މަޖިލީހުގެ ޖަލްސާއެއް -- ފޮޓޯ: މަޖިލީސް
ގަތުލުޢާންމާއި ދައުލަތަށް ޣައްދާރުވުން ޖިނާއީ ކުށަކަށް ހަދަން ސަރުކާރުން ހުށަހަޅާފައިވާ ގާނޫނުލްޢުޤޫބާތު އިޞްލާޙުކުރާ ބިލު، މީޑިއާތަކުން ރިޕޯޓުކުރުމުން ފާޑުކިޔުންތައް އަމާޒުވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާއިން ނަގައިފިއެވެ.
މަޖިލީހުން ރޭ ޝާއިޢުކުރި އެޖެންޑާގައި، މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހަޅުއްވާގޮތަށް ހަމަޖެހިފައިވާ އެ ބިލުގެ ފުރަތަމަ ކިޔުން ހިމަނާފައި އޮތެވެ. ބިލު މަޖިލީހުގެ ވެބްސައިޓުގައި ވެސް ޝާއިޢުކޮށްފައިވެއެވެ. ނަމަވެސް ފަހުން އެ އެޖެންޑާ އުވާލައި ނެރުނު އާ އެޖެންޑާގައި އެ ބިލު ހިމަނާފައެއް ނުވެއެވެ. އެހެން ނަމަވެސް ބިލު އަދިވެސް ވެބްސައިޓުން ފެންނަން އޮތެވެ.
ބިލާ މެދު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދަނީ، ގަތުލުޢާންމުގެ ކުށާއި އެކަމަށް ގޮވާލުމުގެ ކުށް މި ވަގުތަށް ދިމާކޮށް ގެންނަން އުޅޭތީއެވެ. އެކަން ގުޅުވަމުން ދަނީ ރަސްމާލޭގައި އެމިރޭޓްސްގެ އީގަލް ހިލްސްއިން ހިންގަން އުޅޭ މަޝްރޫޢާއެވެ.
ބިލުގައިވާ ގޮތުން، ވަކި ޤައުމަކަށް، ނަސްލަކަށް، ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާޢަތަކާ ދެކޮޅަށް ބަޔާންކޮށްފައިވާ ކަންތައްތައް ހިންގުމާއި، އެފަދަ ކަންކަމަށް ސީދާ އަދި ފާޅުގައި ގޮވާލުމަކީ ކުށެކެވެ. އެ ކުށް ކުރަނީ ރައީސުލްޖުމްހޫރިއްޔާ، މިނިސްޓަރު، މަޖިލިސް މެންބަރު، ފަނޑިޔާރު ނުވަތަ ސަލާމަތީ ޚިދުމަތެއްގެ އަމުރުވެރިއެއްގެ މަޤާމުގައި ހުރި މީހަކު ނަމަ، އެއީ ފުރަތަމަ ދަރަޖައިގެ ޖިނާއީ ކުށެކެވެ. އެހެން ހާލަތްތަކުގައި އެއީ ދެވަނަ ދަރަޖައިގެ ކުށެކެވެ. ބިލުގައި ދައުލަތަށް ޚިޔާނާތްތެރިވުމާއި އިޤްތިޞާދަށް ގެއްލުން ދިނުން ވެސް ކުށުގެ ގޮތުގައި ހިމަނާފައިވެއެވެ.
ފާޑުކިޔުންތަކާ ގުޅިގެން ބަނޑާރަ ނައިބު އަޙްމަދު އުޝާމް ރޭ ވިދާޅުވީ، މި އިޞްލާޙު ހުށަހަޅާފައިވަނީ ޖެނޮސައިޑް ކޮންވެންޝަނާ އެއްގޮތަށް ގަތުލުޢާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އޭގެ އަދަބު ބަޔާންކުރުމަށް ކަމަށެވެ.
އުޝާމް ވިދާޅުވި ގޮތުގައި، ޖެނޮސައިޑް ހިންގާ ޤައުމުތައް ޖަވާބުދާރީކުރުވުމަށް ރާއްޖެއިން ވަކާލާތުކޮށް، އެހެން ޤައުމުތަކަށް އެ ކޮންވެންޝަނަށް ތަބާވުމަށް ގޮވާލާއިރު، އެ މުޢާހަދާގެ ދަށުން ރާއްޖެއިން ކުރުން ލާޒިމު ކަމެއް ނުކުރެވި އޮތުމުން، ރާއްޖެއިން ހުށަހަޅާފައިވާ ގާނޫނީ ނުކުތާތަކަށް އަސަރުކުރެއެވެ. ބިލު އެޖެންޑާއިން ނެގި ނަމަވެސް، އަލުން ތާވަލުކުރާނެ ގޮތެއް އަދި ހާމައެއް ނުކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް