ފީފާ ވޯލްޑް ކަޕް 2022 ގުރޫޕް ސީ ގެ ދެވަނަ މެޗުގައި ރޭ މެކްސިކޯގެ މައްޗަށް ކުރި ހޯދައި މުބާރާތުގެ ދެ ވަނަ ބުރުގެ އުންމީދު އާޖެންޓީނާ އިން ދަމަހައްޓައިފި އެވެ.
ގަތަރުގެ އަލް ދާޔަން ސިޓީގައި އޮންނަ އަލް ލުސާއިލް ސްޓޭޑިއަމުގައި ކުލުނު މި މެޗު އާޖެންޓީނާއިން ކާމިޔާބު ކުރީ 0-2 ގެ ނަތީޖާއިންނެވެ.
ރޭގެ މެޗުން އާޖެންޓީނާ މޮޅުވުމާ އެކު އެޓީމަށް ވަނީ ގްރޫޕް ސީގެ ދެވަނަ މަޤާމު ލިބިފައެވެ. އާޖެންޓީނާއަށް ގުރޫޕުގެ ދެވަނަ ލިބެނީ ރޭގެ މެޗުން ހޯދި ތިން ޕޮއިންޓާއި އެކުގައެވެ. ތިން ވަނައިގައި އޮތް ސައުދީ އަރަބިއްޔާ އަށް ވެސް ތިން ޕޮއިންޓް ލިބިފައިވާއިރު، އާޖެންޓީނާ އަށް ކުރި ލިބެނީ ފައިދާ ގޯލުގެ ތަފާތުންނެވެ. މި ގުރޫޕުގެ އެއްވަނަ މަޤާމުގައި އޮތީ ރޭ ސައޫދީ އަރަބިއާ ބަލިކުރި ޕޮލަންޑެވެ. އެޓީމަށް އެއްވަނަ ލިބެނި ދެ މެޗުން ލިބުނު ހަތަރު ޕޮއިންޓާއި އެކުގައެވެ. ގްރޫޕުގެ ފުލުގައި އޮތީ އެއް ޕޮއިންޓާ އެކު މެކްސިކޯ އެވެ.
ގުރޫޕުގެ ދެވަނަ މެޗަށް އާޖެންޓީނާ ރޭ ނިކުތްއިރު، އެޓީމަށް މެޗު ކާމިޔާބު ކުރުން ނޫން ގޮތެއް ނެތެވެ. އެއީ ފުރަތަމަ މެޗުން ސައޫދީ އަތުން ބަލިވެފައި ވުމުންނެވެ. ފުރަތަމަ މެޗާއި ޚިލާފަށް ރޭގެ މެޗަށް އާޖެންޓީނާއިން މެކްސިކޯއާއި ދެކޮޅަށް ނުކުތީ ގިނަ ބަދަލުތަކަކާ ވެސް އެކުގަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާއަށް ވުރެ ރަނގަޅަށް ކުޅެ ހަމަލާތައް އުފައްދަން މަސައްކަތް ކުރީ މެކްސިކޯއިންނެވެ. ނަމަވެސް ހާފު ނިމުމާއި ހަމައަށް ވެސް އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މި މެޗުގެ ދެލަނޑުވެސް ފެނިގެން ދިޔައީ ފަހު ހާފުގައެވެ.
މި މެޗުގައި އާޖެންޓީނާއަށް ލީޑު ނަގައިދިނީ ޓީމުގެ ތަރި ލިއޮނެލް މެސީއެވެ. މިއީ ދެވަނަ ހާފުގެ 64 ވަނަ މިނެޓުގައި އޭރިއާ ބޭރުން ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން މެސީ ކާމިޔާބުކުރި ލަނޑެކެވެ. މެޗުގެ 87 ވަނަ މިނެޓުގައި އާޖެންޓީނާއަށް ލީޑު ފުޅާކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އެންޒޯ ފެނާންޑޭޒްއެވެ. އޭނާ މި ލަނޑު ކާމިޔާބު ކުރީ މެސީގެ އެހިތެރިކަމާއި އެކުގައެވެ. އާޖެންޓީނާގެ ގޯލުތަކާއިއެކު މެކްސިކޯ އިން ބަދަލުތަކެއް ގެނެސް ކުރިއަށް ޖެހިލައިގެން ކުޅުނު ނަަމަވެސް މި ހާފުގައި ނުރައްކާތެރި ހަމަލާއެއް އުފެއްދޭ ގޮތެއް ވަނީ ނުވެފައެވެ.
މި މުބާރާތުގައި މިއަދު ވެސް ފޯރިގަދަ ހަތަރު މެޗެއް ކުޅޭނެ އެވެ. ހަވީރު ތިނެއް ޖަހާއިރު ފަށާ މެޗުގައި ޖަޕާން ނުކުންނާނީ ކޮސްޓަ ރިކާއާ ދެކޮޅަށެވެ. އިރުއޮއްސި ހައެއް ޖަހާއިރު ބެލްޖިއަމް އާއި މޮރޮކޯ ވާދަކުރާއިރު، ރޭގަނޑު ނުވައެއް ޖަހާއިރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްރޮއޭޝިއާއާއި ކެނެޑާއާއެވެ. ފަހު މެޗުގައި މިރޭ ދަންވަރު 12 ޖަހާއިރު ވާދަކުރާނީ ސްޕެއިން އާއި ޖަރުމަނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް