މާ ގިނައިން ފެން ބޯނަމަ ސިއްޚީ މައްސަލަތަކާއި ކުރިމަތިވޭ - ދިރާސާ

ފެނަކީ އިންސާނުންގެ އެންމެ އަސާސީ ކާނާއެވެ. ތުއްތުކުއްޖާ މައިމީހާގެ ރަޙިމުގައި އަށަގަތީއްސުރެފެށިގެން ދުނިޔެއަށް އުފަންވެ، މަރުވެ ދިއުމާ ހަމަޔަށްވެސް، ހަށިގަނޑުގައި އެންމެ މުހިންމު ދައުރެއް އަދާކުރާއެ...

27 Sep 2022 | 13:18

ފެނަކީ އިންސާނުންގެ އެންމެ އަސާސީ ކާނާއެވެ. ތުއްތުކުއްޖާ މައިމީހާގެ ރަޙިމުގައި އަށަގަތީއްސުރެފެށިގެން ދުނިޔެއަށް އުފަންވެ، މަރުވެ ދިއުމާ ހަމަޔަށްވެސް، ހަށިގަނޑުގައި އެންމެ މުހިންމު ދައުރެއް އަދާކުރާއެއްޗަކީ ފެނެވެ. ހަށިގަނޑުގެ ހެދިބޮޑުވުމާއި، ތާޒާކަމާއި، ޒުވާންކަމާއި، އަދި ދުޅަހެޔޮކަން ލިބުމުގައިވެސް ފެނުގެ ދައުރަކީ ވަރަށް މުހިންމު ދައުރެކެވެ.

ސިއްހަތުރަނގަޅު މީހަކަށް ދުވާލަކު 3 ގެލަން ނުވަތަ 84 ތަށި ފެން ބޮވިދާނެއެވެ. ނަމަވެސް ރެއަކާދުވާލު މަދުވެގެން 8 ތަށި ފެން ބޯނަމަ އެއީ ސިއްހީގޮތުން އެކަށިގެންވާ އަދަދެއް ކަމުގައި ބެލެވެއެވެ. އަށްތަށީ ފެނަކީ ރެއަކާދުވާލު ކޮންމެ މީހަކުވެސް މަދުވެގެން ބޯންޖެހޭ މިންވަރުކަމުގައި ވީނަމަވެސް، ކަސްރަތުކުރުން، ނުވަތަ ކުޅިވަރުކުޅުން، ނުވަތަ ދާހިއްލާ ފަދަ ބުރަމަސައްކަތްކުރާނަމަ އަށް ތައްޓަށްވުރެ ގިނައިން ބޯން ޖެހޭނެކަމަށް ސިއްހީމާހިރުން ވިދާޅުވެއެވެ.

ހޫނު މޫސުމުގެ ދުވަސްވަރަކީ އާދަޔާ ހިލާފަށް ގިނައިން ހަށިގަނޑަށް ފެން ބޭނުންވާ ދުވަސްވަރެކެވެ. ހަށިގަނޑުން ފެން މަދުވުމުގެ ސަބަބުން ކުރިމަތިވާ ތަފާތު އެކި ސިއްހީ އުނދަގޫތަކުން ސަލާމަތްވުމަށް މާ ގިނައިން ފެން ބޯ މީހުންވެސް މަދެއް ނޫނެވެ. މާ ގިނައިން ފެންބުއިމުގެ ސަބަބުން އޯވާހައިޑްރޭޓް ވުމަކީވެސް މައްސަލައެއްކަން ހަނދާނުގައި ބަހައްޓަން ވާނެއެވެ.

ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ ގިނައިން ފެންބޮވުމަކީ ހައިޕޯނެޓްރިމިއާގެ ހާލަތަށް ދިއުމަށް މަގުފަހިކުރާ ކަމެކެވެ. މިއީ ހަށިގަނޑުގައި ސޯޑިއަމް އެކުލެވޭ މިންވަރު އިންތިހާއަށް ދަށްކޮށްލާ ހާލަތަކެވެ. ނަމަވެސް ސޯޑިއަމްއަކީވެސް ހަށިގަނޑަށް ބޭނުންވާ މާއްދާއެކެވެ.

ގިނައިން ފެންބުއިމަކީ ގިނަގިނައިން ކުޑަކަމުދާންޖެހޭނެ ކަމެއްތާއެވެ. ސަމާލުކަން ދޭންވީ މިކަމަށެވެ. ކުޑަކަމުދާ ތަކެތި ހުންނަ ކުލަ ބަލާލުން އެދެވިގެންވެއެވެ. ދުޅަހެޔޮ ސިއްހަތެއްގައި ހުންނަ މީހެއް ނުވަތަ ހަށިގަނޑުގެ ހުރިހާ ކަމެއް ރަނގަޅަށް ހުންނަނަމަ ކުޑަކަމުދާތަކެތި ހުންނާނީ މަޑު ރީނދޫ ކުލައެއްގައެވެ. ނުވަތަ މަޑު ރީނދޫ ކުލައިގެ ޝޭޑްތަކެއްގައެވެ. ކުޑަކަމުދާތަކެތީގައި އެއްވެސް ކުލައެއް ނެތްނަމަ އެއީވެސް މައްސަލައެކެވެ. އެއީ އޯވާހައިޑްރޭޓްވުމުގެ އެންމެ ފާޅުކަންބޮޑު އަލާމާތެވެ.

ތަޖުރިބާކާރުން ބުނާ ގޮތުން އޯވާހައިޑްރޭޝަންގެ އަލާމާތްތަކާ ޑީހައިޑްރޭޝަންގެ އަލާމާތްތަކާ މާ ބޮޑު ތަފާތެއް ނެތެވެ. ކިޑްނީއަށް ނުތަކާ ވަރަށް ގިނައިން ފެން ބޮއިފިނަމަ ހަށިގަނޑުގެ އެހެން ހިސާބުތަކަށް އެ ފެންތައް ފޮނުވާލައެވެ. ނަތީޖާއަކަށްވަނީ ބަނޑުގެ އެކި އުނދަގޫތަކާ ކުރިމަތިލާންޖެހުމެވެ. މީގެ ބައެއް އަލާމާތްތަކުގެ ތެރޭގައި މޭ ނުބައި ކުރުމާއި ހޮޑުލުން ފަދަ ކަންކަން ހިމެނެއެވެ.

އޯވާހައިޑްރޭޓްވުމުގެ އެންމެ އާންމު އެއް އަލާމާތަކީ ބޮލުގައި ބާރުގަދަ ވިންދެއް ޖަހާހެން ރިއްސާ ރިއްސުމެވެ. ބައެއް ފަހަރު، މިކަމަށް މާ ބޮޑު ސަމާލުކަމެއް ނުދެވިވެސް ހުރެއެވެ. މާގިނައިން ފެންބޮވިއްޖެނަމަ އެތެރެ ހަށީގެ ގުނަވަންތައް ޒާތަކަށް ބޮޑުވެ، ހަށިގަނޑުގައި ލޮނު އެކުލެވޭ މިންވަރު އިންތިހާއަށް ދަށްކޮށްލައެވެ. މިއާއެކު ސިކުނޑީގެ ނާރުތަކަށް އަންނަ ޕްރެޝަރާއެކު ބޮލުގައި ރިހުމަކަށް ބަދަލުވެއެވެ.

އޯވާހައިޑްރޭޓްވުމުގެ އަނެއް އަލާމަތީ ތުންފަތާ، މޫނާ އަދިވެސް އެހެން ބައެއް ގުނަވަންތައް ދުޅަވެފައި ހުންނަ ކަހަލަ ގޮތަކަށް ފުއްޕަން ފެށުމެވެ. މީގެ އިތުރުން ހަންގަނޑުގެ ކުލަ މަރުވުން ކަހަލަ ގޮތެއް މެދުވެރިވުމާ، މުޅި މީހާގެ ހަށިގަނޑު ފުއްޕާ، ބަރުދަން އިތުރުވާ ގޮތްވެސް މެދުވެރިވެދާނެއެވެ.

ހަށިގަނޑަށް ފެން ބޭނުންވަނީ ކިހާވަރަކަށް ؟

ކޮންމެ ދުވަހަކުވެސް ކުޑަކަމު ދިއުމާއި ބޮޑުކަމު ދިއުމާއި ނޭވާ ލުމުމުގެ ސަބަބުން ވެސް އަހަރެމެންގެ ހަށިގަނޑުން އެތަކެއް ފެނެއް ބޭރުވެއެވެ. ހަށިގަނޑު ރަނގަޅަށް މަސައްކަތް ކުރުމަށްޓަކައި، ފެން ހިމެނޭ ބުއިންތަކާއި ކާނާ ބޭނުންކޮށްގެން އޭގެ ފެން ފޯރުކޮށްދޭން ޖެހެ އެވެ.

އެމެރިކާގެ ނޭޝަނަލް އެކަޑަމީސް އޮފް ސައިންސަސް، އިންޖިނިއަރިންގ، އެންޑް މެޑިސިން އިން ހޯދިހޯދުންތަކުން އެނގުނު ގޮތުގައި ކޮންމެ ދުވަހަކުވެސް ހަށިގަނޑުން އެކި ސަބަބުތަކާއި ހުރެ ބޭރުވާ ފެން އަލުން ހަށިގަނޑަށް ލިއްބައި ދިނުމަށް ދިޔާ އެއްޗެހި ނުވަތަ ފެން ބޭނުންކުރުމަކީ ކޮންމެހެންވެސް މުހިންމުކަމެކެވެ.

އެމެރިކާގެ ނޭޝަނަލް އެކަޑަމީސް އޮފް ސައިންސަސް އިން ބުނާ ގޮތުގައި ފިރިހެނުންނަށް ދުވާލަކު ގާތްގަނޑަކަށް 15.5 ތަށި (3.7 ލީޓަރު) ދިޔާތަކެތި ނުވަތަ ފެން ބޭނުން ވެއެވެ.

އަދި އަންހެނުންނަށް ދުވާލަކު ގާތްގަނޑަކަށް 11.5 ތަށި (2.7 ލީޓަރު) ދިޔާތަކެތި ނުވަތަ ފެން ބޭނުންވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް