އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ތައުލީމީ މަރުކަޒަށް ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން ހަޒާރާ ދަރިކޮޅުގެ މީހުންނަށް އަމާޒުކޮށް ދިން ހަމަލާތަކަކީ ގަތުލުއާންމެއްގެ ގޮތުގައި ބެލުމަށް އދއަށް އަފްޣާނިސްތާނުން ކަނޑައަޅާފައި ހުންނަވާ މަންދޫބު ނަސީރު އަހްމަދު ފާއިގު އެދިވަޑައިގެންފިއެވެ.
ފާއިޤް ވަނީ އދ.ގެ އާންމު މަޖިލީހުގެ އިޖުތިމާއީ، އިންސާނީ އަދި ޘަޤާފީ ކަންކަމާ ބެހޭ ކޮމިޓީގައި މިހާރު ދެމުންދާ ޙަމަލާތަކާއި ވަކި ނަސްލެއްގެ ކުދިންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކާއި މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ތާލިބާނުންނަށް ސެކިއުރިޓީ ގާއިމު ކުރެވިފައި ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ފާއިޤް ވިދާޅުވީ މިކަން ކުރެވޭނީ އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ބޮޑެތި ޢަމަލުތައް ބަލައި ރިޕޯޓްކުރުމަށް ފެކްޓް ފައިންޑިންގ ކޮމިޓީއެއް އެކުލަވާލައި، ހަޒާރާއިން މީހުން މެރުމާއި، މަޖުބޫރުން ހިޖުރަކުރުމާއި، އިންޞާފުވެރި ޝަރީޢަތެއް ނެތި މީހުން މެރުމުގެ މައްސަލަތައް ބެލުމަށްފަހު ރިޕޯޓްކޮށްގެން ކަމަށެވެ.
ތާލިބާނުން އަންހެނުންނަށް ކުރާ އަނިޔާއާއި އަންހެނުންނާއި އަންހެން ކުދިންނާ މެދު އެމީހުންގެ އޮންނަ ދެކޮޅުވެރިކަމަކީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. ފާއިގު ވިދާޅުވި ގޮތުގައި ތާލިބާނުންގެ އަނިޔާވެރި އަމަލުތަކަށް ޖަވާބުދާރީ ކުރުވުމަށްޓަކައި ދުނިޔޭގެ މުޖުތަމައުން އެ މީހުންނަށް ޖެހޭ ޕްރެޝަރު ކުރަން ޖެހެ އެވެ.
ތާލިބާނުން ދަނީ އިންސާނީ ހައްގުތަކަށް އަރައިގަންނަމުން ކަމަށާއި އެކަމުގެ ސަބަބުން އަފްޣާނިސްތާނުގެ އިންސާނީ ހައްގުތަކުގެ ހާލަތު އިތުރަށް ގޯސްވެ ބައިނަލްއަގުވާމީ މުޖުތަމައުގެ ކަންބޮޑުވުންތައް ވެސް ވަނީ ބޮޑުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް