ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭނަށް، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.
ރައީސް އައްޑޫއަށ ވަޑައިގެންނެވީ މިރޭގެ ވަގުތެއްގައެވެ.
މިއީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށްފަހު، އަތޮޅުތެރެއަށް ރައީސް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އިންތިހާބުގެ ކުރިން ރައީސް ވަނީ ރާއްޖޭގެ ގިނަ އަތޮޅުތަކަށް ވަޑައިގަންނަވާފައެވެ. ނަމަވެސް ފުރަތަމަ ބުރު ނިމުމަށްފަހު، މިއަދާ ހަމައަށް އެމަނިކުފާނު ކެމްޕޭން ކުރައްވާފައި ވަނީ މާލެ ސަރަހައްދުގައި އެކަންޏެވެ.
އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބުރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖެހިފައި ވާއިރު، އެމްޑީޕީގެ ކޯލިޝަން އެއް ޕާޓީ ކަމުގައިވާ އެމްޑީއޭއިން ވަނީ އެ ކޯލިޝަނާ ވަކިވެ، އިދިކޮޅު ކޯލިޝަނާ ގުޅެން ނިންމާފައެވެ. އެހެންކަމުން ސަރުކާރު ކޯލިޝަންގައު މިހާރު ތިބޭނީ އެމްޑީޕިއާއި އަދާލަތެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ރައީސް ސޯލިހަށް ލިބިވަޑައިގެންނެވީ 39 އިންސައްތަ ވޯޓެވެ. އަދި ޑރ. މުހައްމަދު މުއިއްޒުއަސް ލިބިވަޑައިގެންނެވީ 46 އިންސައްތަ ވޯޓެވެ. ފުރަތަމަ ބުރުން ނާކާމިޔާބުވި ކެނޑިޑޭޓުންނާއި ޕާޓީތަކުގެ ތެރެއިން ބައެއް ފަރާތްތަކުން ޑރ. މުއިއްޒުއަށް ތާއީދު ކުރަން ނިންމި އިރު، އަނެއްބައި ބޭފުޅުން ނިންމެވީ ވަކި ކޮޅަކަށް ތާއީދު ނުކޮށް ތިބޭށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް