އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން އިންތިޒާމުކޮށްގެން ސެނެހިޔަ މިލިޓަރީ ހޮސްޕިޓަލުގެ އެހީތެރިކަމާއެކު އުމުރުން 55 އަހަރުން މަތީގެ އިސްރަށްވެހިންނަށް އަމާޒުކޮށްގެން މެޑިކަލް ކޭމްޕެއް ކުރިއަށް ގެންގޮސްފިއެވެ.
އިއްޔެ ކުރިއަށްދިޔަ މި ކޭމްޕުގައި ހެލްތު ޗެކަޕް ހެދުމާއި، ހެލްތު ސްކްރީނިންގ ކުރިއަށް ގެންދިޔަކަމަށާއި އަދި ކެންސަރާ ގުޅޭ މަޢުލޫމާތު ދިނުމާއި ސްކްރީން ކުރުމަށް ނަން ނޯޓުކުރުމުގެ ޚިދުމަތް ފޯރުކޮށްދެވުނުކަމަށް ބުނެފައިވެއެވެ. މީގެއިތުރުން ޞިއްޙީ ދާއިރާއާ ގުޅުންހުރި މަޢުލޫމާތު ބައިވެރިނަށް ވަނީ ފޯރުކޮށްދެވުނުކަމަށްވެސް ބުނެފައިވެއެވެ.
އެމްއެންޑީއެފްއިން ބުނެފައިވާގޮތުގައި މި މެޑިކަލް ކޭމްޕަކީ އިސްރައްވެހިންނަށް ދިމާވާ ޞިއްޙީ މައްސަލަތައް އެއްތަނަކުން ދެނެގަތުމާއި، އެކަންކަމާ ގުޅޭ މަޢުލޫމާތު އެފަރާތްތަކަށް ފޯރުކޮށްދިނުމަށް ކުރިއަށްގެންދިޔަ ކޭމްޕެކެވެ. މި ކޭމްޕުގައި ، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑާއި ސެނެހިޔަ މިލިޓަރީ ހޮސްޕިޓަލްގެ އިތުރުން އައިކެއަރ އޮޕްޓިކަލްސް، ދަމަނަވެށި، ހުޅުމާލެ ހޮސްޕިޓަލްގެ ވެލް ވިމަން ކްލިނިކް، މާސްޓަރ ޑެންޓަލް ކެއަރ ސެންޓަރ، ކޮމިއުނިޓީ ވޮލަންޓިއަރ ނަރސަސް އަދި އެލްޒައިމާޒް ސޮސައިޓީ އޮފް މޯލްޑިވްސްއިން ވަނީ ބައިވެރިވެފައިވާއިރު އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދިޔަ މި ކޭމްޕުގައި 97 ފަރާތަކުން ބައިވެރިވިކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް