އަބަދުވެސް މަސައްކަތްކުރަންވީ ގައުމީ ބަތަލުންގެ މިސާލުން އިބްރަތް ލިބިގަނެ ގައުމައިގެން ކުރިއަށްދިއުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގައުމީ ދުވަހުގެ މުނާސަބަތުގައި ކުރެއްވި ޓްވީޓެއްގައެވެ.
ގައުމީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރައްވަމުން ރައީސް ސޯލިހް ވިދާޅުވެފައިވަނީ އަޅުގަނޑުމެން އަބަދުވެސް މަސައްކަތްކުރަންވީ ޤައުމީވަންތަކަން ދިރުވުމަށް އިސްކަންދީ އަދި ޤައުމީ ބަޠަލުންގެ މިސާލުން އިބްރަތް ލިބިގަނެ ޤައުމައިގެން ކުރިއަށް ދިޔުމަށް ކަމަށެވެ.
ގައުމީ ދުވަހުގެ ހާއްސަ އިހްތިފާލު މިއަދު ބާއްވާފައިވަނީ ހއ. އުތީމުގައެވެ. މި އިހްތިފާލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. ގައުމީ ދުވަހާއި ގުޅިގެން ބޭއްވި ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 6:00 ގައި، ގަނޑުވަރު މައިދާނުގައެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ސަރުކާރުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް