އިންޑިއާގައި ނިޔާވި އެމްއެންޑީއެފްގެ ލާންސް ކޯޕްރަލް ސުލްތާންގެ ޖަނާޒާ އަސްކަރީ ޢިއްޒަތުގައި ބާއްވައިފި

އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީގައި ތަމްރީނު ހަދަމުން ދަނިކޮށް ކުއްލިގޮތަކަށް ނިޔާވި އެމްއެންޑީއެފުގެ ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން އިބްރާހީމްގެ ޖަނާޒާ އަސްކަރީ ޢިއްޒަތުގައި ބާއްވައިފި އެވ...

27 Sep 2021 | 15:47

އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީގައި ތަމްރީނު ހަދަމުން ދަނިކޮށް ކުއްލިގޮތަކަށް ނިޔާވި އެމްއެންޑީއެފުގެ ލާންސް ކޯޕްރަލް މުޙައްމަދު ސުލްޠާން އިބްރާހީމްގެ ޖަނާޒާ އަސްކަރީ ޢިއްޒަތުގައި ބާއްވައިފި އެވެ.

ސުލްތާން ނިޔާވެފައިވަނީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑަމީގައި ތަމްރީނު ޙަރަކާތެއްގައި އުޅެނިކޮށް މިދިޔަ ހޮނިހިރު ދުވަހު އެވެ. އަދި އޭނާގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ މިއަދު މެންދުރުގެ ވަގުތެއްގަ އެވެ.

އުމުރުން 22 އަހަރުގެ މުޙައްމަދު ސުލްތާން އިބްރާހީމްގެ މޫނުދެއްކުން މިއަދުގެ އަސުރުވަގުތުން ފެށިގެން ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

އޭނާގެ މޫނު ދުށުމަށް ދިވެހި އަސްކަރިއްޔާގެ އެކި ރޭންކުތަކުގެ އޮފިސަރުންނާއި އެންމެ މަތީ އޮފިސަރުންނާއި ޢައިލާ އަދި ގިނަ ބަޔަކު ވަނީ އާސަހަރާއަށް ގޮސްފަ އެވެ.

ކޯޕްރަލް މުޙައްމަދު ސުލްޠާން ނިޔާވެފައިވަނީ އިންޑިއާގެ ޕޫނޭގައި ހުންނަ ނޭޝަނަލް ޑިފެންސް އެކަޑެމީގައި އޮފިސަރ ކެޑޭޓް ތަމްރީނު ހަރަކާތުގައި ކޭމްޕް ގްރީންހޯންގައި ކުރިއަށްގެންދިޔަ އެންޝިއުރެންސް ދުވުމެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގަ އެވެ.

އޭނާ ދުވަމުންދަނިކޮށް ވެއްޓުމާއެކު ވަގުތުން އިމަޖެންސީގައި ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށާއި ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފަ އެވެ.

2018 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 8 ވަނަ ދުވަހު ދިވެހި އަސްކަރިއްޔާގެ ޚިދުމަތާއި ގުޅުނު މުޙައްމަދު ސުލްޠާން ފުރިހަމަކުރަމުން ދިޔައީ މިއަހަރުގެ މާރިޗް 1އިން 2024 ވަނަ އަހަރުގެ މާރިޗް 15 އަށް އިންޑިއާގެ ޕޫނޭ ނޭޝަނަލް ޑިފެންސް އެކެޑެމީގައި ކުރިއަށްގެންދާ 145 ވަނަ އޮފިސަރ ކެޑޭޓް ކޯހެވެ.

އޭނާ ނިޔާވުމާއި ގުޅިގެން އިއްޔެގެ އިރުއޮއްސި 6:00 އިން ފެށިގެން 48 ގަޑިއިރަށް ސިފައިންގެ މަރުކަޒުތަކުގައި ހުންނަ ސިފައިންގެ ދިދަ ބައިދަނޑިއަށް ވަނީ ތިރިކޮށްފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް