އިންޑިއާގައި އޮޓޯގެއްގައި ބޮން ގޮއްވުމުގެ ތުހުމަތު އައިއެސްއަށް!

އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ކަރްނާޓަކާގެ މަންގަލޫރޫގެ އޮޓޯއެއްގައި ބޮމެއް ގޮއްވި ހާދިސާގެ ފަހަތުގައި ވަނީ އިސްލާމީ ހަރުކަށި ފިކުރު އައިއެސް ޖަމާއަތް ކަމަށް އިންޑިއާ ފުލުހުން ބުނެފި އެވެ. އެ ބޮން ހަރު...

27 Nov 2022 | 04:41

އިންޑިއާގެ ސްޓޭޓެއް ކަމަށްވާ ކަރްނާޓަކާގެ މަންގަލޫރޫގެ އޮޓޯއެއްގައި ބޮމެއް ގޮއްވި ހާދިސާގެ ފަހަތުގައި ވަނީ އިސްލާމީ ހަރުކަށި ފިކުރު އައިއެސް ޖަމާއަތް ކަމަށް އިންޑިއާ ފުލުހުން ބުނެފި އެވެ.

އެ ބޮން ހަރުކޮށްފައިވަނީ ރައިސް ކުކަރެއްގެ އަޑީގައި އެވެ. ބޮން ގޮވީ އެ ކުކަރު ހިފައިގެން އޮޓޯގައި ޝަރީގު ކިޔާ މީހަކު ދަތުރު ކުރަނިކޮށެވެ.

މިހާދިސާގައި ޝަރީގުގެ 42 ޕަސެންޓު ފިހިފައިވާއިރު ސަރުކާރު ހޮސްޕިޓަލެއްގައި ދަނީ ފަރުވާ ދެމުންނެވެ. މެންގަލޫރޫ ފުލުހުން ބުނީ އިންތިޒާރު ކުރަމުން ދަނީ އެ ބޮން ގޮވަން ޖެހުނު ސަބަބާއި އޭނާ އެ ގެންދިޔަ ތަނާއި ގުޅޭގޮތުން ވާހަކަ ދެއްކޭ ހާލަތަކަށް އައިސްގެން ޝަރީގުގެ ބަޔާން ނެގޭނެ އިރަކަށެވެ.

މިހާތަނަށް ފުލުހުންގެ ތަހުގީގަށް އެނގުނު ގޮތުގައި އެ ބޮން ތައްޔާރު ކުރީ ޝަރީގުގެ ގޭގައި އެވެ. އެ ބޮމަކީ ވަކި ބާވަތްތަކެއްގެ ގޮވާތަކެތި ބޭނުންކޮށްގެން އޭބާ ހެދި ދެވަނަ ބޮން ކަމަށާއި ފުރަތަމަ ހެދި ބޮން، މިދިޔަ ސެޕްޓެމްބަރު މަހު ޓެސްޓު ކުރުމަށް ކޯރެއްގެ ކައިރީގައި މީހުން ނެތް ސަރަހައްދެއްގައި ގޮއްވާލި ކަމަށް ފުލުހުން ބުންޏެވެ.

ޓެސްޓު ބޮން ހެދި މައްސަލައިގަ އޭނާގެ ދެ އެކުވެރިން ސެޕްޓެމްބަރު 12 ވަނަ ދުވަހު ހައްޔަރު ކުރި އެވެ. އެކަމަކު ޝަރީގު ފިލައިގެން ގޮސް ރައިސް ކުކަރުގައި ހަރުކޮށްފައި އިން ބޮން އެކަނި ތައްޔާރު ކުރީ ކަަމަށް ފުލުހުން ބުނެފައިވެ އެވެ.

މި މައްސަލައިގަ ފުލުހުން ދަނީ ފަސް ސަރަހައްދެއް ބަލާ ފާސް ކުރަމުންނެވެ. އޭގެ ތެރޭގައި މައިސޫރުގައި ހުންނަ ޝަރީގުގެ ގެވެސް ހިމެނެ އެވެ. އަދި އޭނާ ފިލައިގެން އުޅުމަށް އެޕާޓްމެންޓެއް ކުއްޔަށް ހިފުމަށް، ވަގު އައިޑީކާޑަކާއި ސިމް ކާޑެއް ހޯދައިދިން މީހަކު ޓަމިލްނާޑޫ ސްޓޭޓްގެ ކޮއިންބަތޫރުން ހައްޔަރުކޮށްފައިވެ އެވެ.

ދާދި ފަހުން ކޮއިންބަތޫރުގައި ކާރެއްގައި އެއްޗެއް ގޮއްވާލުމުގެ ތުހުމަތު ފުލުހުން ކުރާ ޖަމީޝާ މުބީން އާއިވެސް ޝަރީގާއި ގުޅުން އޮންނަ ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. އެ ބޮމުގެ ހަމަލާގައި ޖަމީޝާ ވަނީ މަރުވެފައި އެވެ.

މި ދެމީހުންނަކީވެސް އައިއެސްއަށް ތައީދު ކުރާ ދެމީހުން ކަމަށް ތުހުމަތު ކުރެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް