އެތައް ބައެއްގެ އިހުތިރާމާއި ލޯބި ލިބިފައިވާ މުޅި ދުނިޔެއަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކް (މުފްތީ މެންކް) މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް، މުފްތީ މެންކް ރާއްޖެ ވަޑައިގެންފައި މިވަނީ، ރާއްޖޭގެ ތިން ސަރަޙައްދެއްގައި ދަރުސް ދެއްވުމަށާއި މާދަމާ (ހުކުރު ދުވަހު) އައްސުލްޠާން މުޙައްމަދު ތަކުރުފާނުލް އަޢުޒަމްގައި އިމާމްވެ ހުކުރު ނަމާދުވެސް ކުރައްވައި ޚުތުބާ ވެސް އިއްވަވައި ދެއްވުމަށެވެ.
މުފްތީ މެންކްގެ މި ދަތުރުފުޅުގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ ތަންތަނާއި ވަގުތު:
- މާލެ- އޮކްޓޯބަރު 28 ވަނަ ދުވަހު ކާނިވާ ސަރަހައްދުގައި
- ފުވައްމުލައް ސިޓީ – އޮކްޓޯބަރު 29 ވަނަ ދުވަހު ފުވައްމުލައް ސްޓޭޑިއަމްގައި
- އައްޑޫ ސިޓީ – އޮކްޓޯބަރު 30 ވަނަ ދުވަހު ސިޓީ ސްކޮޔަރގައި
- ހުޅުމާލެ- އޮކްޓޯބަރު 31 ވަނަ ދުވަހު ސިންތެޓިކް ޓްރެކްގައި.
މިއިން ކޮންމެ ތަނެއްގައިވެސް ދަރުސް އޮންނާނީ އެ ދުވަހެއްގެ ރޭގަނޑު 8:45 ގައެވެ.
އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި، މި ދަރުސްތައް އާންމުކޮށް އެންމެންނަށް ވެސް ވަނީ ހުޅުވާލެވިފައެވެ.
މުފްތީ މެންކްގެ ދަރުސްތަކުގެ މައުޟޫޢުތައް ޚާއްސަކޮށްފައިވަނީ މުޖުތަމަޢުގައި ހުރި މުހިންމުކަންތައްތަކަށް ޚާއްސަކޮށްގެންނެވެ. އެގޮތުން މާތްﷲއާއި އިންސާނާއާއި ދެމެދު އޮންނަ ގުޅުމާއި، އާއިލީ މައްސަލަތަކަށް ޙައްލު ހޯދޭނެ ގޮތްތަކާއި، ޑިޕްރެޝަންއާއި އެންޒައިޓީފަދަ ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތްތައްފަދަ މުހިންމު މައުޟޫޢުތައް ހިމެނެއެވެ.
މި ދަރުސްތަކަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރުސްތައް ބައްލަވައި، އަޑުއެއްސެވޭނެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެއެވެ.
މިދަރުސްތަކުގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށްވެސް މިފަދަ ދަރުހެއް ކުރިއަށް ގެންދިޔުމަށްވަނީ ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް