ޔޯހާނީ ރާއްޖޭގައި – ޔޯހާނީގެ އެދުމަކީ ވީހާވެސް ގިނަ ބަޔަކު ޝޯއަށް ދިއުން

ސްރީ ލަންކާއަށް ނިސްބަތްވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޯހާނީ ރާއްޖެ އަތުވެއްޖެއެވެ. ޔޯހާނީ ރާއްޖެ އައިސްފައިމިވަނީ ހޮނިހިރު ދުވަހު ހުޅުމާލޭގައި ބާއްވާ "ޗަނާޗާ 2022" ޝޯގައި ޕާފޯމް ކުރުމަށެވެ. ރާއްޖެ އައ...

27 Oct 2022 | 11:45

ސްރީ ލަންކާއަށް ނިސްބަތްވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޔޯހާނީ ރާއްޖެ އަތުވެއްޖެއެވެ.

ޔޯހާނީ ރާއްޖެ އައިސްފައިމިވަނީ ހޮނިހިރު ދުވަހު ހުޅުމާލޭގައި ބާއްވާ "ޗަނާޗާ 2022" ޝޯގައި ޕާފޯމް ކުރުމަށެވެ.

ރާއްޖެ އައުމަށްފަހު ސަން މީޑިއާއަށް ދީފައިވާ އިންޓަވިއުއެއްގައި ޔޯހާނީ ބުނެފައިވަނީ އޭނާގެ ސަޕޯޓަރުން ޝޯއަށް އައުމަށް އެދޭކަމަށެވެ.

ޗަނާޗާގެ ހަވީރު ޝޯއަށް ވަނުމުގެ ފުރުސަތު އޮންނާނީ ހިލޭ އެވެ. ޔޮހާނީ ބައިވެރިވާ ރޭގަނޑުގެ ޝޯގެ އާންމު ޓިކެޓުގެ އަގަކީ 150 ރުފިޔާ އެވެ. އެ ޝޯ އޮންނާނީ ހޮނިހިރު ދުވަހުގެ 4:00 އިން ހަވީރު 6:00 އަށް އަދި އެރޭ 8:00 އިން 12:00 އަށެވެ.

މީގެ އިތުރުން ވީއައިޕީ ޓިކެޓު ގަނެގެން ޔޯހާނީއާއި ބައްދަލުކޮށް ފޮޓޯނެގުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. ވީއައިޕީގެ ޓިކެޓުގެ އަގަކީ 999 ރުފިޔާއެވެ.

މި ޝޯގައި ރާއްޖޭގެ މަގުބޫލު ނުވަ ބޭންޑެއް ލަވަ ކުޅޭއިރު، ރާއްޖޭގެ އެހެން މިއުޒިޝަނުން ވެސް ބައިވެރިވާނެއެވެ. އެގޮތުން ޝޯގައި ކުޅެން ހަމަ ޖެހިފައިވާ ބޭންޑު ތަކަކީ ސްކައި ރޮކް، ރެވިއޯ، އިކުއެޓިކް ވައިބް، ޓްރެފިކް ޖޭމް، އަޗޭސިއާ، ސިންބޮލިކް ރިކޯޑްސް، ޑިޓިއުން ބޭންޑް، ފަސީ ލައިވް އަދި ހަންބަލް ބަކަރިއެވެ.

މި ޝޯ އެންމެ ޚާއްސަ ވަނީ، ރާއްޖޭގެ ގިނަ އަދަދެއްގެ މިއުޒިޝްނުންނާއި ބޭންޑުން ލަވަކުޅޭތީއެވެ. އެގޮތުން މި ޝޯގައި، ރާއްޖޭގެ 80އަށްވުރެ ގިނަ އާޓިސްޓުން ޕާފޯމް ކުރާނެއެވެ.

މި ޝޯ ފުރަތަމަ ބާއްވަން ހަމަޖެއްސީ މިމަހުގެ 28 ވަނަ ދުވަހު އެވެ. އެއް ދުވަސް ލަސް ކުރަން ޖެހުނީ 28 ވަނަ ދުވަހުގެ ރޭ ދީނީ އިލްމުވެރިޔާ މުފްތީ މެންކުގެ ދީނީ ދަރުސްއެއް އޮންނާތީ އެވެ.

ޔޮހާނީ ދުނިޔޭގައި މަޝްހޫރުވީ އޭނާގެ ލަވަ “މަނިކޭ މަގޭ ހިތޭ” އާއި އެކު އެވެ. އެ ލަވަ ގިނަ ބަސްތަކަކުން ނެރެފައިވާއިރު އެންމެ ފަހުން ނެރުނީ ހިންދީ ބަހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް