ދިއްދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވައިފި

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ. ދިއްދޫގައި ބޭއްވުނު މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް، ޢަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއާއި،...

27 Sep 2023 | 10:22

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ރޭ ބާއްވައިފިއެވެ.

ދިއްދޫގައި ބޭއްވުނު މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް، ޢަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއާއި، ދިއްދޫ ދާއިރާގެ މެމްބަރު އަލްފާޟިލް ޢަބްދުالله ވަހީދާއި، އެމްޓީސީސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއާއި އެމްޓީސީސީގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.

އަދި ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ މަސައްކަތް އަމަލީ ގޮތުން ފައްޓަވައި ދެއްވީ މިނިސްޓަރ މާރިޔާ އަޙުމަދު ދީދީއެވެ.

އެމްޓީސީސީ އިން ބުނާ ގޮތުގައި މި މަޝްރޫޢުގެ މަސައްކަތް ނިމުމާއެކު ދިއްދޫ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ ދަތިކަމަށް ހައްލެއް ލިބި، މުސްތަޤުބަލުގައި ދިއްދޫ އިތުރަށް އާބާދުވެ ތަރައްޤީކުރުމުގެ ދޮރުތަށް ހުޅުވިގެން ދާނެއެވެ.

އެގޮތުން މި މަޝްރޫޢުގެ ދަށުން، 1,150 މީޓަރުގެ ސޭންޑް ބަންޑުވޯލްއެއް ހެދުމާއި، 623,968 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 10,962 ކިއުބިކް މީޓަރުގެ ގޮނޑުދޮށް ސަރަޙައްދުގެ ބިން ހިއްކުމާއި، 916 މީޓަރުގެ ބަޔޮސްވޭލް ޓްރެންޗްއެއް ކޮނުމާއި، 916 މީޓަރުގެ ޖިއޯ ޓެކްސްޓައިލް އެޅުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީ އިން ބުނެފައިވެއެވެ.

މި މަޝްރޫޢަކީ 83.07 މިލިއަން ރުފިޔާއަށް ސަރުކާރުން އެމްޓީސީސީއަށް ހަވާލުކުރެވިފައިވާ މަޝްރޫއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް