މޯލްޑިވްސް ޑިވެލޮޕްމަންޓް އެލިއަންސް (އެމްޑީއޭ) އިން ރައީސް ސޯލިހަށް ކުރި ތާއީދު އަނބުރާ ގެނެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީއެންސީގެ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރަން ނިންމުމާ ގުޅިގެން، ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެކަމަށް މަރުހަބާ ކިޔައިފިއެވެ.
އެ ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެމްޑީއޭއިން ޕީޕިއެމް ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓަށް ތާއީދު ކުރަން ނިންމާފައިވާކަން ޝުކުރުވެރިކަމާއެކު ބަލައިގަންނަ ކަމަށެވެ.
އެކަމަށްޓަކައި، ޕީޕީއެމް ކޯލިޝަންގެ ލީޑަރ، ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އާދި ރިޔާސީ ކެނޑިޑޭޓް އަދި ރަނިންމޭޓްގެ ނަމުގައި އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދާއި އެ ޕާޓީގެ ލީޑަރޝިޕް އަދި މެމްބަރުންނަށް މަރުހަބާ ކިޔާ ކަމަށް ޕީޕީއެމް ކޯލިޝަނުން ބުންޏެވެ.
ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުއިއްޒުއަށް ތާއީދު ކުރަން އެމްޑީއޭއިން ނިންމާފައިވަނީ އެ ޕާޓީން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމެއްގައެވެ.
ޕާޓީގެ ރައީސް އަހްމަދު ޝިޔާމް މުހައްމަދުވެސް ބައިވެރިވެވަޑައިގެންނެވި އެ ބައްދަލުވުމުގައި ކައުންސިލްގެ 34 މެންބަރުން ބައިވެރިވިއިރު އެ ނިންމުން ނިންމާފައިވަނީ ކައުންސިލްގެ 33 މެންބަރުންގެ ސާފު އަގުލަބިއްޔަތުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް