ސާފް ޗެމްޕިއަންޝިޕް 2021: ޓީމް ޕްރޮފައިލް - ދިވެހި ރާއްޖެ

ރާއްޖެއަކީ އިންޑިއާއަށް ފަހު ދެވަނައަށް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރު ކަމުގައި ބެލެވިފައިވާ ގައުމެވެ. 1997 ވަނަ އަހަރު ނޭޕާަލުގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް މުބާރާތުން ފެށިގ...

27 Sep 2021 | 18:22

ރާއްޖެއަކީ އިންޑިއާއަށް ފަހު ދެވަނައަށް ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅައިގެ އެންމެ ވަރުގަދަ ބާރު ކަމުގައި ބެލެވިފައިވާ ގައުމެވެ. 1997 ވަނަ އަހަރު ނޭޕާަލުގައި ބޭއްވުނު ސާފް ޗެމްޕިއަންޝިޕް މުބާރާތުން ފެށިގެން ގަވައިދުން މި މުބާރާތުގައި ވާދަކުރަމުން އަންނަ ރާއްޖެއަކީ މި މުބާރާތް ދެވަނައަށް އެންމެ ގިނައިން ކާމިޔާބު ކޮށްފައިވާ ގައުމު ވެެސް މެއެވެ.

މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ 10 މުބާރާތެއްގައި ވާދަކޮށްފައިވާއިރު ރާއްޖެ ވަނީ މި މުބާރާތުގެ ތަށި ދެ ފަހަރު ހޯދާފައެވެ.

ފީފާ ރޭންކިންގެ 158 ވަނައިގާ މިވަގުތު އޮތް ރާއްޖެ ސާފް ޗެމްޕިއަންޝިޕްގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، ރާއްޖެ ވަނީ އެގައުމުން ވާދަކުރި ދިހަ މުބާރާތުގެ ސެމީ ފައިނަލް ކުޅެފަ އެވެ. އޭގެ ތެރެއިން ފަސް މުބާރާތެއްގެ ފައިނަލް ކުޅެފައިވާއިރު، ދެ ފަހަރު މުބާރާތް ކާމިޔާބު ކޮށްފައި ވެއެވެ.

ރާއްޖެ ފައިނަލުގައި ކުޅެފައިވަނީ 1997 ވަނަ އަހަރު ނޭޕާލުގައި ބޭއްވި މުބާރާތުގައާއި 2003 ވަނަ އަހަރު ބަނގްލަދޭޝްގައި ބޭއްވި މުބާރާތާއި، 2008 ވަނަ އަހަރު ރާއްޖެއާއި ސްރީލަންކާގައި ބޭއްވުނު މުބާރާތުގެ އިތުރުން 2009 ވަނަ އަހަރާއި 2018 ވަނަައަހަރު ބަނގްލަދޭޝްގައާއި ބޭއްވުނު މުބާރާތުގައެވެ.

މީގެ ތެރެއިން މުބާރާތުގެ ތަށި ރާއްޖެއިން ނަގާފައިވަނީ 2008 ވަނަ އަހަރާއި އެންމެ ފަހުން 2018 ވަނަ އަރު ބޭއްވި މުބާރާތުގައެވެ.  މި ގެ ފަހަރުވެސް ރާއްޖެ ތަށި ނެގީ ފައިނަލުގައި އިންޑިއާ ބަލިކުރުމަށް ފަހުގައެވެ. މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ވެސް ރާއްޖެއެވެ.

ރާއްޖެ މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގެ 10 މުބާރާތެއްގައި ވާދަކޮށްފައިވާއިރު، އެޓީމުން ވަނީ މި ދިހަ މުބާރާތުގައި ޖުމްލަ 43 މެޗު ކުޅެ 22 މެޗުން މޮޅުވެފައެވެ. އެގާރަ މެޗުން އެއްވަރުވިއިރު، ދިހަ މެޗުން ވަނީ ބަލިވެފައެވެ.

ކޯޗު

ރާއްޖޭގެ ގައުމީ ޓީމަށް މިވަގުތު އިރުޝާދު ދެމުން ގެންދަނީ ރާއްޖޭގައި މިވަގުތު ތިބި ކޯޗުންގެ ތެރެއިން އެންމެ ތަޖުރިބާކާރު އެއް ކޯޗު ކަމުގައިވާ އަލީ ސުޒޭނެވެ. ސުޒޭން ރާއްޖޭގެ ސީނިއަރ ގައުމީީމާއި ހަވާލުވެފައިވަނީ މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށެވެ.

ސުޒޭނަކީ ރާއްޖޭގެ ކުލަބު ލެވެލްގައި ގިނަ ކާމިޔާބީތަކެއްވެސް ހޯދާފައިވާ ފަރާތެކެވެ. ސުޒޭން ވަނީ މީގެ ކުރިން ރާއްޖޭގެ ސީނިއަރ ގައުމީޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމުވެސް ފުރާފަ އެވެ.

މީގެ އިތުރުން އޭނާ ވަނީ ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީޓީމަށް ވެސް ކޯޗުކަން ކޮށްދީފައެވެ. މި ފަހަރުގެ މި މުބާރާތަކީ ސުޒޭނުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ސީނިއާ ގައުމީޓީމު ވާދަކުރާ ފުރަތަމަ ބޮޑު މުބާރާތެވެ.

މުހިންމު ކުޅުންތެރިން

ނިސްބަތުން ރާއްޖެއަކީ ވެސް މި ސަރަހައްދުގެ އެހެން ގައުމަތަކާއި އަޅާބަލާއިރު ހުނަރުވެރި ކުޅުންތެރިންތަކެއް ތިބި ގައުމެކެވެ. އެގޮތުން އެންމެ ފާހަގަ ކޮށްލެވޭ އެއް ކުޅުންތެރިއަކީ ތަޖުރިބާކާރު ފޯވާޑް އަލީ އަޝްފާޤް (ދަނގަޑޭ) އެވެ.

އޭނާއަކީ މުޅި އޭޝިއާ ސަރަހައްދުން ވެސް ހޮވާލެވޭ ހުނަރުން ފުރިފައިވާ މޮޅު ކުޅުންތެރިއެކެވެ. ސާފް ސަރަހައްދުގައިވެސް މިވަގުތު ހުރި އެންމެ މޮޅު އެއް ކުޅުންތެރިއާއެވެ. ފުޓްބޯޅައިގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވެއެވެ. މިހާތަނަށް ރާއްޖޭގެ ގައުމީޓީމަށް ކުޅެދިން 82 މެޗުގައި 53 ގޯލު ކާމިޔާބު ކޮށްފައިވެއެވެ.

ސާފް ޗެމްޕިއަންޝިޕް މުބާރާތުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިއަކީ ވެސް އަޝްފާޤެވެ. އަޝްފާޤު ވަނީ ޖުމްލަ 20 ލަނޑު ޖަހާފައެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ މެޗުތައް

01 އޮކްޓޫބަރ: ރާއްޖެ – ނޭޕާލް (21:00)

07 އޮކްޓޫބަރ: ރާއްޖެ- ބަނގްލަދޭޝް (21:00)

10 އޮކްޓޫބަރ: ރާއްޖެ - ސްރީލަންކާ (16:00)

13 އޮކްޓޫބަރ: ދިވެހިރާއްޖެ - އިންޑިއާ (21:00)

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް