ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް މަސައްކަތްތެރި ބަޔަކަށް ހެދުމަށް ބާރުއަޅައިދެއްވުމަށް ނައިބުރައީސް އެދިވަޑައިގެންފި

ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް މަސައްކަތްތެރި ބަޔަކަށް ހެދުމަށް ބާރުއަޅައިދެއްވުމަށް ބެލެނިވެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއ...

27 Sep 2023 | 04:29

ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް މަސައްކަތްތެރި ބަޔަކަށް ހެދުމަށް ބާރުއަޅައިދެއްވުމަށް ބެލެނިވެރިންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެދިވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިކަމަށް އެދިވަޑައިގެންނެވީ މާލެ އަތޮޅު ގާފަރު ކައުންސިލުގެ އަށްވަނަ ޤުރުއާން މުބާރާތް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކީރިތި ޤުރުއާނުންވެސް ދަސްވާ އެންމެ މުހިންމު އެއް ކަމަކީ ރިވެތި އަޚްލާޤުކަން ފާހަގަކުރައްވާފައެވެ. ހަމަ އެހެންމެ އެމަނިކުފާނު ވަނީ ޅަފަތުގައި ޤުރުއާނަށް ލޯބި ޖެއްސުމާއި ރީތިކޮށް ތަޖުވީދުގެ މަގުން ޤުރުއާން ކިޔެވުމާއި އަދި ކީރިތި ޤުރުއާނުގެ މާނަ ދެނެގަތުމުގެ މުހިންމުކަމާއި ބޭނުންތެރިކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ޢަރަބިބަސް އުނގެނުމުގެ ފައިދާތަކުގެ މައްޗަށް ވެސް އަލިއަޅުވާލައްވާފައެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ޒަމާނާއެކު އަންނަ ބަދަލުތަކާއި އަދި ކުރިމަތިވާ އެކި ހާލަތްތަކާއެކު ވެސް ކުދިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށް މުޖުތަމައުގެ ހުރިހާ ފަރާތްތަކުން ޝަމިލުވެ މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ. ހަމަ އެހެންމެ ސްކޫލު ދައުރު ނިންމާ ނުކުންނަ ކޮންމެ ކުއްޖަކީ ކޮންމެވެސް ދާއިރާއަކުން މަސައްކަތެއް ދަސްވެފައިވާ ކުއްޖަކަށް ހެދުމުގެ އަޒުމުގައި ބެލެނިވެރިންނާއި ސްކޫލްތަކުންވެސް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ގާފަރު ކައުންސިލުގެ ޤުރުއާން މުބާރާތަކީ ގާފަރު ރައްޔިތުންގެ މެދުގައި، ކީރިތި ޤުރުއާނަށް ދޭ އަހަންމިއްޔަތުކަން އިތުރުކުރުމަށާއި ކީރިތި ޤުރުއާނަށް ލޯބި ޖެއްސުމުގެ މަޤްޞަދުގައި އެރަށު ކައުންސިލުން އިންތިޒާމުކޮށް ބާއްވަމުން އަންނަ މުބާރާތެކެވެ. މިއަހަރު ބޭއްވި ގާފަރު ކައުންސިލުގެ އަށް ވަނަ ޤުރުއާން މުބާރާތް ކުރިޔަށްގެންގޮސްފައި ވަނީ ޖުމްލަ ހަތް އުމުރުފުރާއަކަށް ބަހާލައިގެން، ބަލައިގެން ކިޔެވުމުގެ ގޮތްޕާއި ނުބަލާ ކިޔުމުގެ ގޮފި ހިމެނޭ ގޮތަށެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މުޅި މުބާރާތުން އެއް ވަނަ ދެ ވަނަ އަދި ތިން ވަނަ ހާސިލުކުރި ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް