ޕްރޮވިންސްތަކަކަށް ފެން ފޯރުކޮށްދިނުމަށް ގާއިމްކޮށްފައިވާ ދުނިޔޭގެ އެންމެ ވަރުގަދަ އަދި އެންމެ ބޮޑު އިރިގޭޝަން ސިސްޓަމް ހަދާފައިވާ ގައުމަކީ ޕާކިސްތާނެވެ.
ސިސްޓަމް ކިތަންމެ ބޮޑުވެފަ، އާބާދީގެ ބޮޑުބަޔަކަށް މާބޮޑު ދަތިތަކެއް ނެތި ފެން ލިބުނު ނަމަވެސް ސިސްޓަމް މެދުވެރިކޮށް ފެން ނެގުމުގައި އެއް ޕްރޮވިންސް އަނެއް ޕްރޮވިންސްގެ ދެމެދު ހަނގުރާމަ ކުރުމަކީ ޒަމާނުންސުރެ އެ ގައުމުގައި ހިނގަމުންދާ ކަމެކެވެ. ބައެއް ފަހަރު އެއް ޕްރޮވިންސަކުން ގިނައިން ފެންނަގާ ކަމަށް ބުނެ އެހެން ޕްރޮވިންސްތަކުގައި މުޒާހަރާ ކުރާ ފަހަރު އާދެ އެވެ.
ރިޕޯޓުތައް ބުނާގޮތުގައި މިއީ ޕާކިސްތާނުގެ އެއްވެސް ސަރުކާރަކަށް ހައްލު ކުރެވިފައިނުވާ ގައުމީ މައްސަލަ އެކެވެ.
މިހާރު އުފެދިގެން އުޅޭ މައްސަލައަށް ބަލާލާއިރު ފެނުން ވައްކަން ކުރާ ކަމުގެ ތުހުމަތު އަމާޒުވެފައިވަނީ ޕާކިސްތާނުގެ އެންމެ އާބާދީ ބޮޑު ސިންދް ޕްރޮވިންސްއަށެވެ. އެ ޕްރޮވިންސްއަށް އަހަރަކު 142 މިލިއަން އޭކަރުގެ ސަރަހައްދެއްގައި ހަދާފައިވާ ސިސްޓަމްތަކުން ފެން ބޭނުން ކުރުމުގެ ހުއްދަ އޮވެ އެވެ.
އެ އަދަދުގެ އިތުރުން މިފަހުން ސަރުކާރުން ވަނީ ފެން ދޫކުރުމުގައި ކޮންމެ ޕްރޮވިންސަކަށް ހަމަހަމަކަމާއި އެކު ވަކި އަދަދަކަށް ފެން އިތުރަށް ދޫކުރަން ފަށާފަ އެވެ. ސިންދަށް ތުހުމަތުގެ އިނގިލި ދިއްކުަރަނީ ކަނޑައަޅާފައިވާ އިތުރު ޕަސެންޓުގެ ފެނުގެ އިތުރުންވެސް ފެންނަގާ ކަމަށް ބުނެ އެވެ.
މި މައްސަލައިގަ ސިންދުން ބުނަމުންދަނީ ފެން ދޭ މިންވަރު އިތުރު ކުރާނަމަ ކުރަން ޖެހޭނީ އާބާދީއަށް ބަލައިގެން ކަމަށެވެ. ސިންދުގެ މި ޑިމާންޑާއި ގުޅިގެން ޕަންޖާބް ޕްރޮވިންސުން ބުނެފައިވަނީ އެހެން ހަދައިފި ނަމަ ޕަންޖާބުގެ އެކި ސަރަހައްދުތަކަށް ފެން ފޯރުކޮށްދިނުމަށް ހަދަމުންދާ ތާނގީތައް ހަދާ ސަރަހައްދުން ބައެއް ދާނެ ކަމަށާއި އާބާދީއަށް ބަލައިގެން ފެނުގެ ޕަސެންޓު އިތުރުކޮށްފި ނަމަ މާގިނަ ފެން ސިންދަށް ލިބޭނެ ކަމަށެވެ.
ތަޖުރިބާކާރުން ގަބޫލު ކުރާގޮތުގައި ޕާކިސްތާނުގެ ކޯރުތަކުން ނަގާ ފެނުގެ މައްސަލައަކީ އެއްވެސް ސަރުކާރަކަށް ހައްލު ކުރެވޭނެ މައްސަލައަކަށް ނުވާތީ މިފަދަ ހަމަނުޖެހުންތަކުގައި މާބޮޑަކަށް ސަރުކާރުން ބައިވެރިއެއް ނުވެ އެވެ. ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަނީ ފެނުން ކުރެވޭނެ އިތުރު އިންވެސްޓަކާއި މެދު ކަމަށް ބުނެ އެވެ.
އެގޮތުން އެ ގައުމު ސަރުކާރުން މިހާރު ވަނީ ފެނުން ކަރަންޓު އުފެއްދުމުގެ ބޮޑު މަޝްރޫއުއެއް ފަށަން ނިންމައި އެކަން އިއުލާނުކޮށްފައި ކަމަށް ރިޕޯޓުތައް ބުނެ އެވެ. އަދި މިކަމަށް ގިނަ އަދަދެއްގެ ފެން ބޭނުން ކުރަން ނިންމާފައިވެ އެވެ.
ސަރުކާރުގެ މި ނިންމުމާއި ގުޅިގެން ސިންދުންވެސް ހިތްހަމަނުޖެހުން ފާޅު ކޮށްފައިވާއިރު އެންމެ ބޮޑު ކަންބޮޑުވުމެއް ފާޅު ކުރަމުންދަނީ ޕަންޖާބާއި ކުދި ޕްރޮވިންސްތަކުންނެވެ. އަދި ބައެއް ސްޓޭޓްތަކުގެ މަޖިލީހުން ދަނީ އެ މަޝްރޫއުއާއި ދެކޮޅަށް ބިލުތައް ފާސްކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް