މަގާމުގެ ދަހިވެތި ކަމުގައި ދީނަށާއި ޤައުމަށް ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ޣައްދާރެއް ނުވާނެ ކަމަށް ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ވިދާޅުވެއްޖެއެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވަނީ މަގާމުގެ ދަހިވެތިކަމުގައި ކޮންމެފަދަ ކަމެއްވެސްމިނިސްޓަރ ޢިމްރާން ކުރައްވާފާނެ ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނާއިބު ރައީސް އަޙްމަދު ޝިޔާމް ކުރެއްވި ތުހުމަތަށް ރައްދު ދެއްވަމުންނެވެ.
ޝިޔާމް މިހެން ވިދާލުވީ ޗާގޯސް މައްސަލާގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އިތުރުފުޅު ނުހައްދަވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް މިނިސްޓަރ އިމްރާން ވިދާޅުވުމާއި ގުޅިގެންނެވެ.
އެކަމާ ގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ޝިޔާމް ވިދާޅުވީ ކޮނޑުހުޅުން ނެއްޓޭވަރަށް ކަރުދާސްތަކެއް މިނިސްޓަރ ހިއްޕަވައިގެން މޭޑޭގައިވެސް ހެތްކޭ ކިޔައި ގޮވިކަމަށާއި، ޑރ.އަފްރާޝީމް މަރާލުމުގައި ބައިވެރިވީ މިވެނި ބައެކޭވެސް ވިދާޅުވި ކަމަށެވެ. ނަމަވެސް މަޖިލީހުގައި އެސުވާލު ކުރުމުން ވިދާޅުވީ ކަރުދާސްތައް ޕޮލިހުން އަތުލައިފި ކަމަށް ވެސް ޝިޔާމް ވިދާޅުވިއެވެ.
މެންބަރު ޝިޔާމްގެ އެވާހަކަތަކަށް ޑރ. އިޔާޒް ރައްދު ދެއްވައި މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަގާމުގެ ދަހިވެތިކަމުގައި، އަދި އެނޫންވެސް ސަބަބަކަށްޓަކައި، ދީނަށާއި ޤައުމަށް މިނިސްޓަރ އިމްރާން ޣައްދާރު ނުވާނެ ކަމުގެ 100% ޔަޤީންކަން އެބައޮތް ކަމަށެވެ. އަދި ފިތުނަފަސާދަ އުފައްދަން ދޮގުފެތުރުން ހުއްޓައިލުމަށް މެންބަރު ޝިޔާމަށް ޑރ. އިޔާޒް ގޮވާލައްވާފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް