ޕޯސްޓު މެދުވެރިކޮށް އެތެރެކުރި، 2.5 މިލިޔަން ރުފިޔާގެ ޕާޓީ ޑްރަގްސް އަތުލައިގެންފި

ޕޯސްޓްގެ ޒަރިއްޔާއިން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ. ކަސްޓަމްސްއިން ބުނެފައިވާގޮތުގައި މިތަކެތި އަތުލައިގެންފައިވަނީ 2022 ސެޕްޓެމްބަރު 10 ވަނަ ދުވަހު ޕޯސް...

27 Oct 2022 | 10:08

ޕޯސްޓްގެ ޒަރިއްޔާއިން ރާއްޖެ އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

ކަސްޓަމްސްއިން ބުނެފައިވާގޮތުގައި މިތަކެތި އަތުލައިގެންފައިވަނީ 2022 ސެޕްޓެމްބަރު 10 ވަނަ ދުވަހު ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެނެސްފައިވާ ޕެކޭޖްތައް ބަލައިފާސްކުރުމުގެ ތެރޭގައެވެ. މިގޮތުން ނެދަލެންޑުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލާފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ޕެކެޓެއް ވަނީ ފެނިފައިވާކަމަށާއި އަދި ފުރަތަމަ މަރުހަލާގައި ކަސްޓަމްސް އިން މިތަކެތި ތަޙުލީލުކުރިއިރު، މިޕެކެޓުގައި ހުރި ތަކެތި ވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯން (Mephedrone) އަށް ޕޮޒިޓިވް ވެފައިކަމަށް ބުނެފައިވެއެވެ.

"އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ޕެކިނާއިއެކު 1008.87 ގްރާމް ހުރިއިރު، މިތަކެތީގެ މަގުމަތީ އަގު 2,522,175.00  (ދެ މިލިއަން ފަސްލައްކަ ބާވީސް ހާސް އެއްސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާއަށް އަރައެވެ." ކަސްޓަމްސްއިން ބުނެފައިވެއެވެ.

މިމައްސަލައިގައި ޝާމިލްވާ ދިވެހި ފިރިހެނަކާއި އަތުލައިގަނެވުނު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި މިހާރު ވަނީ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މިއީ މިއަހަރު ތެރޭގައި މިބާވަތުގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅެނިކޮށް އަތުލައިގަނެވުނު ތިންވަނަ ފަހަރެވެ. ފުރަތަމަ ފަހަރު ކުރިއަރ މެދުވެރިކޮށް ރާއްޖެ އެތެރެކޮށްފައިވާ ޕާރްސަލްތައް ބަލާފާސްކުރުމުގެ ތެރޭގައި، 2022 މާރިޗު 1 ވަނަ ދުވަހު 585 ގްރާމްގެ މެފެޑްރޯން އަތުލައިގަނެފައިވާއިރު، ދެވަނަ ފަހަރު ޕޯސްޓް މެދުވެރިކޮށް ރާއްޖެ އެތެރެކޮށްފައިވާ ޕާރްސަލްތައް ބަލާފާސްކުރުމުގެ ތެރޭގައި، 2022 ޖޫން 29 ވަނަ ދުވަހު 526 ގްރާމްގެ މެފެޑްރޯން އަތުލައިގަނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް