އެއާޕޯޓް އޭޕްރަންގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަންނަ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ރިސްކު އެލަވަންސް ލިބޭނެ ކަން ރައީސް ސޯލިހް އިއުލާނު ކުރައްވައިފިއެވެ.
ރައީސް ސޯލިހް މިކަން އިއުލާނުކުރެއްވީ މިރޭ ބޭއްވި ކެމްޕޭނު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން އެ ވާހަކަ ފައްޓަވަމުން ރައީސް ވިދާޅުވީ މުސާރައިގެ އެއްބައި ޑޮލަރުން ލިބޭގޮތް ހަމަޖައްސައިދިނުން އެއާޕޯޓްގެ ހުރިހާ މުވައްޒަފުން އެދޭ ކަމަށާއި އެކަން ހަމަޖައްސައިދެވިއްޖެ ކަމަށެވެ. އަދި އޭޓީސީ (އެއާ ޓްރެފިކް ކޮންޓްރޯލް) އަކީ ވަކި ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކޮށް މުސާރައިގެ އޮނިގަނޑަށް ބޮޑު ބަދަލެއް ގެނެސް ކުރިއަށް މަސް ދުވަސްތެރޭގައި އެ މުވައްޒަފުންގެ ކަންބޮޑުވުންތަކަށްވެސް ހައްލެއް ލިބިގެންދާނެކަމުގައި ވިދާޅުވިއެވެ.
"އެއާޕޯޓް އޭޕްރަންގައި މަސައްކަތް ކުރާ ފަރާތްތަކަކީ، އެ ފަރާތްތައް ކުރާ މަސައްކަތަކީ ވަރަށް ރިސްކު އެކުލެވިގެންވާ މަސައްކަތެއް، އޮކްޓޯބަރު އެކަކުން ފެށިގެން ރިސްކު އެލަވަންސް ލިބޭނެ ކަމުގެ ޔަގީންކަން އަރުވަން" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ އިންތިހާބާއި ގުޅިގެން ވާ ވައުދުތައް ނޫން ކަމަށާއި މިވާހަކަތަކަކީ މެނިފެސްޓޯގައި ލިޔެވިފައިވާ ވާހަކަތައް ކަމަށެވެ. އަދި ފާޑުކިޔުން އިތުރުވާތީ މިކަމުގެ އިތުރު ތަފްސީލު މިހާރު ހާމަކުރައްވަމުން ގެންދަވަނީ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް