޑަލް ވަސްޓަން.

ޖަޕާނަށް ބަލާއިރު، އެޓީމުން ވެސް މިއަދުގެ މެޗަށް ނެރޭނެ ކަމަށް ބެލެވިފައި ވަނީ ޖަރުމަނާއި ދެކޮޅަށް ވެސް ނެރުނު ފުރަތަމަ 11 އެވެ. އެހެން ނަމަވެސް ޖަރުމަން މެޗަށް ފަހު ބައެއް ކުޅުންތެރިންނަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައި ވުމާއި އެކު، މިއަދުގެ މެޗަށް ނެރޭ ފުރަތަމަ 11 އަށް ކުދަ ބަދަލެއް ވަނީ ގެނެސްފައެވެ. އެގޮތުން ހޮރޮކީ ސަކާއީއަށް އަނިޔާވެފައިވާއިރު، އޭނާގެ ބަދަލުގައި ޓަކެހީރޯ ޓޮމިޔަސޫ ވަނީ ފުރަތަމަ އެގާރައިގައި ހިމަނަން ނިންމާފައެވެ.

ޖަޕާން: ގޯލް ކީޕަރު ގޮންޑާ، ޔަމާނޭ، އިޓަކޫރާ، ޔޮޝިޑާ، ނަގަޓޯމޯ، ޓަނަކާ، އެންޑޯ، އިޓޯ، ކަމާޑާ، ކޫބޯ، އަސާނޯ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް