ތިނަދޫ ސިޓީގައި ހިނގި ބަދުއަހްލާގީ އަމަލެއްގެ މައްސަލައިގައި އެ ކޯޕަރޭޝަނުގެ މުވައްޒަފަކަށް ކުށް ސާބިތުވެއްޖެނަމަ އޭނާއާ މެދު އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.
ވެމްކޯއިން ނޫސްބަޔާނެއް ނެރުނީ، އެ މައްސަލައާ ގުޅިގެން އެ ކޯޕަރޭޝަނަށް ރައްދުވާ ގޮތަށް ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން ހަބަރުތައް ފަތުރަމުން ދިއުމުންނެވެ. އެ ބަޔާނުގައި ތިނަދޫގައި ހިނގި އަމަލު އެންމެ ހަރުކަށި ބަހުން ކުށްވެރިކޮށްފައިވާއިރު، އެފަދަ އަމަލުތައް އެއްވެސް ހާލަތެއްގައި ބަލައިނުގަންނާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ޖިނާއީ ކުށެއް މަދަނީ މިންގަނޑުން ސާބިތުވާ ވަރަށް ހެކި ލިބި، ތަހުގީގީ އިދާރާއަކުން މައްސަލަ ވެމްކޯގެ މުވައްޒަފަކަށް ސާބިތުވާ ކަމަށް ކަނޑައަޅައިފިނަމަ، އެ ކޯޕަރޭޝަނުގެ ގަވާއިދާ އެއްގޮތަށް ފިޔަވަޅު އެޅުމުގައި ފަސްނުޖެހޭނެ ކަމަށް ވެމްކޯއިން ބުނެއެވެ.
އެ ކޯޕަރޭޝަނުން ބުނެފައިވާ ގޮތުގައި، މަސައްކަތު މާހައުލުގައި އަދި އޭގެ ބޭރުގައި ވެސް މުވައްޒަފުންގެ އަހްލާގީ މިންގަނޑު ރިވެތިކޮށް ހިފެހެއްޓުމަކީ ވެމްކޯގެ އެޗްއާރު ޕޮލިސީގެ އެންމެ އަސާސީ މަގްސަދުތަކުގެ ތެރެއިން އެއް މަގްސަދެވެ.
އެ ޕޮލިސީ ފަރުމާކޮށްފައިވަނީ އަހްލާގީ މިންގަނޑުން ބޭރުވެ ކުށްކުރާ ފަރާތްތަކަށް ހަރުކަށި ފިޔަވަޅު އަޅައި، އެފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަކަށް ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް