އިންޓަނެޓް ފްރީޑަމް ލިސްޓަށް އަލަށް އެރި ޓައިވާން، ޗައިނާއަށް ގޮން ޖަހައިފި

ޗައިނާއިން އަތް ގަދަކޮށްފަ އޮންނަ ޓައިވާނު އިންޓަނެޓް ފްރީޑަމް ލިސްޓުގެ ފަސް ވަނައިގަ ހިމެނިއްޖެ އެވެ. 80 ޕޮއިންޓާއި އެކު ޓައިވާން އެ ލިސްޓުގައި ހިމެނި މިއީ ފުރަތަމަ ފަހަރެވެ. މިފަހަރުގެ ލިސްޓުގައި ބަ...

27 Sep 2021 | 15:30

ޗައިނާއިން އަތް ގަދަކޮށްފަ އޮންނަ ޓައިވާނު އިންޓަނެޓް ފްރީޑަމް ލިސްޓުގެ ފަސް ވަނައިގަ ހިމެނިއްޖެ އެވެ.

80 ޕޮއިންޓާއި އެކު ޓައިވާން އެ ލިސްޓުގައި ހިމެނި މިއީ ފުރަތަމަ ފަހަރެވެ. މިފަހަރުގެ ލިސްޓުގައި ބަލާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން މިއަހަރުގެ ޖޫންގެ ނިޔަަލަށް އިންޓަނެޓް މެދުވެރިކޮށް މުއާމަލާތްތައް ކުރުމުގައި މިނިވަންކަން ގައުމުތަކުން ދީފައިވާ މިންވަރަށެވެ.

އެމެރިކާގައި ހިންގާ ފްރީޑަމް ހައުސްއިން އެކުލަވާލާފައިވާ މި ލިސްޓުގައި މިހާ ބޮޑު ކާމިޔާބެއް ޓައިވާނަށް ލިބިފައިވަނީ އިންޓަނެޓް މެދުވެރިކޮށް މައުލޫމާތު ހޯދުމާއި މައުލޫމާތު ބަދަލު ކުރުމުގައި ދީފައިވާ މިނިވަން ކަމަށް ބެލުމަށް ފަހު އެވެ. އަދި އެއްވެސް ވެބްސައިޓަކަށް ވަނުމަށް ޓައިވާނުން ހުރަސް ނޭޅުން ނުވަތަ ޓައިވާނުން އެއްވެސް ބައެއްގެ ވެބްސައިޓެއް ބްލޮކް ކޮށްފައި ނުވާތީ އެވެ.

މީގެ އިތުރުން ހިޔާލުފާލު ކުރުމުގެ މިނިވަން އޮތުމާއި އެކު ރައްޔިތުންނަށް އެކަށީގެންވާ ހެޔޮ އަގެއްގައި އިންޓަނެޓްގެ ހިދުމަތް ލިބޭތީ އެވެ.

މި ލިސްޓުގައި އަލަށް ހިމެނުނު ގައުމުތަކުގެ ތެރޭގައި އިރާގު، ކޮސްޓަރިކާ ނިކަރާގުއާ އަދި ގާނާ އާއި ސާބިއާ ހިމެނެ އެވެ. ލިސްޓުގެ އެއްވަނައިގަ އޮތީ 96 ޕޮއިންޓާއި އެކު އައިސްލޭންޑެވެ.

ޓައިވާނަށް އަތް ގަދަ ކޮށްފައިވާ ޗައިނާ ހިމެނިފައިވަނީ މި ލިސްޓުގެ އެންމެ ފަހަތުގައި އެވެ. ޗައިނާއަށް ލިބިފައިވަނީ އެންމެ 10 ޕޮއިންޓެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް