ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް ޝައުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނެފައިވާގޮތުގައި، މިފުރުސަތު ހުޅުވާލާފައިވަނީ 24 އޮކްޓޯބަރު 2023ގެ ނިޔަލަށެވެ.
ދިވެހިރާއްޖެއިން މީހުން ޢުމްރާއަށް ގެންދިޔުމާބެހޭ އުސޫލުގެ 9ވަނަ މާއްދާގެ ރ ގައި، ޢުމްރާއަށް މީހުން ގެންދިޔުމަށް ކޮންމެ މީލާދީ އަހަރަކު ދެ ފަހަރު އިޢުލާންކުރަން ވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެގޮތުން މިއީ މިއަހަރުތެރޭ އިޢުލާންކުރެވޭ ދެ ވަނަ ފަހަރުކަން އެ މިނިސްޓްރީން ފާހަގަކުރެއެވެ.
އެ އުސޫލުގެ ނުވަ ވަނަ މާއްދާގައި ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ، ޢުމްރާއަށް މީހުން ގެންދިޔުމަށް ހުށަހަޅާ ކުންފުނިތަކުގެ ތެރެއިން ޝަރުތު ހަމަވާ ކުންފުނިތަކަށް ދެވޭނެކަމަށް ބަޔާންކޮށްފައިވާއިރު، ހުއްދައަށް ހުޅުވާލުމާއެކު މިހާރު ހުއްދައިގެ މުއްދަތު ހަމަވެފައިވާ ކުންފުނިތަކާއި، ނޮވެމްބަރު މަހަށް މުއްދަތު ހަމަވާ ކުންފުނިތަކަށް ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ. ޝަރުތު ހަމަވާ ކުންފުނިތަކަށް ހުއްދަދެނީ ދެ އަހަރުދުވަހަށެވެ.
ޢުމްރާއަށް މީހުންގެ ގެންދިއުމުގެ ހުއްދައަށް އެދި ހުށަހަޅަންޖެހޭ ޕްރޮޕޯޒަލް ފޮތް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ލިބިވަޑައިގަންނަވާނެ ކަމަށާއި ޕްރޮޕޯޒަލް ބަލައިގަތުން ހަމަޖެހިފައިވަނީ 08 އޮކްޓޯބަރު 2023ވާ އަންގާރަދުވަހުން ފެށިގެން 24 އޮކްޓޯބަރު 2023ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުންކަމުގައި އެ މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް