ނޭޝަންސް ލީގު: މިރޭ ގަދަ ހިފުމަކަށް ސްޕެއިން އަދި ޕޯޗުގަލް ނުކުންނައިރު، އެންރީކޭގެ އިންޒާރެއް ޕޯޗުގަލްއަށް

ޔޫއެފާ ނޭޝަން ލީގު ސެމީފައިނަލުގެ ފަހު ޖާގައަށް ކުރާ ހަނގުރާމައިގައި މިރޭ ވަރުގަދަ ސްޕެއިން އަދި ޕޯޗުގަލް ނުކުންނައިރު، ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭގެ ބަހުގެ ހަމަލާތަކެއް ޕޯޗުގަލްއަށް އަމާޒުކޮށްފިއ...

27 Sep 2022 | 11:51

ޔޫއެފާ ނޭޝަން ލީގު ސެމީފައިނަލުގެ ފަހު ޖާގައަށް ކުރާ ހަނގުރާމައިގައި މިރޭ ވަރުގަދަ ސްޕެއިން އަދި ޕޯޗުގަލް ނުކުންނައިރު، ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭގެ ބަހުގެ ހަމަލާތަކެއް ޕޯޗުގަލްއަށް އަމާޒުކޮށްފިއެވެ.

ޔޫއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުގެ ފަހުޖާގަ ކަށަވަރު ކުރުމަށް މިރޭ ސްޕެއިން އަދި ޕޯޗުގަލް ނިކުންނައިރު، މިރޭގެ މި މެޗުން މޮޅުވާ ޓީމަކަށް އެ ޖާގަ ކަށަވަރުވެގެން ދާނެއެވެ.

މިރޭގެ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން ސްޕެއިންގެ ކޯޗު ލުއިސް އެންރީކޭ ބުނީ ޕޯޗުގަލް ޓީމަކީ އަބަދުވެސް ސްޕެއިންއާއި ވަރަށް ވާދަވެރި ޓީމެއް ކަމަށާއި ނަމަވެސް ސްޕެއިންގެ މައްޗަށް މާ ގިނަ ކާމިޔާބީތަކެއް ޕޯޗުގަލްއަށް ހޯދިފައިނުވާކަމަށެވެ.

އެންރީކޭ ބުނީ މިރޭގެ މެޗަކީ ވަރުގަދަ ޗެލެންޖަކަށް ވާނެ ކަމަށާއި ނަމަވެސް ފެނާންޑޯ ސަންޓޯސްގެ ޕޯޗުގަލް ބަލިކުރެވޭނެ ހާ ފެންވަރާއި ޤާބިލްކަން ސްޕެއިންގެ ކިބާގައި އެބަހުރިކަމަށެވެ. އަދި މިރޭގެ މެޗުން ޕޯޗުގަލް ބަލިކޮށް ނޭޝަންސް ލީގުގެ ސެމީގެ ފަހު ޖާގަ ކަށަވަރުކުރަން ތައްޔާރަށް އޮތް ކަމަށް ވެސް ސްޕެއިންގެ ކޯޗު އެންރީކޭ ބުންޏެވެ.

އެންރީކޭ ބުނީ އޭނާގެ ކުޅުންތެރިން މިރޭގެ މެޗަށް ވަރަށް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށާއި، މިރޭގެ މެޗު ކިތެންމެ އުނދަގޫ ވިޔަސް ދަނޑުން ފައިބާނީ ތިން ޕޮއިންޓާއި އެކުގައި ކަމަށް އެންރީކޭ ބުންޏެވެ.

" މިރެޔަކީ އަހަރެމެންނަށް ބޮޑު ރެޔެއް. ޔޫރަޕްގެ އެންމެ ވަރުގަދަ އެއްޓީމާ ދެކޮޅަށް މިރޭ މި ނުކުންނަނީ. މިރޭގެ މެޗު ވަރަށް އުނދަގޫވާނެ. އެހެން ނަމަވެސް އަހަރެމެންނަށް ޕޯޗުގަލް ބަލިކުރެވޭނެ. އެފެންވަރުގެ ކުޅުންތެރިން އަހަރެމެންގެ އެބަތިބި. މިރޭގެ މެޗުން މޮޅުވެގެން ނޭޝަންސް ލީގުގެ ސެމީގެ ފަހު ޖާގަ ކަށަވަރަު ކުރުމަށް އަހަރެމެން މިތިބީ ވަރަށް ބޮޑަށް ތައްޔާރުވެގެން. އަހެރެމެންނަށް އެކަން ކުރެވޭނެ. ފެނާންޑޯ ސަންޓޯސްގެ ޕޯޗުގަލް ބަލިކުރެވޭނެ." އެންރީކޭ ބުންޏެވެ.

ސްޕެއިން އަދި ޕޯޗުގަލް އަކީ ޔޫރަޕްގެ ފުޓްބޯޅައިގައި ވަރަށް ވާދަވެރި ދެ ގައުމެކެވެ. މި ދެގައުމު މިހާތަނަށް 39 ފަހަރެއްގެ މަތިން ވަނީ ބައްދަލުކޮށްފައެވެ. އޭގެ ތެރެއިން ޕޯޗުގަލް އަށް މޮޅުވެވިފައިވަނީ އެންމެ ހަ ފަހަރުއެވެ. ސްޕެއިން ވަނީ ޕޯޗުގަލް އަތުން 16 ފަހަރު މޮޅުވެފައެވެ. އަދި 17 ނެޗު ވަނީ އެއްވަރުވެފައިވެއެވެ.

ސްޕެއިން އަދި ޕޯޗުގަލް އެންމެ ފަހުން ބައްދަލުކުރި ހަތަރުު މެޗަށް ބަލާއިރު، މި ހަތަރު މެޗުވެސް ވަނީ އެއްވަރުވެފައެވެ. އެންމެ ފަހުން މި ދެޓީމު ބައްދަލުކޮށްފައިވަނީ މި އަހަރުގެ ޖޫންމަހުގައި ކުޅެވުނު ނޭޝަންސް ލީގުގެ ގުރޫޕް މެޗެއްގައެވެ. މި މެޗުވެސް ވަނީ 1-1 ގެ ނަތީޖާއިން އެއްވަރުވެފައެވެ.

ޕޯޗުގަލް އަދި ސްޕެއިން ބައްދަލުކުރާ މެޗު ކުޅޭނީ މިރޭ ރާއްޖޭ ގަޑިން 11:45 ގައެވެ.

ނޭޝަންސް ލީގުގައި މިހާރު ސެމީގެ ޖާގަތައް ކަށަވަރުވެފައިވަނީ ކްރޮއޭޝިއާ، އިޓަލީ، އަދި ނެދަލެންޑްސް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް