އިއްތިހާދުން ވަކިވާން އެމްޑީއޭއިން ނިންމި ނިންމުމަށް އިހްތިރާމްކުރާ ހާލު، އެމްޑީޕީއަކީ އަބަދުވެސް ގަދަކަނޑުގައި ދަތުރުކޮށް ކުރި ހޯދާ ޕާޓީކަމުގައި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިހެން ވިދާޅުވީ އެމްޑީޕީއާއެކު ހަދާފައިވާ އިއްތިހާދުން އެމްޑީއޭ ވަކިވެ ޑރ. މުއިއްޒަށް ތާއީދުކުރަން އެ ޕާޓީން ނިންމިކަން މިރޭ އިއުލާނުކުރުމުން އެކަމާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
އެ ޕޯސްޓްގައި ފައްޔާޒް ވިދާޅުވެފައިވަނީ އެމްޑީއޭގެ އެ ނިންމުމަށް އިހްތިރާމުކުރައްވާ ކަމަށާއި އެއްކޮށް ކެމްޕޭނުގައި ކޮށްދެއްވި ބުރަ މަސައްކަތަށް ވަރަށް ބޮޑަށް ޝުކުރުވެސް ދަންނަވާކަމަށެވެ.
"އެމްޑީޕީއަކީ އަބަދުވެސް ގަދަ ކަނޑުގައި ދަތުރުކޮށް ކުރި ހޯދާ ޕާޓީ، ބަލިކޮށް ނުލެވުނު ހިތްވަރު، ގުޑުވާ ނުލެވުނު އަޒުމު، ކުރިޔަށް ކުރިޔަށް ބާރަށް ކުރިޔަށް" ފައްޔާޒްގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.
އިއްތިހާދުން އެމްޑީއޭ ވަކިވެފައިވާއިރު އެ އިއްތިހާދުގައި ހިމެނޭ އަނެއް ޕާޓީކަމުގައިވާ އަދާލަތުން މިރޭ ވަނީ ރައީސް ސޯލިހާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް