ޗާގޮސްގެ ސިޔާދަތީ ބާރު މޮރިޝަސްއަށް ދިނުމާއި އިމުގެ މައްސަލައިގަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައްކަވާ ވާހަކަފު ތެދުކަމަށް ހެކިވާ ކަމަށް ހޯމް މިނިސްޓަރު ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހު ވަނީ ފުރަތަމަ ފަހަރަށް ރޭ އެ މައްސަލައިގަ ވާހަކަފުޅު ދައްކަވާފައި އެވެ. އެމަނިކުފާނު ރޭ ވިދާޅުވީ ރާއްޖޭގެ ސިޔާދަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ސަރުކާރުން ނިންމާފައި ނުވާނެ ކަމަށާއި ދެކޮޅަށް ވާހަކަ ދައްކަނީ ސިޔާސީ ބޭނުމެއްގައި ހަގީގަތް އޮޅުވާލަން ވެގެން ކަމަށެވެ.
އެ ވާހަކަފުޅާއި ގުޅޭގޮތުން މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި އިމްރާން ވިދާޅުވީ، ބަޔަކު ކިތަންމެ ނުރުހުނަސް ރައީސް ސޯލިހު ދެއްކެވީ ތެދު ބަސްފުޅެއް ކަމަށް އޭނާ ހެކިވެ ވަޑައިގަންނަވާނެ ކަމަށެވެ. އިމްރާން ވިދާޅުވީ، މޮރިޝަސް އާއި ރާއްޖޭގެ އިމުގެ މައްސަލަ ހިނގަމުންދާ ގޮތް ވަރަށް ރަނގަޅަށް އެނގޭ ކަމަށެވެ.
ރޭ އެމަނިކުފާނު ވިދާޅުވީ، އެ މައްސަލައިގައި ސަރުކާރުން މިހާރު ވެސް ދަމަހައްޓަމުން އަންނަނީ އެ ކަމުގައި އެންމެ ކުރިން ފެށިގެން ވެސް ދިވެހި ދައުލަތުން ދަމަހައްޓަމުން އައި ދިވެހިރާއްޖޭގެ އެންމެ މަތީ މަސްލަހަތު ދިފާއުކުރުމުގެ ސިޔާސަތު ކަމަށެވެ.
ނަމަވެސް އެކަމުގައި ވެސް ވަކި ބައެއްގެ އަމިއްލަ ބޭނުމަށް އަދި ސިޔާސީ މަގުސަދެެއް ހާސިލުކުރުމަށް ހަގީގަތް އެނގި ތިބެ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ފަތުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެ ވާހަކައާ ގުޅުވައި ރައީސް ވަނީ ދެ މޫނުގެ ވެރިންނަށް ނުވުމަށާއި ތެދުބަހުން ވާހަކަ ދެއްކުމަށް އެދިވަޑައިގެންފަ އެވެ.
އިދިކޮޅާއި އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ތެރެއިން ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާ މެމްބަރުން ވިދާޅުވަމުން ގެންދަވަނީ މި މައްސަލައިގަ މޮރިޝަސް ކޮޅަށް އެރުމަކީ ރާއްޖޭގެ ސަރަހައްދުން ބައެއް ދޫކޮށްލުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް