އިންޑިއާ އާއި އީޔޫ ގުޅިގެން ގަލްފް އޮފް ގިނީގައި އަސްކަރީ ތަމްރީނުތަކެއް ބާއްވައިފި

ނޭވަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަން ހަރުދަނާ ކުރުމުގެ ގޮތުން އިންޑިއާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އުޅަނދުތަކުން ގަލްފް އޮފް ގިނީގައި ކޯޑިނޭޓެޑް އޮޕަރޭޝަންތަކެއް (އަސްކަރީ ތަމްރީން ތަކެއް) ހ...

27 Oct 2023 | 16:50

ނޭވަލް މެރިޓައިމް ސެކިއުރިޓީ ކޯޕަރޭޝަން ހަރުދަނާ ކުރުމުގެ ގޮތުން އިންޑިއާ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އުޅަނދުތަކުން ގަލްފް އޮފް ގިނީގައި ކޯޑިނޭޓެޑް އޮޕަރޭޝަންތަކެއް (އަސްކަރީ ތަމްރީން ތަކެއް) ހިންގާފައިވާ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި އިންޑިއާ ގުޅިގެން ގަލްފް އޮފް ގިނީގައި ފުރަތަމަ ފަހަރަށް ކޯޕަރޭޓިވް ނޭވަލް ޑްރިލް އެއް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އެވެ.

މި ޑްރިލް އަކީ އޮކްޓޯބަރު މަހުގެ ފަސް ވަނަ ދުވަހު ބްރަސަލްސްގައި ބޭއްވި އީޔޫ-އިންޑިއާ މެރިޓައިމް ސެކިއުރިޓީ ޑައިލޮގް ގެ ތިން ވަނަ ސަމިޓަށް ފަހު ބޭއްވި ޑްރިލް އެކެވެ.

މި އެކްސަސައިޒްގައި އިންޑިއަން ނޭވީގެ އައިއެންއެސް ސުމޭދާ އާއި އޮފްޝޯ ޕެޓްރޯލް އުޅަނދެއް ކަމަށްވާ ގަލްފް އޮފް ގިނީގައި އީޔޫގެ މެމްބަރު ތިން އުޅަނދެއް ހިމެނެ އެވެ. އެއީ އިޓަލީގެ ނޭވީ ޝިޕް އައިޓީއެސް ފޮސްކަރީ، ފްރެންޗް ނޭވީ ޝިޕް އެފްއެސް ވެންޓޯސް އަދި ސްޕެނިޝް ނޭވީ ޝިޕް ޓޯނޭޑޯ އެވެ.

މި ހަތަރު އުޅަނދު ގާނާގެ އައްސޭރިފަށުން ބައިނަލްއަގްވާމީ ކަނޑުގެ ސަރަހައްދުގައި ޓެކްޓިކަލް ހަރަކާތެއް ކުރިއަށް ގެންދިޔަ އެވެ. އޭގެ ތެރޭގައި ބޯޑިން އެކްސަސައިޒަކާއި ފްރާންސް ޝިޕް ވެންޓޯސް އާއި އިންޑިއަން ނޭވަލް ޝިޕް ސުމޭދާގައި ފެށި ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން އުދުހުމުގެ އެކްސަސައިޒެއް އަދި އުޅަނދުތަކުގެ މެދުގައި ސިފައިން ބަދަލުކުރުން ހިމެނޭ ކަމަށް ޑިފެންސް މިނިސްޓްރީން ބުންޏެވެ.

މި އެކްސަސައިޒަށްފަހު ގިނީގެ އަކްރާގައި ނޮލެޖް ޝެއަރކުރުމުގެ ސެޝަނެއް ވެސް ކުރިއަށް ގެންދިޔަ އެވެ. މި ސެޝަނަކީ ކަނޑުމަތީގެ ޖޮއިންޓް އެކްސްޕީރިއަންސަށް ބިނާކޮށް އޮޕަރޭޝަނަލް ނޮލެޖް-ހައު އިތުރަށް ހަރުދަނާ ކުރުމަށް ކުރިއަށް ގެންދިޔަ ސެޝަނެކެވެ.

މި ސެޝަންގެ ސަބަބުން ގިނީގެ އޮފިޝަލުންނާއި ގިނީއަށް ޒިޔާރަތްކުރާ އިންޑިއާ، އީޔޫ އަދި އީޔޫގެ މެމްބަރު ގައުމުތަކުގެ މިޝަންތަކުގެ މަންދޫބުންނާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދިޔަ ކަމަށް އެ ބަޔާނުގައި ވެ އެވެ.

މި ހަރަކާތްތަކުން ދައްކުވައިދެނީ ގަލްފް އޮފް ގިނީގެ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގައި ޔޫރަޕިއަން ޔޫނިއަން އާއި އިންޑިއާ އިން އައްސޭރިފަށުގެ ޤައުމުތަކަށާއި ޔައުންޑޭ އާކިޓެކްޗަރއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެޤައުމުގެ މެދުގައި އޮތް އަހައްމިއްޔަތުކަމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް