ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕް ސްޓޭޖުން ސްޕެއިންގެ އެތްލެޓިކޯ މެޑްރިޑް ކަޓައިފިއެވެ.
އެތްލެޓިކޯ މެޑްރިޑު މުބާރާތުން ކެޓީ ރޭ އެތްލެޓިކޯއާއި އެއް ގުރޫޕެއްގައި ހިމެނޭ ކުލަބު ބުރޫޖްއާއި ދެކޮޅަށް ކުޅުނު މެޗު ޕޯޓޯއިން 0-4 ގެ ނަތީޖާއިން ކާމިޔާބު ކުރުމުންނެވެ. ރޭގެ މެޗުން މޮޅުވުމުން ޕޯޓޯއަށް ވަނީ ދެވަނަ ބުރު ކަށަވަރުވެފައެވެ.
ރޭގެ މި ނަތީޖާއާއި އެކު ޕޯޓޯއަށް ދެވަނަ ބުރު ކަށަވަރުވީ ކުޅުނު ފަސްމެޗުން ލިބުނު ނުވަ ޕޮއިންޓާއިއެކުގައެވެ. އެތްލެޓިކޯއަށް ރޭގެ މެޗު އެއްވަރުވުމުން ލިބިފައިވަނީ ފަސް މެޗުން ފަސް ޕޮއިންޓެވެ. ލެވަކޫސަން އަށް ލިބެނީ ހަތަރު ޕޮއިންޓެވެ. މި ގުރޫޕުން ދެވަނަ ބުރުގެ ޖާގައެއް ފުރަތަމަ ޔަގީންކުރި ޓީމަކީ ކުލަބް ބުރޫޖްއެވެ. ބުރޫޖް ދެވަނަ ބުރަށް ދަތުރުކުރީ ފަސް މެޗުން 10 ޕޮއިންޓް ހޯދައިގެނެވެ.
ރޭ އެތްލެޓިކޯ އަދި ލެވަކޫސަން ބައްދަލުކުރި މެޗު ވީ އެއްވަރެވެ. އެއީ 2-2 ގެ ނަތީޖާއިންނެވެ.
ރޭގެ މެޗުގައި ފުރަތަމަ ލީޑުނެގީ މޫސާ ޑިއާބީ ޖެހި ގޯލުން ލެވަކޫސަނުންނެވެ. ޔަނިކް ކަރާސްކޯ ޖެހި ގޯލުން އެތުލެޓިކޯ މެޗުގެ ނަތީޖާ އެއްވަރުކުރި ނަމަވެސް ހަޑްސަން އޮޑޯއި ކާމިޔާބު ކުރި ލަނޑުން ލެވަކޫސަނަށް ދެވަނަ ފަހަރަށް ލީޑުނެގިއެވެ. އެތްލެޓިކޯއިން ދެވަނަ ފަހަރަށް ނަތީޖާ އެއްވަރުކުރީ މެޗުގެ 50 ވަނަ މިނެޓުގައި ޑިޕޯލް ޖަހައިދިން ލަނޑުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް