ކިތަންމެ ވަރަކަށް އޮޅުވާލަން މަސައްކަތް ކުރި ނަމަވެސް މި ޤައުމުގައި ބޭރު ސިފައިން ނެތްކަމުގައި ނުވާނެ ކަމަށާއި، ކަނޑު ވިއްކާނުލާ ކަމަކަށް ނުވާނެ ކަމަށާއި އަދި އިގްތިޞާދު ވަކި ޤައުމަކަށް ބަރޯސާވެ އަޅުވެތި ނުވާކަމަކަށް ނުވާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިހެން ވިދާޅުވީ، ދެވަނަބުރުގެ ރިޔާސީ ކެމްޕޭނަށް ފުވައްމުލަކަށް ވަޑައިގަންނަވައި ދެއްކެވި ވާހަކަފުޅުގައެވެ.
މުއިއްޒު ވިދާޅުވީ، ދެވަނަ ބުރުގައި ދެވޭ ގިނަ ރަށްރަށުންނާއި މާލެއިން ވެސް ފެންނަނީ ގިނަ ބަޔަކު ތާއީދުކޮށް، ޕީޕީއެމް/ޕީއެންސީގެ މަސައްކަތާއި ގުޅެމުންދާ ތަން ކަމަށެވެ.
ފުވައްމުލަކަށް ބޭނުންވާ ކަންކަން، ކުރިން ކުރެއްވި ދަތުރެއްގައި ދަންންވާފައި ވާނެކަން ފާހަގަ ކުރައްވައި މުއިއްޒު ވިދާޅުވީ، މި ފަހަރު ދޭނެ ޔަގީންކަމަކީ އެކަންކަން ފުރިހަމަ ކޮށްދޭނެ ކަމުގެ ޔަގީންކަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ، ދިވެހި ރައްޔިތުން ބޭނުންވަނީ އަބުރުވެރި، ފުދުންތެރި ރައްޔިތެއްގެ ގޮތުގައި ދިރިއުޅެން ކަމަށެވެ. އަދި އެކަން ކުރެވެން އަންނަނީ ހުރިހާ ރައްޔިތުންނަށް ގެދޮރުވެރިކަން ޔަގީންކުރެވިގެން ކަމަށެވެ.
އެހެންކަމުން ހުރިހާ ރައްޔިތުންނަށް ފަސް އަހަރުގެ ތެރޭގައި ބޯހިޔާވަހިކަން ހަމަޖައްސައިދޭނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.
ފުވައްމުލަކުގައިވެސް ގެދޮރުވެރިކަމުގެ މަޝްރޫޢޫ ކުރިއަށް ދާނެ ކަމަށާއި، ހައުސިން ލޯނުތައް ފަސޭހައިން ލިބޭނެ ގޮތް ހަދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
އޭގެ އިތުރުން މުއިއްޒު ވިދާޅުވީ، 500 ހައުސިންގް ޔުނިޓްގެ މަޝްރޫޢެއް ހިންގައި އަތްފޯރާ ފަށުގައި ލިބޭ ގޮތް ހަމަޖައްސައިދޭނެ ކަމަށެވެ. އަދި ސޯޝަލް ހައުސިންގ އަގު ބޮޑުވުމަކީ މިހާރު ދިމާވެފައިވާ މައްސަލައެއް ކަމަށާއި، އެ ކަމަށް ހައްލު ހޯދައި އަގު ކުޑަކޮށްދޭނެ ކަމަށެވެ.
ފުވައްމުލައް ސިޓީގައި ޓުއަރިޒަމް ގެ ފުރުޞަތުތައް ފަހިކޮށް ފުޅާކޮށްދޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް