ގައު ކޮށީގެ ކޮޓަރިތަކަށް ވާރޭ ވެހެނީ - ދިރިއުޅޭ ފަރާތްތައް ގޮތް ހުސްވެފައި

މާލޭ ގައު ކޮށީގެ ކޮޓަރިތަކަށް ވާރޭ ވެހި ފެންބޮޑުވާން ފަށައިފި އެވެ. އެތަނުގައި ދިރިއުޅޭ މީހަކު ދުވަސްއެމްވީ އާ މައުލޫމާތު ހިއްސާކުރަމުން ބުނީ މިއީ އަބަދުގެ ވެސް ހާލަތު ކަމަށެވެ. އަދި މިހާރު ކުރަމުންދާ...

27 Sep 2021 | 18:30

މާލޭ ގައު ކޮށީގެ ކޮޓަރިތަކަށް ވާރޭ ވެހި ފެންބޮޑުވާން ފަށައިފި އެވެ.

އެތަނުގައި ދިރިއުޅޭ މީހަކު ދުވަސްއެމްވީ އާ މައުލޫމާތު ހިއްސާކުރަމުން ބުނީ މިއީ އަބަދުގެ ވެސް ހާލަތު ކަމަށެވެ. އަދި މިހާރު ކުރަމުންދާ ވިއްސާރައިގާ ވެސް ކުޑަދޮރުތަކުން ފެން ވަދެ މުޅި، ކޮޓަރިތެރޭގައި ފެން ބޮޑުވެފައިވާ ކަމަށެވެ.

"ވާރޭ ވެހެންޏާ އަޅުގަނޑުމެން އުޅޭ ހާލަކީ މީ. މުޅި ކޮޓަރިތެރެ އޮންނަނީ ފެން ބޮޑުވެފަ. މިއަދު ވެސް އަޅުގަނޑުމެން ހުޅުމާލެއަށް ގޮއްސަ އައި އިރު ކަމަކުދާކަށް ނެތް. މިއޮތީ ފެން ބޮޑުވެފަ. ކުޑަދޮރު ކައިރިން މިއޮށް ވަންނަނީ ފެންގަނޑު. ދެން މި ޖެހެނީ ތުވާއްޔާއި އޭތިމީތި އަޅައިގެން އެކަން ރަމަތަ ކުރަން." އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ މެއިންޓެނަންސް އަށް ކަމަށް ބުނެ ކޮންމެ މަހަކު ވެސް 1500 ރުފިޔާ ނަގާ ކަމަށެވެ. ނަމަވެސް މިކަން ހައްދުވާގޮތެއް ނުވާ ކަމަށް ވެސް ބުންޏެވެ.

އޭނާ އިތުރަށް ބުނީ ގައު ކޮށީގެ ކޮޓަރިތަކުގައި ތިބެނީ ވަރަށް ބޮޑު ކުއްޔަކަށް ކަމަށެވެ. އެގޮތުން އަށްހާސް ރުފިޔާ އާއި ފަނަރަ ހާސް ރުފިޔާ އަދި ވިހި ހާސް ރުފިޔާގެ ކުލި ނަގާ ކޮޓަރި އެތަނުގައި ހުރިކަން އޭނާ ވަނީ ފާހަގަ ކޮށްފަ އެވެ.

އެހާބޮޑު ކުލި ނަގާ އަދި މެއިންޓެންނަންސްއަށް ވެސް ކޮންމެ މަހަކު ފައިސާ ނަގާ އިރު، އެތަނުގައި ދިރުއުޅޭ މީހުންގެ ހާލަށް އެއްވެސް ވަރަކަށް ނުވިސްނާކަން ވެސް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ ކޮޑަދޮރާއި ބޮޑުދޮރުތަކުގެ ދަށުން ފެން ވަނުމުގެ ސަބަބުން ހިފާ ގެންގުޅޭ ތަކެއްޗަށާއި އިލެކްޓްރިކް ސާމާނުތަކަށް ވެސް ވަރަށްބޮޑަށް ގެއްލުން ވެފައިވާ ކަމަށެވެ. އަދި ސިޓިންގ ރޫމަށް ވެސް ފެން ވަދެ އެތަނުގައި ތިބުމަށް ވެސް ދަތިވާ ހިސާބަށް ގޮސްފައިވާ ކަމަށް އޭނާ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް