ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓަ މަރުވި އަބްދުﷲ ރަޝީދުގެ ޕޯސްޓު މޯޓަމް ހަދަނީ ކަނޑައެޅިފައިވާ އިޖުރާތުތަކާއި އެއްގޮތަށް ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބުނެފި އެވެ.
ރަޝީދު މަރުވީ މިދިޔަ އަންގާރަ ދުވަހު އެވެ. ގދ. ހޯނޑެއްދޫއަށް ނިސްބަތްވާ އުމުރުން 43 އަހަރުގެ ރަޝީދު މަރުވީ މެއަށް ތަދެއް އަރައިގެން އޭނާގެ ކިބައިން ސިޒަރގެ ޢަލާމަތްތަކެއް ފެނުމާއި ގުޅިގެން އެ އަތޮޅު މަޑަވެލި ސިއްޙީ މަރުކަޒަށް ގެންދިޔަ މަގުމަތީގައި އެވެ.
މި މައްސަލައިގަ ފުލުހުންނަށް ބޮޑެތި ތުހުމަތުތަކެއް ކުރަމުންދާއިރު ފުލުހުން ވަނީ އޭނާއަށް އެއްވެސް އަނިޔާއެއް ދީފައި ނުވާނެ ކަމަށް ބުނެފައި އެވެ. އަދި އެ މައްސަލައިގަ ފުލުހުންގެ އިހުމާލެއްވޭތޯ ބެލުމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ވަނީ ތަހުގީގު ފަށާފައި އެވެ.
އެ ތަހުގީގަށް ރަޝީދުގެ ޕޯސްޓްމޯޓަމް ހަދަން ނިންމާފައިވެ އެވެ. މިކަމާއި އާއިލާއިން ދަނީ ދެކޮޅު ހަދަމުންނެވެ.
އެ މައްސަލައިގަ އާއިލާ ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ދަނިކޮށް އެންއައިސީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ރަޝީދުގެ މަރުގައި ފުލުހުންގެ އިހުމާލެއްވޭތޯ ބެލުމަށް ތަހުގީގު ކުރަން ނިންމީ އަމިއްލަ އިސްނެގުމަށް ކަމަށެވެ. އެ މައްސަލައިގަ ކުރަމުންދަނީ ޖިނާއީ ތަހުގީގެއް ކަމަށް ބުނެފައިވެ އެވެ.
އެންއައިސީން ބުނީ މި ތަހުގީގު ކުރަނީ ފުލުހުންނާއި ގުޅިގެން ހިންގާ ތަހުގީގެއްގެ ގޮތުގައި ކަމަށެވެ. މި ތަހުގީގައި އިސްކޮށް ހަރަކާތްތެރިވާނީ އެ ކޮމިޝަނުން ކަމަށާއި ފުލުހުން ފޯރުކޮށްދޭނީ އެހީތެރިކަން ކަމަށް ބުނެފައިވެ އެވެ.
އެ ކޮމިޝަނުން ބުނީ ތަހުގީގުގެ ބޭނުމަށް ރަޝީދުގެ ހަށިގަނޑު ޕޯސްޓު މޯޓަމް ހަދާނެ ކަމަށެވެ. އެގޮތަށް ނިންމީ ކަނޑައެޅިފައިވާ އިޖުރާތުތަކާއި އެއްގޮތަށް އިންސާފަށް ވާސިލް ވުމަށް މުހިންމު ކަމަކަށް ވާތީ ކަމަށެވެ.
ފުލުހުން ކުރާ ގާނޫނާއި ގަވާއިދާ ހިލާފު ޢަމަލުތައް ބަލައި ތަހުގީގުކުރުމުގެ ބާރު ގާނޫނުން ލިބިދީފައިވާ އިދާރާއަކީ އެންއައިސީއެވެ.
ރަޝީދުގެ އާއިލާއިން މިއަދު ވަނީ ނޫސްވެރިންނާއި ބައްދަލުކޮށް ޕޯސްޓުމޯޓަމް އާއިލާގެ ނުގަބޫލުގައި ނުހެދޭނެ ކަމަށް ބުނެފައިވެ އެވެ. އަދި އެމީހުންނާއި ހަށިގަނޑު ހަވާލުކޮށްދިނުމަށް އެދިފައިވެ އެވެ.
އާއިލާއިން ބުނީ ފުލުހުންނާއި ދިމާލަް އޭގެ ފަހުން އެއްވެސް އެއްޗެއް ނުބުނާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް