ރީތިވުމަށް ބޭނުން ކުރާ މޭކަޕް، ލޯޝަން، ސައިބޯނި އަދި ޝޭމްޕޫ ފަދަ ތަކެތި ގަންނަ އިރު އާއްމުކޮށް ބަލައިލެވެނީ ދުވަސް ހަމަވާތާރީހަށެވެ. އަދި ފުޅީގެ ކުރިމަތީ ލޭބަލްގައި އެއަށް އަޅައިފައޭ ބުނާ އެއްޗަކަށެވެ. އަދި އެއިން ދުވާ މީރު ވަހަށެވެ. އެއަށް އަޅައިފައިވާ މާއްދާތަށް ކިޔައިލާނީ މަދުބައެކެވެ. ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ ރީތިވާ ސާމާނު ބޭނުން ކުރާއިރު މިތަކެތީގައި އެތައްސަތޭކަ ނުރައްކާތެރި ކެމިކަލްއެއް ހިމެނޭކަން އެނގެނީ ކިތައް ބޭފުޅުންނަށްތޯއެވެ؟
ބުނެވޭ ގޮތުގައި ރީތިވާ ސާމާނު އުފެއްދުމަށް ބޭނުންކުރާ މާއްދާތަކުގެ ކޮންމެ އަށް މާއްދާއަކުން އެއް މާއްދާއަކީ ހަށިގަނޑަށް ނުރައްކާތެރި މާއްދާއެކެވެ. މީގެ ތެރޭގައި ހިމެނޭ ހަތަރު މާއްދާއެއް މި ލިޔުމުގައި ހިމަނާލާނަމެވެ.
ޕެރަބެންސް (Parabens)
މިއީ ރީތިވުމަށް ބޭނުން ކުރާ ތަކެތީގައި އެންމެ އާންމު އެއްމާއްދާއެވެ. މި މާއްދާގެ މައިގަނޑު މަސައްކަތަކީ އެއެއްޗެއް ހަލާއްކު ނުވާނޭ ގޮތަށް ގިނަދުވަހު ދަމަހައްޓައިދިނުމެވެ. މިކަން މިހެން އޮތް ނަމަވެސް މި މާއްދާއަކީ ވަރަށް ފަސޭހައިން ހަންގަނޑުގެ އެތެރެއަށް ވަދެވޭ އެއްޗެކެވެ. އަދި މީގެ ސަބަބުން ފިރިހެނުންގެ ދަރިފަނީގެ އަދަދު މަދުވުމަށް ދިމާވެއެވެ. އަދި އަންހެނުންނަށް އުރަމަތީގެ ކެންސަރު ޖެހުމަށް މަގުފަހިވެއެވެ. މީގެ އިތުރުން މިމާއްދާއަކީ އިންސާނާގެ ހޯރމޯންސްތަކުގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ނޭދެވޭ އަސަރު ކުރުވާ މާއްދާއެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ހަންގަނޑުގައި ޕެރަބެން އުނގުޅައިފައި ހުއްޓާ އަތްވަށް އެތަނެއް ހުށަހެޅިއްޖެނަމަ އިރުގެ "ޔޫވީބީ" ދޯދިތަކާއި އެމާއްދާ އެއްވެ ނަތީޖާއެއްގެ ގޮތުން ޑީއެންއޭއަށް ގެއްލުންވެއެވެ. އަދި އަވަހަށް ހަންގަ ނޑު މުސްކުޅިވުމަށް ދިމާވެއެވެ.
ނަމަވެސް އެފްޑީއޭ އިން އަންގައިފައިވާ ގޮތުގައި ޕެރަބެން އަކީ މަދު އަދަދަކަށް ބޭނުން ކުރާނަމަ ހަންގަނޑަށް ބޭނުން ކުރަން ނުރައްކާތެރި އެއްޗެއްނޫނެވެ. އަދި މިހާރު އާއްމުކޮށް ވިއްކާ މަޝްހޫރު ބްރޭންޑްތަކުގެ ރީތިވާ ސާމާނު ތައްޔާރުކުރަނީ ޕެރަބެން ބޭނުންނުކޮށެވެ. ވީމާ ރީތިވުމަށް ބޭނުންކުރާ ސާމާނު ގަންނައިރު ޕެރަބެން ވީހާވެސް މަދުން ހުންނަ ނުވަތަ އެއްވެސް ވަރަކަށް މިމާއްދާ އެކުލެވިގެން ނުވާ އެއްޗެހި ގަނެވޭތޯ މަސައްކަތް ކުރާށެވެ.
މަސްނޫއީ ކުލަތައް (Dyes Synthetic)
ނަމުންވެސް ދޭހަވާ ގޮތުން މިއީ އިންސާނުން އުފައްދާފައިވާ ކުލައެވެ. ނުވަތަ ކެމިކަލްއެވެ. މިއީ ހަންގަނޑަށް ނުވަތަ އިސްތަށިގަނޑަށް ތަފާތު ކުލަ އަރުވަން އުފައްދާފައިވާ ބާވަތްތަކެކެވެ. މިމާއްދާގެ އެންމެ ނުރައްކާތެރީ "ކޯލް-ޓަރ-ޑައިސް" (Coal-tar-dyes) އޭ ކިޔާ ބާވަތެކެވެ. އާއްމުކޮށް ލޭބަލް ކުރެވިފައިވަނީ "4 މެތޮކްސީ-އެމް-ފިނައިލީންޑައިއެމައިން" (MMPD-4 / phenylenediamine-m-methoxy-4) ނުވަތަ "ސީއެލް" މިހެން ލިޔެފައި ނަމްބަރަކާއި އެކުއެވެ. "ޕީ – ފިނައިލީންޑައިއެމައިން" (P-phenylenediamine) އަކީ އިސްތަށިގަ ނޑުގައި ކުލަ ޖައްސަން ބޭނުންކުރާ ވަރަށް ގިނަ ބާވަތްތަކުގެ ކުލަތަކުގައި ހިމެނޭ އެއްޗެކެވެ. ގަދަ ކުލަތަކުގައި މިމާއްދާ ހިމާނާފައިވާ ވާވަރު ގިނައެވެ.
ދިރާސާތަކުން ދައްކާގޮތުގައި މިމާއްދާއާ ގުޅިގެން ކެންސަރު ޖެހުމަށް މަގުފަހިވެއެވެ. އަދި ޖަނަވާރުންގެ ގައިގައި ޓިއުމަރު އުފެދުމަށްވެސް މެދުވެރިވެއެވެ. ހަމައެއާއެކު މިއީ ފެނުގެ ދިރުންތަކަށް ވިހައެކެވެ. ޔޫރޮޕިއަން ޔޫނިއަންއިން ކަ ނޑައަޅައިފައިވާ ގޮތުގައި ޕީ- ފިނައިލީންޑައިއެމައިން އަކީ ވިހައެކެވެ. ވީމާ މި މާއްދާ ހަންގަނޑުގައި ޖެހުމާއި އެއްވެސް ގޮތަކުން ހަށިގަ ނޑަށް އެތެރެވުން ރައްކާތެރިއެއްނޫނެވެ.
"ބީއެޗްއޭ" އަދި ޓީއެޗްބީ (BHA &THB)
މިދެމާއްދާއަކީވެސް މަސްނޫޢި ދެމާއްދާއެވެ. މި ދެމާއްދާވެސް އާއްމުކޮށް ބޭނުން ކުރަނީ ލިޕްސްޓިކް އަދި މޮއިސްޗުރައިޒަރސް ހަލާއްކުނުވެ ގިނަދުވަހު ބެހެއްޓުމަށެވެ. އަދި ޚާއްސަކޮށް ރީތިވުމަށް ބޭނުން ކުރާ ތަކެތީގައި ހުންނަ ތެލާއި ސަރުބީ ހަލާއްކުނުވެ ގިނަދުވަހު ހުންނާނޭ ގޮތް ހެދުމަށެވެ.
މިދެމާއްދާއަކީ ވައިރަސްއާއި މައިކްރޯބްސް ނައްތާލެވޭ މާއްދާތަކެއްކަމުގައި ވިޔަސްވެސް މިދޭތީގެ ސަބަބުން އެހިމެނޭ އެއްޗަކަށް މީހާގެ ހަންގަނޑު އެލާރޖިކްވުން އެކަށީގެންވެއެވެ. ދިރާސާތަކުން ހެކިދޭ ގޮތުގައި މި ދެމާއްދާއަކީވެސް ހޯރމޯންސްތަކުގެ މަސައްކަތްތަކަށް ބުރޫއަރުވާ އެއްޗެއްސެވެ. ހަމައެއާއެކު ބުނެވޭ ގޮތުގައި މިއީވެސް ޓިއުމަރު އުފެދުމަށް މަގުފަހި ކުރާ ދެމާއްދާއެވެ.
ފްލޭޓްސް (Phthalates)
މި މާއްދާއަކީ އާއްމުކޮށް ނިޔަފަތީގައި ޖައްސާކުލަތަކުގައާއި މީރުވަސްދުއްވާ އެއްޗެހީގައި ހިމެނޭ މާއްދާއެކެވެ. މީގައި ހިމެނެނީ ދެވައްތަރެކެވެ.
އެއީ – އެކެއް: "ޑީބީޕީ" (DBP) "ޑައި-އެން-ބިއުޓައިލް ޕްލޭޓް" (di-n-butyl phthalate)
ދޭއް: "އިތައިލްއެކްސައިލް – ފްލޭޓް" (di[2-ethyhexyl]phthalates) އެވެ.
މިމާއްދާއަކީވެސް ކެންސަރަށް މަގުފަހިކުރާ މާއްދާއެކެވެ. އަދި މީގެ އިތުރުން މިއީ ޗިސްމެޔަށްވެސް ގެއްލުން ކުރުވާ އެއްޗެކެވެ . އަދި ހަމަ އެއާއެކު "ޖެނެޓިކް މިއުޓޭޝަން" ގެނައުމަށް އެހެން ކެމިކަލްތަކަށް އެހީވެދެއެވެ. ޔޫރަޕިއަން ޔޫނިއަންއިން ވަނީ ރީތިވުމަށް ބޭނުން ކުރާ ސާމާނުތަކުގައި އަދި ކުޑަކުދިންނަށް ޚާއްސަކޮށް އުފައްދާ ސާމާނުގައި ޑީބީޕީ ބޭނުން ކުރުން މަނާ ކޮށްފައެވެ.
ރީތިވުމަށް ބޭނުން ކުރާ ތަކެތީގައި ހިމެނޭ ނުރައްކާތެރި މާއްދާތަކުގެ ތެރެއިން މިއީ ވަރަށް މަދު މާއްދާތަކެކެވެ. މީގެ އިތުރުންވެސް އެތަށް ނުރައްކާތެރި މާއްދާތަކެއް އެއެއްޗެހީގައި ހިމެނެއެވެ. ވީމާ އަޅުގަނޑުމެންގެ މަސްއޫލިއްޔަތަކީ އަދި މަގުސަދަކަށް ވާންވީ، ވީހާވެސްމަދުން މިފަދަ މާއްދާތަށް ހުރި ތަކެތި ބޭނުން ކުރުމެވެ. މިއިން އެއްވެސް މާއްދާއެއް ނެތް އެއްޗެހި ހޯދުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެއެވެ.އުފާވެރި ޚަބަރަކީ އަލަށް އުފައްދަމުންދާ ރީތިވުމަށް ބޭނުން ކުރާ ތަކެތީގައި މިފަދަ މާއްދާތަށް ވީހާވެސް މަދުން ބޭނުން ކުރުމަށް ވަރަށް ގިނަ ކުންފުނިތަށް މިހާރު މަސައްކަތް ކުރެއެވެ. ނަމަވެސް ކޮންމެ އެއްޗެއް ގަތުމުގެ ކުރިންވެސް އެއަށް އަޅައިފައިވަނީ ކޮންބާވަތެއްގެ އެއްޗެއްސެއްތޯ ބަލާލުން ވަރަށް މުހިންމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް