ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން ކޮންފަރެންސެއް ބާއްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތާއި ޔޫކޭ ހައިކޮމިޝަނާއި ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް ގުޅިގެން ‘’މޯލްޑިވްސް ވިމެން އިން ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ކޮންފަރެންސް 2022'' ގެ ނަމުގައި ކޮންފަރެންސެއް ...

27 Sep 2022 | 10:35

ދިވެހި ފުލުހުންގެ ޚިދުމަތާއި ޔޫކޭ ހައިކޮމިޝަނާއި ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް ގުޅިގެން ‘’މޯލްޑިވްސް ވިމެން އިން ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ކޮންފަރެންސް 2022'' ގެ ނަމުގައި ކޮންފަރެންސެއް ބާއްވައިފިއެވެ.

ފުލުހުން މައުލޫމާތުދެއްވާފައިވާގޮތުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އަންހެން މުވައްޒަފުންނަށް ހާއްސަކޮށްގެން އިސްކަންދަރު ބިލްޑިންގައި އިއްޔެއާއި މިއަދު ކުރިއަށް ގެންދިޔަ މި ކޮންފަރެންސްގައި ވަޒީފާގެ މާހައުލާއި ދިރިއުޅުމުގެ އެހެނިހެން ކަންކަމުގައި އަންހެނުން ބާރުވެރިކުރުވުމަށް މައުލޫމާތު ދީފައިވެއެވެ.

އެގޮތުން، އަމިއްލަ ކެރިއަރ ކުރިއަރުވައި ހަރުދަނާކަމާއެކު ހިތްފަސޭހަކަން ގާއިމުކުރުމަށް މަސައްކަތްކުރުން، އުންމީދީ ލަނޑުދަނޑިތައް ކަނޑައެޅުން، އެހެން އަންހެނުންނަށް އިރުޝާދުދިނުން، ގާނޫނު ތަންފީޒުކުރުމުގައި އަންހެނުން ޝާމިލުވާ މުޖުތަމައެއް އޮތްކަން ހާމަކޮށްދިނުމާއެކު އަމިއްލަ ނަފުސަށް ވަކާލާތުކުރުމަށް މަސައްކަތްކުރުން، ޖިސްމާނީ، ނަފްސާނީ، އަދި އިޖުތިމާއީ ދުޅަހެޔޮކަން ދެމެހެއްޓުމާއެކު ކުރިއަށްދާނެ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ.

އޭގެ އިތުރުން އެކި ކަންކަމުގައި އަންހެނުންނާ މެދު ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަށް މަސައްކަތްކުރުން، ވަޒީފާގެ މާހައުލުގައި އަންހެނުންގެ ދައުރާއި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓްގެ ފުރުސަތުތައް އަންްހެނުންނަށް ފަހިކޮށްދިނުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާކޮށް ހިޔާލުބަދަލުކޮށްފައިވާކަމަށާއި އަދި ވަޒީފާގެ މާހައުލުގައި އަންހެނުންގެ ބައިވެރިވުމާއި ޖަވާބުދާރީވުން އިތުރުކުރުމާއި ހަމަހަމަކަން ގާއިމުކުރުމަށް މަސައްކަތްކުރެވިދާނެ ގޮތުގެ މައުލޫމާތު ހިއްސާކޮށްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މި ކޮންފަރެންސްގައި ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް އިމިގްރޭޝަން، މޯލްޑިވްސް ކަސްޓަމްސް ސަރވިސް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް، އެންޓި ކޮރަޕްޝަން ކޮމިޝަން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަދި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ މުވައްޒަފުން ހިމެނޭހެން ޖުމްލަ 50މުވައްޒަފުން ބައިވެރިވިއެވެ.

މޯލްޑިވްސް ވިމެން އިން ސެކިއުރިޓީ އެންޑް ލޯ އެންފޯސްމަންޓް ކޮންފަރެންސް ޔޫކޭ ހައިކޮމިޝަނާއި ޔޫއެސް ޑިޕާޓްމަންޓް އޮފް ޖަސްޓިސް ގުޅިގެން މި އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް