އިޒްރޭލުން ފަލަސްތީނަށް ދެމުން އަންނަ ހަމަލާތަކުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޣައްޒާއިން 480 މީހެއްގެ ފުރާނަ ގެއްލިފައިވާކަމަށް ޣައްޒާގެ ހެލްތު އޮތޯރިޓީން ބުނެފިއެވެ.
އެ އޮތޯރިޓީން މިހެން ބުނެފައިވާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް އިޒްރޭލުން ދިޔައީ ހުއްޓުމެއްނެތި ވައިގެ މަގުން ހަމަލާތައް ދެމުންނެވެ.
މި ހަމަލާތަކުގައި އިއްޔެއާއި ހަމައަށް ޝަހީދުވެފައިވާ މުސްލިމުންގެ އަދަދު ހަތް ހާހުން މައްޗަށް ގޮސްފައިވާއިރު ޣައްޒާއިން ޝަހީދުވި ފަރާތްތަކުގެ ވަނަވަރު ޣައްޒާއިން އިއްޔެ ވަނީ އާންމު ކުރަން ފަށާފައެވެ.
މަސްރަހުގެ އިތުރު ބައެއް އަދާހަމަތަކަށް ބަލާލާއިރު އެމެރިކާއިންވެސް މި ހަނގުރާމައިގެ ތެރެއަށް ނުސީދާގޮތެއްގައި މިހާރު މިވަނީ ވަދެފައެވެ. އެގޮތުން ސޫރިޔާގައިވާ އިރާނާއި ގުޅުންހުރި ކަމަށް ބެލެވޭ ދެ ފެސިލިޓީއަކަށް ވައިގެ ހަމަލާތަކެއް ދީފައިވާނެ ކަމަށް އެމެރިކާއިން ބުނެފައިވެއެވެ. އެ ހަމަލާތައް ދިނީ ސޫރިޔާ އަދި އިރާގުގައި އެމެރިކާ ސިފައިން ގާއިމްވެތިބޭ މަރުކަޒުތަކަށް ފާއިތުވި ހަފްތާއެއްހާ ދުވަހުގެތެރޭގައި ދިން ހަމަލާތަކުގެ ރައްދުގައި ކަމަށް އެމެރިކާއިން ބުނެއެވެ.
މީގެ އިތުރުން މިސްރުގެ ޓަބާ ސަރަހައްދުގައި ބޮޑު ގޮވުމެއް ގޮވައި ހަ މީހަކު ޒަޚަމްވެފައިވާއިރު އެއީ ރެޑް ސީ ފަޅިން އައި ހަމަލާތަކެއް ކަމުގައި އިޒްރޭލުން ސިފަކޮށްފައިވެއެވެ. އަދި މިސްރާއި ގުޅިގެން އެކަން ތަހުގީގު ކުރަމުން އަންނަކަމަށްވެސް ބުނެފައިވެއެވެ.
އޮކްޓޯބަރު މަހުގެ ހަތްވަނަ ދުވަހުން ފެށިގެން އިޒްރޭލުން ޣައްޒާއަށް ހަމަލާތައް ދެމުން އަންނައިރު މިއަދަކީ ހުއްޓުމެއްނެތި ހަމަލާތައް ދެމުން އަންނަތާ 21 ވަނަ ދުވަހެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް