އިންޑިއާގެ އެއް ބިލިއަންވަނަ ކުއްޖާއަށް ސަރުކާރުންވީ ވައުދުތައް ނުފުއްދައިދޭކަމުގެ ޝަކުވާ!

އިންޑިއާގެ އެއް ބިލިއަން ވަނަ ކުއްޖާ އުފަންވީ 2000 ވަނަ އަހަރުގެ 10 މެއި ގައި އެވެ. އެ ކުއްޖާއަކީ އިންޑިއާގެ އެއް ބިލިއަން ވަނަ ކުއްޖާކަން މުޅި ދުނިޔެއަށް އިއުލާނު ކުރީ ވިހޭތާ އެއް ގަޑިއިރު ފަހުންނެވެ...

27 Oct 2022 | 06:52

އިންޑިއާގެ އެއް ބިލިއަން ވަނަ ކުއްޖާ އުފަންވީ 2000 ވަނަ އަހަރުގެ 10 މެއި ގައި އެވެ.

އެ ކުއްޖާއަކީ އިންޑިއާގެ އެއް ބިލިއަން ވަނަ ކުއްޖާކަން މުޅި ދުނިޔެއަށް އިއުލާނު ކުރީ ވިހޭތާ އެއް ގަޑިއިރު ފަހުންނެވެ. މިހާރު އުމުރުން 22 އަހަރުގެ އާސްތާ އަރޯރާ ކިޔާ އެ ކުއްޖާ އުފަންވީ ވެރިރަށް ނިއުދިއްލީގެ ހޮސްޕިޓަލެއްގައި އެވެ.

އޭގެ 22 އަހަރު ފަހުން މިހާރު ކުއްޖާ ކޮބައިތޯ ބަލަން ނޫސްވެރިން ކުރި މަސައްކަތުން ކުއްޖާ ފެނުނީ ވަރަށް އާދައިގެ ކާރޫބާރޫ ބޮޑު ސަރަހައްދެއްގައި ދިރިއުޅެމުންދަނިކޮށެވެ. އެ ކުއްޖާ ވަނީ އޭނާގެ ދިރިއުޅުމުގައި ލިބުނު އުފާތާއި ސަރުކާރުން އޭނާއަށް ހެދި ދޮގުތަކާއި ބެހޭ ގޮތުން ވާހަކަ ދައްކާފައި އެވެ.

އާސްތާ ބުނީ އޭނާއަކީ އިންޑިއާގެ އެއްް ބިލިއަން ވަނަ ކުއްޖާކަން އެނގުނީ އެ ދުވަސްވަރު ނޫސްތަކުގައި އެ ވާހަކަތައްޖަހާފައި ހުރި ގަނޑުތައް ގޭގައި ހުރުމުން ކަމަށާއި އެކަމަކު ބޮޑުވެގެން އައި އިރު އެފަދަ ހާއްސަކަމެެއް އިހުސާސް ނުކުރެވޭ ކަމަށެވެ. އެ ޝަރަފުގެ ހާއްސަކަން ލިބެން ފެށީ އުމުރުން ހަތަރެއް ނުވަތަ ނުވަތަ ފަސް އަހަރުގައި ސްކޫލަށް ދާން ފެށުމުން ކަމަށެވެ.

އާސްތާ ބުނީ ހާއްސަކަން ލިބެންފެށީ އދ. އިން އާބާދީ ދުވަހު އިންޑިއާގެ އެއް ބިލިއަން ވަނަ ކުއްޖާ ފާހަގަކޮށް ނޫސްވެރިންނާއި އެކު ސްކޫލަށް ދިއުމުން ކަމަށެވެ. އެކަން ވީ އޭނާއަށް އަދި ސްކޫލަށްވެސް ބޮޑު ޝަރަފެއް ލިބުނު ކަމަކަށް ކަމަށާއި އޭގެ ފަހުން ވަރަށް ގިނައިން ނޫސްވެރިން ސްކޫލްކައިރިއަށް ގޮސް އޭނާ އުޅޭ ނޫޅޭގޮތް ވީޑިއޯކޮށް ހަބަރުގައި ހިމަނާ ކަމަށެވެ.

އާސްތާ ބުނީ ސްކޫލަށް ލިބެންފެށީ ޝަރަފާއި އެކު އެމީހުން އޭނާގެ ސްކޫލް ފީ ހިލޭކޮށްދިން ކަމަށެވެ. އެކަމަކު ދެން ހުރި ހަރަދުތައް އާއިލާއިން ބަލަހައްޓަންޖެހުންވީ، ޑޮކްޓަރަކަށް ވުމުގެ ހުވަފެނާއި އެކު ކިޔަވަމުންދިޔަ އާރްތީ އެ ސްކޫލުން ވަކިވާން ޖެހުނު ސަބަބަށެވެ.

އާސްތާ ބުނީ އުމުރުން 16 އަހަރުގައި އެ ސްކޫލުން އޭނާ ކަނޑާލައި އާއިލާއިން އޭނާ ވެއްދީ ސަރުކާރު ސްކޫލަކަށް ކަމަށެވެ. ކިޔެވުމަށް މޮޅު އާސްތާ ދެކެމުން އައި ހުވަފެން ވެއްޔާ މޮޑެވުމުން އޭނާ ޖެހުނީ ނަރުސްކަން ކިޔަވާށެވެ. އޭއަކީ މިހާރު އަމިއްލަ ހޮސްޕިޓަލެއްގެ ނަރުހެކެވެ.

އާސްތާ ބުނީ މަންމަމެންގެ ވާހަކައިންނާއި އޭރުގެ ނޫސްތަކުން ފެންނަން ހުރި ލިޔުންތަކުން އޭނާއަށް ސަރުކާރުންވީ ވައުދުތައް ފުއްދައިދީފައި ނުވާކަން އެނގޭ ކަމަށެވެ.

އޭނާގެ މަންމަ ބުނީ ވިހޭތާ އެއް ގަޑިއިރު ތެރޭގައި މަރުހަބާ ކިޔުމަށް އިންޑިއާގެ އޭރުގެ ވުމެން އެންޑް ޗައިލްޑް ޑިވެލޮޕްމެންޓު މިނިސްޓަރު ސުމިތްރާ މަހާޖަން ހޮސްޕިޓަލަށް ވަޑައިގެންނެވި ކަމަށެވެ. އަދި އޭނާ ވަނީ އާސްތާއަށް ތައުލީމާއި ސިއްހީ ފަރުވާ އަދި ރޭލު ދަތުރުތައް އުމުރު ދުވަހަށް ހިލޭ ކުރެވޭނެ ކަމަށް ވައުދުވެފައި ކަަމަށެވެ.

އޭގެ ފަހުން އެ ސަރަހައްދުގެ ޢޭރުގެ މަޖިލީސް މެމްބަރު ސަހިބް ސިންގް ވަރުމާ ވަނީ އާސްތާގެ ބައްޕައަށް ސަރުކާރު ވަޒީފާ ހޯދައިދޭނެ ކަމުގެ ޔަގީންކަން ދީފައި ކަމަށެވެ. އެކަމަކު އޭގެ ފަހުން އެ މެމްބަރާއި ބައްދަލު ކުރަން ދިޔަ ކޮންމެ ދުވަހަކުވެސް ބުނެފައިވަނީ އޮފީހުގައި ނެތް ކަމަށެވެ.

މީގައި ދެރައީ އާއިލާ އަތުގައި އޭރު މިނިސްޓަރާއި މެމްބަރު އެހެން ވިދާޅުވި ކަމުގެ އެއްވެސް ހެއްކެތް ނެތުމެވެ. އެ މެމްބަރު ވަރުމާ މިހާރު މަރުވެފައިވާއިރު މިނިސްޓަރު މަހާޖަން ވަނީ އެފަދަ ހުވައެއް އޭނާ، އާއިލާއަށް ކުރި ކަމަށް އިންކާރު ކޮށްފައި އެވެ.

2009 ވަނަ އަހަރު ސިޔާސީ ދާއިރާއިން ރިޓަޔާވެފައި ހުރި އެ މިނިސްޓަރާއި މިކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ބުނީ އާސްތާ ވިހޭ ދުވަހު ހޮސްޕިޓަލަށް ދިޔައީ މިނިސްޓަރެއްގެ ހައިސިއްޔަތުން ކަމަށާޢި އޭނާއަށް އެހީއެއް ދޭން ވައުދުވެފައިވަނީ ހަމައެކަނި އދ. ގެ އާބާދީ އައި ބެހޭ ޖަމިއްޔާ ޔޫއެންއެފްޕީއޭ ކަމަށެވެ. އިންޑިއާ ސަރުކާރުން އެއްވެސް ވައުދެއްވިކަން ހަނދާން ނެތް ކަމަށެވެ.

އޭނާ ބުނީ އާއިލާއިން ފަހުން އޭނާ އާއި ގުޅައިގެން މަސައްކަތް ކުރި ނަމަ އެހީ ލިބޭނެ ގޮތް ހަދައި ދޭނެ ކަމަށެވެ.

ޔޫއެންއެފްޕީއޭއިން އާސްތާއަށް ދިނީ ދެ ލައްކަ އިންޑިއަން ރުޕީސް އެވެ. އެ ދުވަސްވަރު އެކި ގޮތްގޮތުން އާސްތާއަށް މީހުން ދިން ހަދިޔާ އާއި އެކު އޭނާއަށް ލިބުނު ފައިސާގެ އަދަދު ހަތް ލައްކަ ރުޕީސްއަށް އިތުރުވި އެވެ.

އޭނާގެ އާލިއާއިން ބުނީ އެ ފައިސާ ހަރަދު ކުރީ އާސްތާ ކޮލެޖުގައި ކިޔެވި އިރު ފީއަށް ކަމަށެވެ. އަދި ބާކީ ހުރި ފައިސާއިން އާސްތާ ނަރުސްކަން ކިޔަވަން ފީގެ އެއްބައި ދެއްކުނު ކަމަށެވެ. އާސްތާގެ ބައްޕައަކީ ފިހާރައެއްގެ ސޭޓެކެވެ. އެ އާއިލާގައި ދެން ހުންނަނީ މަންމަ އާއި އޭނާގެ 27 އަހަރުގެ ބޭބެ އެކެވެ.

އާސްތާ ބުނީ ސަމާލުކަން ހޯދަން މަސައްކަތް ނުކުރާ ކަމަށާއި ސަރުކާރުން ވީ ވައުދު ނުފުއްދާކަމުގެ ޝަކުވާވެސް މިހާރު ކުރަން ބޭނުން ނުވާ ކަމަށެވެ.

އާސްތާ ވިހޭ ދުވަހު އިންޑިއާ ސަރުކާރުން ވަނީ 2045 ވަނަ އަހަރު އެގައުމުގެ އާބާދީ 1.4 ބިލިއަނަށް އަރާނެ ލަފާކޮށްފައި އެވެ. އޭރުން އެ ގައުމު ވެގެން ދާނީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމަށެވެ.

އެކަމަކު މިއަހަރުގެ ޖުލައި މަހު އދ. އިން ވަނީ އިންޑިއާއަކީ ދުނިޔޭގެ އެންމެ މީހުން ގިނަ ގައުމަށް އަންނަ އަހަރު ވާނެ ކަމަށެވެ. މިހާރު އިންޑިއާގައި އާބާދީ އިތުރުވަމުންދާ ރޭޓަށް ބަލާއިރު 1.4 ބިލިއަން މީހުން އަންނަ އަހަރު ހަމަވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް